ބަދުނަސީބު ލިވަޕޫލަށް އަނެއްކާވެސް އިތުރު ނާކާމިޔާބީއެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި، އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކްރިސްޓަލް ޕެލަސް އަތުން 3-1ގެ ނަތީޖާއަކުން ހިތްދަތި ގޮތަކަށް ލިވަޕޫލް ބަލިވެއްޖެ އެވެ.

މިފަހަރުގެ ލީގުގައި ގިނަ ނާކާމިޔާބީ ތަކަކާ ކުރިމަތިލާން ޖެހިފައިވާ ލިވަޕޫލަށް މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުގެ ތެރޭން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ހަތަރު މެޗެވެ. މި ނަތީޖާއާއި އެކު އެ ޓީމް އޮތީ ލީގް ތާވަލްގައި 14 ޕޮއިންޓާއެކު 12 ވަނައިގައެވެ.

ލިވަޕޫލް މެޗު ފައްޓާފައި ވަނީ އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑާ އެކުއެވެ. މެޗުގެ ދެވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ މިއަހަރު މެދުތެރޭގައި އެޓީމާ ގުޅުނު ރިކީ ލޭމްބާޓް އެވެ. މި ލަނޑާއެކު ލީގުގައި އެ ޓީމަށް މިހާތަނަށް ލިބިފައިވާ ނާކާމިޔާބީތައް އަނބުރާލުމުގެ އުންމީދުގައި ކުޅުނު ލިވަޕޫލްގެ އުންމީދުތައް ފަނޑުވެގެން ދިޔައީ ކްރިސްޓަލް ޕެލެސް މެޗުގެ ނަތީޖާ އެއްވަރު ކުރުމުންނެވެ.

ކްރިސްޓަލް ޕެލަސްއަށް މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޑްވައިޓް ގޭލް އެވެ. ކްރިސްޓަލް ޕެލެސްގެ ބޮލަސީ 25 ޔާޑު ބޭރުން ހެދި ބާރު ޝޮޓް ގޯލްގެ ދަނޑިއަށް އަމާޒުވެފައި ވާއިރު، ރިބައުންޑް ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި ގޭލް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ މެޗުގެ 17 ވަނަ މިނެޓުގައެވެ.

މެޗުގައި ކްރިސްޓަލް ޕެލަސްއަށް ލީޑު ލިބިފައި ވަނީ ދެވަނަ ހާފްގެ ފަހު 15 މިނެޓުތޭރޭގައެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޖޯ ލެޑްލީ ކްރިސްޓަލް ޕެލަސްއަށް އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، އޭގެ ތިން މިނެޓުފަހުން އެ ޓީމުން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މެޗުގައި އެ ޓީމްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ 81 ވަނަ މިނެޓުގައި އެ ޓީމްގެ މިލޭ ޖެޑިނަކް އެވެ.

ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވިނަމަވެސް، ގޯލަށް އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައި ވަނީ އެންމެ ތިން ޝޮޓެވެ. އެއާ ހިލާފަށް ކްރިސްޓަލް ޕެލެސް އުފެއްދި ހަމަލާތަކުގައި އެ ޓީމް މުޅިއަކު 15 ޝޮޓު ހަދާފައި ވާއިރު، އޭގެ ތެރޭން 11 ޝޮޓް ވަނީ ލިވާޕޫލްގެ ގޯލަށް އަމާޒުވެފައެވެ.

މި މެޗުގެ ނަތީޖާއާއެކު ކްރިސްޓަލް ޕެލަސް ވަނީ މުޅިއެކު 12 ޕޮއިންޓާއެކު ތާވަލްގެ 15 ވަނަ މަގާމަށް ޖެހިލާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު