މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް އާމިރު ގާނޫނު އަސާސީ އަށް އަނެއްކާވެސް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 ކަމަށް ކަނޑައަޅައި، އެ އަދަދު އިތުރު ނުވާނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ގާނޫނު އަސާސީ އަށް އަނެއްކާ ވެސް އިސްލާހު ހުށަހަޅުއްވައިފި އެވެ.

އާމިރު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުމަށެވެ. އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް މެމްބަރުންގެ އަދަދަކީ 85 ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ވަކި އިންތިހާބީ ދާއިރާ ތަކެއްގެ ގޮތުގައި ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރާނީ އެންމެ މެމްބަރެއް ކަމަށް ވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީ ހަތަރު ލައްކައެއްހާ މީހުންގެ މައްޗަށް ބިނާވެފައިވާއިރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރެވޭ މެމްބަރުންގެ އަދަދު އިތުރުވެގެން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ވާތީ ކަމަށެވެ.

"އެ އަދަދު އިތުރުވެގެން ދިއުމަކީ ގައުމުގެ އިގްތިސާދަށާއި ގައުމުގެ އިދާރީ ހިންގުމަށް ގެނެވޭ އެންމެ އެދެވޭ ބަދަލެއް ކަމުގައި ގަބޫލެއް ނުކުރެވޭ." ބިލު ހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށްވުރެ އިތުރުވެގެން ދިއުމަކީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ އެކަށޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް އިސްލާހު ހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި އާމިރު ބަޔާންކުރައްވައިފައި ވެއެވެ.

އާމިރު ވަނީ މި މައްސަލަ ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ މަޖިލީހުން ވަނީ އެ މައްސަލަ ބަލައިވެސް ގެންފަ އެވެ. އެހެން ނަމަވެސް ދައުރު ނިމިގެން ދިޔަ އިރު ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު