ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް އޭލެވެލްގައި އެއްވަނަ ހޯދި ޝައްފާން

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އެންމެ މޮޅު ދަރިވަރަކަށް މިއަހަރުގެ މެއި/ޖޫންގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ އެއްވަނައަށް ހޮވުނު އަހުމަދު ޝައްފާން މުހައްމަދު ހޮވިއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު އޮތް ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސީއެޗްއެސްއީގެ ޕީޓީއޭއިން ހުށަހެޅި އިނާމުތައް ޝައްފާނަށް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ޑރ. އަލީ ޝަމީމެވެ.

ސީއެޗްއެސްއީގެ ދަރިވަރަކު މީގެ ކުރިން ނުހޯދާހާ މަތިން އެވްރެޖް މާކްސް ހޯދައި ސީއެޗްއެސްއީގެ ރިކޯޑް މުގުރާލާފައިވާ ޝައްފާނަކީ ޕްރަައިމަރީ އަދި ސެކަންޑަރީ ގައި ކިޔެވި އިރުވެސް ސްކޫލުގެ ކެޕްޓަންކަމުގެ ބުރަ ޒިންމާ އަދާކޮށްފައިވާ އަދި ސީއެޗްއެސްއީގެ ދަރިވަރުންގެ ގުޅުމުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ދަރިވަރެކެވެ.

މިއަހަރުގެ މެއި/ޖޫންގައި ބޭއްވި އެޑެކްސަލް އޭލެވެލް އިމްތިހާނުގައި ޝައްފާން ވަނީ ހުރިހާ މާއްދާއަކުން އެވްރެޖް މާކްސްއެއްގެ ގޮތުގައި 98.33 ޕަސެންޓް ހޯދާފަ އެވެ.

ގާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޝައްފާން ވަނީ، 'ސަން'އަށް ދިން އިންޓަވިއުގެއްގައި، އޭނާ ހޯދި ކާމިޔާބީގެ "ފޯމިއުލާ" ކިޔަވަމުންދާ ދަރިވަރުންނާ ހިއްސާކޮށްފަ އެވެ.

"އަޅުނގަޑުދޭން ބޭނުންވާ ނަސޭހަތަކީ ފުރަތަމަ އަމިއްލަ ސިއްހަތަށް ސަމާލުކަންދޭށޭ. އެއީ ދެއްތޯ އެންމެ މުހިއްމު އެއްކަމަކީ. ދެން ފަރުޟު ފަސް ނަމާދުކޮށް ވަގުތަށް ކަމޭހިތާށޭ،" ޝައްފާން ބުންޏެވެ.

ސީއެޗްއެސްއީގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލުގެ ތަފާތު ވަނަތަކަށް ހޮވުނު ދަރިވަރުންނާއި އެކިއެކި ކާމިޔާބީ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.

މިއަހަރުގެ މެއި މަހު ބޭއްވި އެޗްއެސްސީ އިމްތިހާނުގައި ސީއެޗްއެސްއީގެ 444 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އޭގެ ތެރެއިން 84 ޕަސެންޓް ދަރިވަރުން ދިވެހި މާއްދާއިން ފާސްވެ 29 ޕަސެންޓް ދަރިވަރުން އޭ ފާސް ހޯދާފައިވާއިރު، 92 ޕަސެންޓް ކުދިން އިސްލާމުން ފާސްވެ، 105 ކުދިންއެ މާއްދާއިން އޭ ފާސް ހޯދާފައިވެ އެވެ.

ސީއެޗްއެސްއީން ބުނީ، މިއަހަރުގެ މެއި/ޖޫން މަހު ބޭއްވި އޭލެވެލް އިމްތިހާނުން އެ ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެރެއިން 80 ޕަސެންޓް ދަރިވަރުން ފާސްވެފައިވާކަމަށެވެ.

އެ ސްކޫލުގެ ފަސް ދަރިވަރުން ވަނީ އޭލެވެލްގެ އެކައުންޓުން 100 ޕަސެންޓް މާކްސް ހޯދައި ދުނިޔޭގެ އެއް ވަނައިގައި ހިމެނިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު