ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ނިއު ދަތުރު ކޮށްފި

ރާއްޖޭގެ ގައުމީ ތައްޓަށް ކުޅޭ މުބާރާތުގައި ރޭ މާޒިޔާ އާއި ނިއުރޭޑިއެންޓް ބައްދަލުކުރި މެޗު 2-1 ނަތީޖާއަކުން ކާމިޔާބުކޮށް، ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނިއު ދަތުރު ކޮށްފި އެވެ.

މީގެ ހަތަރު ދުވަސް ކުރިން އެފް އޭ ކަޕްގެ ފައިނަލްގައި ނިއު އާއި މާޒިޔާ ބައްދަލުކޮށްފައި ވާއިރު، އެ މެޗު ޕެނަލްޓީ ޖަހައިން 3-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ މާޒިޔާ އެވެ. ނަމަވެސް ރޭގެ މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅުން މާޒިޔާއަށް ވަނީ މި މެޗުގައި ކުރި ހޯދޭ ގޮތް ނުވެފައެވެ.
ޕްރެސިޑެންޓްސް ކަޕްގައި ރޭ މާޒިޔާ އާއި ނިއު ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ނިއުއިން މި މެޗު ރަނގަޅު ފޯމެއްގައި ފައްޓާފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައި ވަނީވެސް އެޓީމުންނެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅުތެރޭ ނިއު ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 14 ވަނަ މިނެޓުގައި މުޙައްމަދު އުމޭރު ދިން ބޯޅަ އެ ޓީމްގެ ބޭރު ކުޅުންތެރިޔާ ޑޭވިޑް، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މާޒިޔާގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ދެން ފެނިގެން ދިޔައީ މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލި ތަނެވެ. އަޑޭއަށް ރަތް ކާޑު ދައްކާފައި ވަނީ މެޗުގެ 19 ވަނަ މިނެޓުގައި މާޒިޔާ އުފެއްދި ހަމަލާއެއްގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭ ނިއުގެ ކީޕަރު އިމްރާންއަށް ދަށްފުއް ދިއްކުރުމުންނެވެ.

މި ކާޑާއެކު ނިއު ކުޅުން އިތުރަށް ރަނގަޅު ކޮށްފައި ވާއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމް ވަނީ މެޗުގައި ލީޑް ފުޅާކޮށްލާފައެވެ. ނިއުއަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަންޕު) ޕެނަލްޓީ އޭރިއާތެރޭ ހުސްކޮށް ހުރެ މާޒިޔާގެ ގޯލް ތެރެއަށް ފޮނުވާލި ބާރު ޝޮޓުންނެވެ.
ޕްރެސިޑެންޓްސް ކަޕްގައި ރޭ މާޒިޔާ އާއި ނިއު ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ނިއުގެ ދެވަނަ ލަނޑާއެކު އެ ޓީމުން ހަމަޖެހިލައިން ކުޅެމުން ގެންދިޔައިރު، މާޒިޔާއަށް ވަނީ އެ ޓީމްގެ ފޯވާޑް ލައިންގައި ބޯޅަ ހިފެއްޓޭގޮތް ނުވެފައެވެ. އެގޮތުން ނިއު ވަނީ މާޒިޔާގެ ފޯވާޑުން އަތުން ގެއްލޭ ބޯޅަތަކުގެ ބޭނުން ރަނގަޅަށް ހިފައި، ރަނގަޅު ކައުންޓާ ތަކެއް އުފައްދާފައެވެ.

މެޗުގައި މާޒިޔާ ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ 39 ވަނަ މިނެޓުގައެވެ. ނިއުގެ ޕެނަލްޓި އޭރީޔާ ބޭރުގައި ހުރެ އެ ޓީމްގެ ކެޕްޓަން އަސަދުﷲ ފޮނުވާލި ބާރު ޝޮޓު އަމާޒުވެފައި ވަނީ ނިއުގެ ގޯލްގެ ކަނަށެވެ. މި ލަނޑާއެކު މާޒިޔާގެ ޑިފެންސަށް ވަނީ މެޗުގައި އިތުރު ހިތްވަރެއް ލިބި، އެ ޓީމްގެ ފޮވާޑް ލައިނަށް ރަނގަޅު ބޯޅަތަކެއް ސަޕްލައި ކޮށްދޭން ފައްޓާފައެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މާޒިޔާއިން ކުރިއަށް ޕްރެސްކޮށް ހަމަލާތަކެއް އުފައްދާފައި ވާއިރު، މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ނަތީޖާ ބަދަލު ނުވެ އޮވެއެވެ.

ދެވަނަ ހާފް ފެށުމާއެކު މާޒިޔާ ވަނީ އަނެއްކާވެސް އިތުރު ދަތިތަކަކާ ކުރިމަތި ލާން ޖެހިފައެވެ. ލިބުނު އަނިޔައެއްގެ ސަބަބުން މާޒިޔާގެ ކީޕަރު އިމްރާން ދަނޑުން ފައިބަން ޖެހުމުން އޭނާގެ ބަދަލުގައި ކުޅެން އަރާފައި ވަނީ މާޒިޔާގެ ބަދަލު ކީޕަރު، މުހައްމަދު ނިޝާހް އެވެ.

މާޒިޔާއިން މެޗުގައި ކުރިއަށް ޕްރެސް ކޮށްގެން ކުޅެން ފައްޓާފައި ވާއިރު، ޑިފެންސަށް އިސްކަން ދީގެން ކުޅުން ނިއު ފެނިގެން ދިޔައީ މާޒިޔާގެ ޕްރެޝަރު ރަނގަޅަށް ހިފައްޓާލި ތަނެވެ. ކައުންޓާ ތަކުގައި ނިއު ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، މާޒިޔާގެ ބަދަލު ކީޕަރު ނިޝާހްގެ ފަރާތުން ވަނީ ރީތި ސޭވް ތަކެއް ފެނިގެންގޮސްފައެވެ.
ޕްރެސިޑެންޓްސް ކަޕްގައި ރޭ މާޒިޔާ އާއި ނިއު ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މެޗުގެ ފަހުވަގުތުކޮޅު ނިއުގެ ގިނަ ކުޅުންތެރިން ފެނިގެން ގޮސްފައި ވަނީ އެ ޓީމްގެ ހާފް ތެރޭންނެވެ. މާޒިޔާގެ މިޑްފީލްޑުން ރަނގަޅު ބޯޅަތަކެއް ނިއު އަތުން އަތުލައި، ފޯވާޑް ލައިނަށް ސަޕްލައި ކޮށްދީފައި ވާއިރު، އެ ޓީމްގެ އަބޫ ވަނީ ކަނާތް ފަރާތުން ރީތި ބޯޅަތަކެއް ނަގައިދީ، މާޒިޔާއަށް ރަނގަޅު ހަމަލާތަކެއް އުފައްދަން ފުރުސަތުތަކެއް ހޯދަދީފައެވެ.

މެޗުގެ ފަހުވަގުތުކޮޅު މާޒިޔާ ރަނގަޅު ކުޅުމެއް ދައްކައި، ރީތި ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ނިއުގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވެފައެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ، ނިއު ލީޑްގައި އޮވެގެނެވެ.

މި ނަތީޖާއާއިއެކު މާޒިޔާއަށް ދެން ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އޮތީ މާދަމާ ރޭގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް މި މަހުގެ 27 ވަނަ ދުވަހު އެ ޓީމް ވާދަކުރާ މެޗު ކާމިޔާބު ކޮށްގެނެވެ. މި މުބާރާތުގައި މިރޭ ބައްދަލުކުރްން ހަމަޖެހިފައި ވަނީ ކްލަބް އީގަލްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު