ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ލީޑަރުންނާ މެދު ވާނީ ފިޔަވަޅު އަޅާފައި: ޑރ. ޝަހީމް

ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ވާނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތައް އުޅެމުން އަންނަ ކަމަށެވެ. އެގޮތުން ވަކިން ޖަމާއަތް ހެދުމާއި މިފަދަ އެހެނިހެން އަމަލުތައް ހިނގަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އާދެ، ރާއްޖޭގެ އަތޮޅުތަކުގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރަތްތައް އުޅެމުން އެބަދޭ. އަޅުގަނޑުމެން މިދަނީ ދީނީ އިލްމުވެރިން ފޮނުވައިގެން އެފަދަ ފަރާތްތަކަަށް ނަސޭހަތް ދެމުން،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އެފަދަ ފަރާތްތަކަށް ނަސޭހަތް ދެމުން ގެންދާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކަށް ނަސޭހަތް ދިނުމުން ވެސް އިސްލާހުނުވެއްޖެ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ތެރެއިން ބައެއް ބޭފުޅުން އަދިވެސް ބަދަލެއް ނުވޭ. އެހެންނަމަވެސް މީގެ ތެރޭގައި ހިމެނޭ ލީޑަރުންނަށް ވާނީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާފައި،" ޝަހީމް ވިދާޅުވި އެވެ.

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ގެންދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދަރުމަވަންތަ މިސްކިތުގެ "އިމާމުގެ" މައްޗަށް ދާދިފަހުން ދީނީ ފިތުނައަކަށް މަގުފަހިވާ ފަދަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު