އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކުން ބޮޑު ޑިޕޮސިޓެއް ބަހައްޓަންޖެހޭ ގޮތަށް ހަމަޖައްސައިފި

ހުއްދަ ނުހޯދައި އެއްވެސް ކުންފުންޏަކަށް ރާއްޖެެއިން މީހުން އުމްރާ އަށް ނުގެންދެވޭ ގޮތަށް ހަމަޖައްސައި، އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކުން ޑިޕޮސިޓްގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އިސްލާމިކް މިނިސްޓްރީގައި ބަހައްޓަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން މިއަހަރު އުމްރާ އަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު މުނީޒާ މިއަދު "ސަން" އަށް ވިދާޅުވީ ކުންފުނިތަކުން ޑިޕޮސިޓެއް ނަގާ ގޮތަށް ހަމަޖެއްސީ މީސްމީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހިޔާނާތްތެރިވާ މައްްސަލަތައް އިތުރުވަމުންދާތީ ކަމަށެވެ.

"ޑިޕޮސިޓްގެ ގޮތުގައި ނަގާ ފަސްލައްކަ ރުފިޔާ ބަހައްޓަން ޖެހޭނީ އުމްރާ އަށް ހުއްދަ ދޭ މުއްދަތުގެ ނިޔަލަށް. އެގޮތަށް ހަމަޖެއްސީ ހިޔާނާތުގެ މައްސަލަތައް އިތުރުވަމުން ގޮސްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް. މިގޮތަށް ހަމަޖެއްސުމުން މީގެ ފަހުން ދެން ހުއްދަ ނުނަގައި އެއްވެސް ބަޔަކަށް މީހުން އުމްރާ އަކަށް ނުގެންދެވޭނެ. ހުއްދަ ނެގުމުން މީހުން އުމްރާ އަށް ގެންދިއުމުގެ ކަންތައްތައް ކުރުމުގައި މިނިސްްޓްރީ މެދުވެރިކޮށް ސައުދީ އަރަބިއްޔާ އިން ވެސް ހިދުމަތްތައް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ." މުނީޒާ ވިދާޅުވި އެވެ.

އުމްރާ އަށް މީހުން ގެންދަން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ކުންފުންޏަކީ ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހެ އެވެ. އަދި އެ ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.

މީގެއިތުރުން އުމްރާ އަށް ގެންދާ މީހާ އާއި އެކުންފުންޏާ ދެމެދު ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ އާއި ހުއްދަ އަށް އެދޭ ކުންފުނީގެ މެޖޭނިންގް ޑިރެކްޓަރާއި ބޯޑުގެ މެމްބަރުންނާއި އަދި އުމްރާ އާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމްތައް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު