ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، ރަށްރަށުގެ ޒުވާނުން މާފުއްޓަށް ވަޒީފާއަށް

ކ. މާފުށިން މުހައްމަދު ސިމާއު

އަބްދުﷲ އަސްވާދު، 27 އަކީ ފުވައްމުލަކު ޒުވާނެކެވެ. އޭނާ ބޭނުންވަނީ ރިސޯޓް ވަޒީފާ އެކެވެ. އެއް ފަސްގަނޑަކަށް އޮތް ފުވައްމުލަކާ ކައިރިން ވެސް އެފަދަ ވަޒީފާއެއް އޭނާއަށް ލިބޭކަށެއް ނެތެވެ. ދެން ޖެހުނީ މާ ދުރު ރިސޯޓްތަކަށް ވަޒީފާއަށް ދާށެވެ. ރިސޯޓުން ލިބޭ އާމްދަނީން ޖީބަށް ބަރުވިޔަސް، ދިރިއުޅެމުން އައީ ހިތްހަމަޖެހިގެންނެއް ނޫނެވެ. ކަންބޮޑުވުމަކީ އަވަސް އަވަހަށް އާއިލާއާ ބައްދަލު ނުވެމެވެ. ނަމަވެސް މިއަދު އަސްވާދަކީ އުފާވެރިކަމާއެކު އާއިލާ ކައިރީގައިހުރެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާގެ ދިރިއުޅުމަށް އިންގިލާބެއް ގެނުވީ ކ. މާފުށީ ގެސްޓް ހައުސްގެ ވިޔަފާރި އެވެ.

"ޒުވާން ދުވަސްވަރު ރިސޯޓް ލައިފް ސަޅިވާނެ. އެކަމަކު ދިރިއުޅުމެއް ފެށީމަ ނޫޅެވޭނެ. ރިސޯޓުގަ އުޅޭއިރު އާއިލާއާ ބައްދަލުކުރަން ދެވޭނީ ވަރަށް މަދުން. މާފުށީ ގެސްޓް ހައުސްއަކުން ވަޒީފާ އެއް ލިބުނީމަ އަނބިމާހާއާއެކު ދިރިއުޅުން ބަދަލުކޮށްގެން މިއުޅެނީ މި ރަށުގަ. މިހާރު ކޮންމެ ވަގުތެއްގައި އަންހެނުން ކައިރިއަށް ދާންވީ. ހިތްހަމަޖެހިގެން ދިރިއުޅެވޭ،" މާފުށީ ގެސްޓް ހައުސްގެއެއްގެ އެފްއެންޑްބީ މެނޭޖަރެއްގެ މަގާމު އަދާކުރާ އަސްވާދު ބުންޏެވެ.

އޭނާ ބުނާ ގޮތުން ރިސޯޓްތަކުން ލިބޭ އާމްދަނީއާ އެއްވަރުގެ އާމްދަނީއެއް ގެސްޓް ހައުސްތަކުން ނުލިބުނު ނަމަވެސް، ރަނގަޅު އާމްދަނީ އެއް ލިބޭ ކަމަށެވެ. ބައެއް ގެސްޓް ހައުސްތަކުގެ މުވައްޒަފުންނަށް ޑޮލަރުން ވެސް މުސާރަ ދޭ ކަމަށް އަސްވާދު ބުންޏެވެ.

މާފުށީގައި ހިންގަމުންދާ ބޮޑު ދެ ގެސްޓް ހައުސްއެއް ހިންގުމާ އިސްކޮށް ހަވާލުވެ ހުރި އާދަމް ނަސީރު (އެޑަމް) ބުނީ، ގެސްޓް ހައުސްތަކަށް މީހުން ލިބުން ދަތިވެ، ރަށުން ބޭރު ރަށްރަށުގެ މީހުން ވަޒީފާއަށް ގެންނަންޖެހޭ ކަމަށެވެ.
މާފުށީގައި ހިންގާ ގެސްޓް ހައުސްއެއް: ކޮންމެ މަހަކު ޓެކްސްގެ ގޮތުގައި މާފުށިން ދައުލަތަށް ލައްކައެއްހާ ޑޮލަރު ދައްކާ-- ސަން ފޮޓޯ/ މުހައްމަދު ސިމާއު

"ކުރިން އުޅޭނެ ރަށުގަ ކުދިން ގިނަވެގެން. މިހާރު އަޅުނގަޑުމެން މިއުޅެނީ ކުދިން ނުލިބިގެން. ވަޒީފާތައް އެބަ އޮތް ބައިވަރު ރަށު ކުދިންނަށް. ކުދިން ނުލިބިގެން ރަށުން ބޭރުން އެބަ ގެންނަން ކުދިން. ދެ ހޮޓަލުގައި މިހާރުވެސް ހަތަރު ފުވައްމުލަކު ކުދިން އެބަ ގެންގުޅެން،" ހޮޓަލެއް ހެދުމުގެ މަސައްކަތްކުރަމުންދާ އެޑަމް ބުންޏެވެ.

ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރަމުންދާ މާފުށިން ބޭރު މީހުންގެ އަދަދު ރަށު ކައުންސިލުގައި ރިކޯޑް ކުރެވިފައިނުވި ނަމަވެސް، މާފުށީ ބައެއް ގެސްޓް ހައުސްތަކުން މައުލޫމާތުދޭ ގޮތުގައި ރަށުން ބޭރު އެހެން ރައްތަކުން ގާތްގަނޑަކަށް 100 އާ ގާތްކުރާ އަދަދަކަށް މީހުން އ ެރަށު ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރެއެވެ.

ޖުމްލަ 2,340 މީހުންގެ އާބާދީއެއް އޮތް މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މިހާރު އެ ރަށުގައި ރިސޯޓް ފެންވަރުގެ 33 ގެސްޓް ހައުސް އެބަ ހުއްޓެވެ. އެއީ ޖުމްލަ 635 އެނދެވެ. ވޯޓާ ސްޕޯޓްސް އާއި ޑައިވިން ސެންޓަރުތައް ދަނީ ހުޅުވެމުންނެވެ. ފެންވަރު ރަނގަޅު ފިހާރަތަކާއި ގެސްޓް ފިހާރަތައް ދަނީ އިތުރުވަމުންނެވެ.

"އެވްރެޖް ކޮށް މަހަކު އެކެއް ނުވަތަ ދެ ގެސްޓް ހައުސް އަލަށް ހުޅުވާ. މިހާރުވެސް ހަ ތަން އެބަހުރި ކުރިއަށް ހުޅުވެން. ރަށުގައި މިވަގުތު ތިން ވޯޓާ ސްޕޯޓްސް ތަން ހުރިއިރު، އިތުރު ފަރާތްތަކެއް އެބަހުރި ހުއްދައެއް އެދިފަ،" މާފުށީ ކައުންސިލުގެ ރައީސާ އައިޝަތު ލިއުޝާ ވިދާޅުވި އެވެ.

ލިއުޝާ ވިދާޅުވީ، ހައި ސީޒަންގައި ރަށަށް 900 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަންނަމުންދާ ކަމަށެވެ. އަދި އޮފް ސީޒަން ދުވަސްވަރު ވެސް މަދުވެގެން 300 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެސްޓް ހައުސްގެ ވިޔަފާރިއާ އެކު މާފުށި ވަނީ މުއްސަނދިވެފަ އެވެ. އެ ރަށުން ދައުލަތަށް ދައްކާ ޓެކްސްގެ އަދަދުންވެސް އެކަން ވަރަށް ސާފެވެ. ޓެކްސްގެ ގޮތުގައި އެ ރަށުން މަހަކު ގާތްގަނޑަކަށް 100000 ޑޮލަރު )15.42 މިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

ގެސްޓް ހައުސްގެ ވިޔަފާރި އާއެކު މާފުށީގެ ރައްޔިތުންގެ އިތުރުން، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް ދަނީ ފައިދާއާއި މަންފާ ލިބެމުންނެވެ. މާފުއްޓާއި ކައިރި އޮންނަ ގުޅިއާ ގުރައިދޫގެ މަސް ދޯނި ފަހަރުތަކުން ގެސްޓް ހައުސްތަކަށް މަހާއި ސީފުޑްގެ ބާވަތްތައް ވިއްކަ އެވެ. ޑިމާންޑް ވަރަށްވެސް މައްޗެވެ. ބައެއް ގެސްޓު ހައުސްތަކުން ބުނާ ގޮތުން އެ ގެސްޓް ހައުސްތަކަށް އޮންނަނީ ބޭނުންވާ ވަރަށް މަސް ނުލިބިފަ އެވެ.

މިއީ ގެސްޓް ހައުސްގެ ވިޔަފާރިން އާއްމު ރައްޔިތުމީހާއަށް ވެސް ލިބުނު އުފާވެރިކަމެކެވެ. ދައުލަތަށް ލިބުނު މަންފާއެކެވެ. ރާއްޖެއަށް ލިބުނު ކުރިއެރުމެކެވެ. ގެސްޓް ހައުސްގެ ވިޔަފާރި މާފުށީގައި ކުރިއަރާ ފުޅާވެގެންދިޔައީ ރަށު ރައްޔިތުންގެ އެއްބައިވަންތަ ކަމުންނެވެ. ތަރައްގީއަށް ލޯބި ކުރާ ރައްޔިތުންތަކެއް އުޅޭތީ އެވެ.

ނަމަވެސް ރަށަށް ގިނަ ގެސްޓުން ގެނައުމަށްޓަކައި ގެސްޓް ހައުސްތަކަށް ހުރަސްތަކެއް އެބަހުއްޓެވެ. ކައުންސިލަށާއި ގެސްޓް ހައުސް ވިޔަފާރި ހިންގަން ބޭނުންވާ މީހުންނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ރަށަށް އަންނަ ގެސްޓުންގެ ޝަކުވާތަކެއް އެބަހުއްޓެވެ. ރަށު ތަރައްގީއަށްޓަކާ ރަށުގެ ރައްޔިތުން ގުޅިގެން އަދިވެސް މަސައްކަތްތަކެއް ކުރަންޖެހެ އެވެ.
މާފުށީގައި ހިންގާ ގެސްޓް ހައުސްއެއް: ކޮންމެ މަހަކު ޓެކްސްގެ ގޮތުގައި މާފުށިން ދައުލަތަށް ލައްކައެއްހާ ޑޮލަރު ދައްކާ-- ސަން ފޮޓޯ/ މުހައްމަދު ސިމާއު

މާފުށީގައި ގެސްޓް ހައުސްގެ ވިޔަފާރި ފަށަން ނުވަތަ މިހާރު ހުރި ގެސްޓް ހައުސްތަކުގެ ވިޔަފާރި ފުޅާ ކުރަން ވިސްނި ނަމަވެސް އެކަމެއް ވާކަށްނެތެވެ. ރަށު ކައުންސިލުން ބުނާ ގޮތުން، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރަން ބޭނުންވިނަމަވެސް ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުން އެކަން ކުރަން ދަތިތަކެއް އެބަހުއްޓެވެ.

"ހުސްބިންތަކުގެ މައްސަލަ. 33 ގެސްޓް ހައުސްހުރިއިރު، 16 ހުސްބިމެއް މިއޮތީ މިހާރު ބޭނުންކުރެވޭ. ދެން ކޮންމެ ގެސްޓް ހައުސް އަކުން ވެސް ބޭނުންވޭ ގެސްޓް ހައުސްގެ ކުރި މަތިން ކުޑަ ބިންކޮޅެއް ކުޑަ ޖަހާލާފަ ކޮފީ މޭޒު ބަހައްޓަން. ނަމަވެސް ބިން ނެތީމަ ވަކި ފަރާތަކަށް ދޫކޮށްފިނަމަ މަސްލަހަތަށް ފުރުއަރާފާނެ. ބިމުގެ ދަތިކަން ހުރީމަ ވަކި ގޮތަކަށް ނުނިމި މިދަނީ،" މާފުށީ ކައުންސިލްގެ ރައީސާ ވިދާޅުވި އެވެ.

ގެސްޓުން ބޭނުންކުރާ ބީޗް ސަރަހައްދު ގިރުމުގެ މައްސަލައާއި މާފުށީ ކުނީގެ މައްސަލައަކީ ވެސް ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމަށް މާފުއްޓަށް އޮތް ހިޔަންޏެކެވެ. ހުރަހެކެވެ. އެ މައްސަލަތަކަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، އެކަމުގެ އަސަރު މާފުއްޓަށް ކުރުމަކީ ގާތްކަމެކެވެ.

ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުންވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހަވާލުކޮށްފަ އެވެ. އަދި ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ދަނީ ގެސްޓް ހައުސްތަކާ ގުޅިގެން ރަށުގައި ޑަސްބިންތަކެއް ބަހައްޓާފަ އެވެ. އެކަމަށް އާންމުން ހޭލުންތެރިކުރަމުންނެވެ.

ރަށުގެ ބައެއް ގެސްޓް ހައުސްތަކުން ބުނާ ގޮތުން، ދަތުރުފަތުރުގެ ނިޒާމަކީ އެ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ. މާފުއްޓަށް ދިއުމަށްޓަކައި މާފުށީގެ އަމިއްލަ ފަރާތަކުން ދުއްވާ ފެރީއެއްގެ އިތުރުން އެމްޓީސީސީގެ ފެރީއެއް ވެސް ހުކުރު ދުވަހު ނޫން ކޮންމެ ދުވަހަކު އެއް ދަތުރު އޮވެއެވެ. ފެރީ ނިޒާމްގެ ޝެޑިއުލް އިންނަ ގޮތުން ގެސްޓުން ގިނަ ވަގުތު ފެރީގެ އިންތިޒާރުގައި ޓާމިނަލުގައި ތިބެންޖެހޭތީ އެކަން އަންނަ ގެސްޓުންވެސް ފާހަގަކުރެ އެވެ.

"އެބަހުރި ވަރަށް ބައިވަރު ގޮންޖެހުން. ދަތުރުފަތުރަށް ބަލާއިރު، މާފުށީ ފެރީ މިއިންނަނީ މެންދުރު ފަހު. ގެސްޓުން އެބަ އާދޭ ހެނދުނު. ސްޕީޑް ބޯޓެއް ނަގާނަމަ ވަރަށް އަގުބޮޑު. ގެސްޓުން އާއްމުކޮށް ކޮމްޕްލެއިން ކުރާ ކަމެއް އެއީ،" އެޑަމް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް