ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަން ޗެންޕިއަންކަން ޔުނީކް އަށް

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައިލޯ 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ޔުނީކް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

އެކުވެނި އިންޑޯ ހޯލްގައި ރޭ ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުގައި ޔުނީކް ސްޕޯޓަސް ކްލަބާއި ބައްދަލުކޮށްފައި ވަނީ ކްލަބް ސްޓެޓިކް އެވެ. މި މެޗު ޔުނީކް ކާމިޔާބު ކޮށްފައި ވަނީ ކުޅުނު ފަސް ސެޓުގެ ތެރޭން ތިން ސެޓު ކާމިޔާބު ކޮށްގެނެވެ.

މީގެ އިތުރުން ހަތް ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ ކުއާޓާ ފައިނަލްގައި ބައްދަލުކޮށްފައި ވަނީ މ. ބީޑީސީ އާއި ހދ. ބީޑީސީ އެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން ކަމިޔާބު ކޮށްފައި ވަނީ މ. ބީޑީސީ އެވެ. ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ތޮއްޑޫ ބެޑްމިންޓަން ޓީމް ބައްދަލުކޮށްފައި ވާއިރު، މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ތޮއްޑޫ ބެޑްމިންޓަން ޓީމެވެ.

އަތޮޅު ލީގުގައި ރޭ ކުޅުނު ތިންވަނަ ކުއާޓާ ފައިނަލްގައި ބައްދަލުކޮށްފައި ވަނީ އޭދަފުށި ބީޑީސީ އާއި ހޮރައިޒަން އެކެޑެމީ އެވެ. މި މެޗު އޭދަފުށި ބީޑީސީ ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި މި ލީގުގައި ރޭ ކުޅުން އެންމެ ފަހު ކުއާޓާ ފައިނަލްގައި ފާފު އަތޮޅު ކައުންސިލް އާއި ހޮޅުދޫ ބީޑީސީ ބައްދަލުކޮށްފައި ވާއިރު، މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ހޮޅުދޫ ބީޑީސީ އެވެ.

މި ނަތީޖާތަކާއެކު އަތޮޅު ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ސެމީފައިނަލް މެޗުގައި ބައްދަލުކުރާނީ މ. ބީޑީސީ އާއި އޭދަފުށި ބީޑީސީ އެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ތޮއްޑޫ ބެޑްމިންޓަން ޓީމާއި ހޮޅުދޫ ބީޑީސީ އެވެ.

އަތޮޅު ލީގުގައި މީގެ އިތުރުން ރޭ ވަނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުވެސް ކުޅެފައެވެ. ގްރޫޕް ހަތަރެއްގެ ހޮރައިޒަން އެކަޑަމީ އާއި ހޮޅުދޫ ބީޑީސީ ބައްދަލުކުރި މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ހޮރައިޒަން އެކަޑަމީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު