ޑޯގު ކެނައިންތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ޑޯގު ކެނައިންތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ފުލުހުންކޮށްފައިވާ އިއުލާނެއްގައި ވަނީ އައިއެންއައިއޭގައި ޑޯގު ކެނައިންތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑޯގުކެނައިންތައް ހެދުމަށް މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން ދެ ފަރާތަކުން ވަނީ ބީލަން ހުށަހަޅާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހުގެ 10:00 އިން 11:00 ކަމަށެވެ. ބީލަން ފޮތެއްގެ އަގަކީ 200ރ. އެވެ.

ފުލުހުން ބުނީ އެ ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ 1:00 ގައި ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ 1:00 ގައި ކަމަށް ޕޮލިހުން ބުނެ އެވެ.

ޑޯގު ކެނައިންތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު، ޑޯގުތައް ރާއްޖެ ގެނައުމަށް 40،000 ޔޫރޯ މިދިޔަ ހަފްތާގެ ތެރޭ ހޮލެންޑްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ވަނީ ދައްކާފަ އެވެ.
ރާއްޖެ ގެންނަ ޑޯގު ސްކޮޑަށް ދީފައިވާ ނަމަކީ "ފާރަގެމަ" އެވެ. ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ އަލަށް އުފަންކޮށްފައިވާ 16 ކުއްތާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު