ވަސްވަސް ދުވާނެ އެވެ. އެކިތަފާތު އެކި ވަހެވެ. އެކިއެއްޗެތިން އެކިވަހެވެ. އެކިހިސާބުން ވެސް އެކިވަކި ވަސްވަހެވެ. އެކަމަކު މިހާރަކަށް އައިސް މާލޭގައި ރޭގަނޑުގެ މެންދަން މިފެށޭ ވަހަކީ ފާހަގަކުރަން ޖެހިފައިވާ ވަރަށްތަފާތު ވަކި ވަހެކެވެ. އެއީ ހޮޓާ ކެފޭ ރެސްޓޯރެންޓުތަކުގައި ހުންނަ ކުނިވާތަކެތީގެ ވަހެވެ. އެފަދަތަކެތި ކުނިގޮނޑަށްގެންދަން އުފުލާ އުފުލިތަކުންނާއި އެތަކެތި އުފުއްލަން އުޅޭ ބައެއްމީހުންގެ ހެދުމުން ދުވާ ވަހެވެ.

މީރު ނުމީރަކީ ވެސް ތަފާތުއެއްޗެކެވެ. އެއާއިއެކު ވެސް މާލޭގެ މެންދަމުގެ ފެށުމުގައި މި ދުވާވަހަކީ އެއްވެސް މީހަކަށް މީރުވެދާނެވަހެކޭ ބުނެވޭކަށް ނެތެވެ. ފެންނަ މަންޒަރުތަކުން އެކަން ފިސާރި ސާފުކޮށް ފެނިގެންދެ އެވެ. މިބުނާ މަސައްކަތުގެ އުޅަނދު (ސެންޓު ޕިކަޕު) ހޮޓާ ކެފޭ ރެސްޓޯރެންޓުތަކުގެ ވަލު ފަރާތަށް މަޑުކޮށްލާއިރަށް އެހިސާބަކުން މީހުންތައް ކެވިއަރައިގެންގޮސް ދުރަށް ޖެހި އެދުވާވަހުގެ ނުބައިވާހަކަ ދައްކަންފަށާތީ އެވެ. ހަމަޖެހިލައިގެން އެވަގުތު ނޯށް އެތެރެއަށް ދަމާލަން ޖެހިލުންވެވޭތީ އެވެ. ގަބޫލުކުރަން ބަޔަކަށް އުނދަގުލަސް މިއީމިހާރުގެ ތެދު ހަގީގަތެކެވެ. މާލޭގައި ކޮންމެ ރޭގަނޑެއްގެ މެންދަމުގެ ފެށުން ފެންނަގޮތެކެވެ. ވަސްދުވުމުގެ ހިއްސުތައް އެފަދަ ވަގުތުތަކުގައި އެފަދަ ތަންތަނުން އިހުސާސް ކުރަން މަޖުބޫރުވާ ކަމެއްމެ އެވެ. ކޮންމެއަކަސް އަހަރެމެން މިއަދުގެ ދިވެހިންނަކީ މިފަދަ ގިނަ ތަފާތު ކަންކަމުގައި ވަރަށް ލާމަސީލު ބައެކޭ ބުނެވިދާނެ އެވެ. އެއްކޮޅުން އެމެރިކާ ވެގަނެގެން ގޮސް ހޮޓާކެފޭ ރެސްޓޯރެންޓުތަކުގައި ސިނގިރެޓުބޯން ވަކިން ގޮޅިގޮޅި ނުވަތަ ކަލިވަތް ހަދާފަ އެވެ. އަނެއްކޮޅުން މިފަދަ ތަފާތު ކަންކަމާއި މަންޒަރުތަކެވެ.

ކުނި އުކާލަންޖެހެއެވެ. އެއްބަސްވެވޭނެ އެވެ. އެކަމަކު އެފަދަ މަސައްކަތަކަށް އެކަށީގެންވާ އެކަހަލަ ތަކެތި ގެންދެވޭ ފަދަ އުޅަނދެއްގައި ގެންގޮސްގެންނެވެ. މިހާރުގެ ކުނިއުކާލާ އުޅަނދުފަހަރު ވެސް މިފެންނަނީ ނުވަތަ މި ހުންނަނީކުނިވެފައި ހުއްޓައޭ ބުނެވޭވަރުވެ އެވެ. ބޮޑު ޕިކަޕެއް ނުވަތަ ކުޑަ ލޯރިއެކެވެ. ފޮށިގަނޑުގެ ވަށައި ކައިރި އިތުރަށް އުސް ކުރަން ޖަހައިފާ ހުންނާނީ ބާވެ ފީވެ ހަލާކުވަމުންދާ ފިލާގަނޑު ގަނޑެވެ. އެއީ ވެސް ހަޑިވެ މުޑުދާރުވެ ކުނިތަކެތި ހޭކި އުނގުޅި ފައިހުރެ ހުރެ ކުނިވެ ފަށަލައިގެ މައްޗަށް ފަށަލަ އަރައި ކަޅުވެ ބަލައިލަންވެސް އުނދަގޫވަރަށް "ބެޓިކު" ވެފައި ހުންނަ ފިލާގަނޑުގަނޑެވެ. އެކަމުގައި މަސައްކަތުގައި އުޅޭމީހުން ވެސް ތިބެނީ (ބަލާބެލުމަށް ގަބޫލުކުރަން ޖެހެނީ) ހެދުމުގައި ހޭކި ހަޑިވެދާނެ އެއްޗިއްސަށް ވަރަށް ސަމާލުވެ އެކަހަލަ ކަމެއް މެދުވެރިވިޔަސް "ވަރިހަމަ" ހެދުމުގަ އެވެ. ކޮންމެއަކަސް މިމަންޒަރަކީ ރޭގަނޑުގެ މެންދަން ފެށޭ ހިސާބުން މިހާރު ވެސް ފެންނާނެ އަސްލު މަންޒަރެކެވެ.

އުޅަނދު ބަރާކޮށްގެން މަގުމަތިން ދަތުރުކުރާއިރު އޭގެ ވައިދަށުން ޖާގައެއްލިބުމަކީ އެރޭގެ ހަތަރުދަމު އެހަނދާން ނުފިލާވަރުގެ ކުނި ހަނދާނެއް ހިފައިގެން ނޫނީ ދުރަށް ޖެހިނުލެވޭނެ ކަމެކެވެ. ބައެއް ފަހަރުދިމާވާ ގޮތަކުން މަގެއްގެ ވަކިހިސާބަކުން މިވަސް ދުވާލަފާނެ އެވެ. މާނައަކީ އެމަގުން ދެންމެއަކު ކުނިއުފުލާ އެއް ދިޔައީ އެވެ. ނުވަތަ ޖެހިގެންއޮތް މަގުގެ ފެށޭހިސާބުގައި ކުނިއުފުލާ އެއް އޮތީއެވެ. ކޮންމެގޮތެއްގައި ވެސް އެވަސް ނޯށުގެ ތެރެއަށް ދިއުމާ އެކު ވަސްގަދަ ސެންޓެއްފަދައިން އޭގެ އެ ވާޖިބު އަދާކުރާނެ އެވެ. ނަތީޖާއަކަށް ވާނީ ނޭފަތުގެ ހިނދުރީގައިހުންނަ ވަސް ދެނެގަންނަ ބައިތަކުގެ އެހީގައި އެވަސް ފިސާރި ރަނގަޅަށް ހިފާލުމެވެ. އާދައިގެ ވަސްނުދުވާ ނުވަތަ ހަމަ އެވަގުތުން ވަގުތަށް ވަސްދުވާލާފައި ވަސް ކެނޑޭ ސެންޓުހެން މި ވަހުގެ ވަހެއް ނުކެނޑޭނެ އެވެ. ނުކެނޑެއެވެ. ބައެއްފަހަރުގެ ތަޖުރިބާގައި އެއްމެ ފަހުން އުނދަގޫބޮޑުވެގެން ނޭފަތުތެރެ އެބަ ދޮވެލެވެ އެވެ. އެވަރުން ވެސް ވަސް މުޅިން ފިލަނީ އެހެން ވަހެއް ދުއްވައިގެންނެވެ.

މިއީވެސް ހަމަ ކަމެކެވެ. ބޮޑު ކަމެކެވެ. މިހާރު މިކަން ދޫކޮށްލެވިފައި އޮންނަ ގޮތުން މިއީ މިކަން މިހާރު އޮންނަގޮތެވެ. ހަމަ ހިފާލައި ބަދަލުކޮށްލަނިކޮށް ބަދަލުވެގެން ދާނެކަމެކެވެ. ޓެކުސީބޯޑުތަކެކޭ އެއްގޮތަށެވެ. މިއީ އަޅެފަހެ ދޮގެއްހެއްޔެވެ.؟ =ނިމުނީ=
ގުޅޭ ޓެގު
comment ކޮމެންޓް