އެސްއޯއެމް: ދޭސީންގެ ރާގު ބޭރަށް އިއްވާލަދޭ މިތުރު

އެއީ ދިވެހި ރާގު، ގާދޫ ކޮލުން ނެރެދޭ ބައިވެރިޔާ އެވެ. ރާއްޖެއިން ބޭރު ސްޓޭޖުތަކުގައި ދިވެހި ރާގު އިއްވާލަ ދޭ މިތުރާ އެވެ. ރާއްޖޭގެ ދޮންވެލި ތުނޑިތަކަށް ބީއްސާލާ ރާޅުތަކުގެ ރީތިކަމުގެ ސިފަކުރުންތައް ޅެމާ އެއްވަރަށް މިއުޒިކެއްގެ ސިފައިގައި ބުނެލަދޭ އެކުވެރިޔާ އެވެ. އެއީ ސައުންޑްސް އޮފް މޯލްޑިވްސް (އެސްއޯއެމް) އެވެ. އެސްއޯއެމްގެ ރާސްތާއަކީ ބޭރު ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރުމެވެ. ފަތުރުވެރިކަން އިސްތިހާރު ކުރުމެވެ. ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލައި، ރީތި ރާގުން ބޭރުގެ މާހައުލު ޖަރީކޮށްލުމެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް ފެށީ ރާއްޖޭގެ އެންމެ ބޮޑު އިވެންޓް މެނޭޖަރު ހައިރައިޒްގެ ޑިރެކްޓަރު އިސްމާއީލް ހަމީދުގެ އިސްނެގުމަށެވެ. އެ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު ވެސް ބޭއްވި ޝޯތައް ނިންމާލީ ރާއްޖެއާ ދޭތެރޭ ދޮން މީހުންގެ ހިތްތަކުގައި ލޯބި އުފައްދަމުންނެވެ.

އެސްއޯއެމްގެ ޝޯ ތަކަކީ ދިވެހި ފަންނާނުން ރާއްޖެއިން ބޭރު ސްޓޭޖުތަކާ ގުޅުވައިދޭ ފާލަމެވެ. އެފަދަ ކޮންމެ ޝޯއެއްގައި ތަފާތު އޯޑިއަންސެއްގެ "ރަހަ" ބަލާލުމަކީ ދިވެހި އާޓިސްޓުންނަށް ލިބުނު ކުރިއެރުކެވެ. އެކަން ދިވެހި ފަންނާނުން ކިޔައިދެނީ އުފަލާއެކުގަ އެވެ.

"ސައުންޑްސް އޮފް މޯލްޑިވްސް އަކީ ލޯކަލް އާޓިސްޓުން އިންޓަނޭޝަނަލް އޯޑިއެންސްތަކަށް އެމީހުންގެ އަމިއްލަ ހުނަރު ދައްކާލެވޭނެ އިވެންޓެއް. އަދި ލިބޭ ވަރަށް ބޮޑު އިންޓަނޭޝަނަލް އެކްސްޕޯޝާއެއް. ސައުންޑްސް އޮފް މޯލްޑިވްސްއަކީ މިއުޒިކްގެ ދާއިރާގައި އުޅޭ ކޮންމެ އާޓިސްޓަކަށް ވެސް ކުރިއަށް ދެވޭނެ ޕްލެޓްފޯމެއް،" ސައުންޑްސް އޮފް މޯލްޑިވްސް އެންމެ ގިނައިން ބައިވެރިވެފައިވާ، ކުރިއަރަމުން އަންނަ ސޯލޯ އާޓިސްޓްސް މޫޝަން މުބާރިކް (މުއްމު) ބުންޏެވެ.

މުއްމު ބުނާ ގޮތުން ސައުންޑްސް އޮފް މޯލްޑިވްސްގައި ހުށަހަޅާލަން ލިބުމުން، އިތުރަށް މަސައްކަތް ކުރަން ވަރަށް ބޮޑު ހިތްވަރެއް ލިބެ އެވެ. އެ ހިތްވަރާއެކު އަމިއްލަ އުފެއްދުންތައް ބޭރުގެ އޯޑިއަންސަށް އަމާޒު ކުރަން ފަސޭހަވާ ކަމަށް އޭނާ ބުންޏެވެ.

ސައުންޑްސް އޮފް މޯލްޑިވްސް އިން އެންމެ ފަހުން ބޭއްވި ޝޯގައި އަލަށް ބައިވެރިވި ސިފައިންގެ ރަސްމީ ބޭންޑް ކޭ އޮޕްސް އިން ބުނީ އެސްއޯއެމްގައި ބައިވެރިވުމަކީ އެ ބޭންޑަށް ލިބުނު "ފަހުރެއް" ކަމަށެވެ. ކޮޕްސް ބޭންޑް ރާއްޖޭން ބޭރަށް ނެރެދިނީ ވެސް ސައުންޑްސް އޮފް މޯލްޑިވްސް އެވެ.

"ސައުންޑްސް އޮފް މޯލްޑިވްސްއަކީ ދިވެހި މިއުޒިކާއި ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރު ރާއްޖޭން ބޭރަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަދި ހަމަ ދިވެހި އާޓިސްޓުންނަށް ވެސް އެއް ބަޔަކު އަނެއް ބަޔަކާ ގުޅުން ވަރަށް ރަނގަޅު ކޮށްދޭ ފުރުސަތެއް. ހާއްސަކޮށް ތަފާތު މިއުޒިކް ޖޯންރޭތަކުގެ އާޓިސްޓުން އެއް ޕްލެޓްފޯމެއްގައި ޕާފާމް ކުރަން ލިބުމަކީ ވަރަށް ސަޅި އެކްސްޕީރިއެންސެއް،" ކޭ އޮޕްސްގެ ލީޑަރު އަދި ލީޑް ގިޓަރިސްޓް އަހުމަދު އަބްދުﷲ (އެންޑީ) ބުންޏެވެ.

އެއީ އެސްއޯއެމްގައި ބައިވެރިވި ބައެއް ފަންނާނުންގެ ހިޔާލެވެ. ސައުންޑްސް އޮފް މޯލްޑިވްސް އިން ރާއްޖެ އިސްތިހާރު ކުރުމަށް މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުންނެވެ. ރާއްޖޭން ބޭރުގައި ބާއްވާ ޝޯތަކުން ރާއްޖޭގެ ފަންނާނުންނަށް ލިބެމުންދާ ތަރުހީބުން އެކަން ކަށަވަރުވެ އެވެ. ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ބަލާލަން ފެންބޮވައިގަނެފައި ތިބި ބަޔަކު ރާއްޖޭން ބޭރުގައި އެބަ ތިއްބެވެ.

އިންޑިއާގެ ބެންގަލުރޫގައި ސައުންޑްސް އޮފް މޯލްޑިވްސް އިން ބޭއްވި އެންމެ ފަހު ޝޯ އިން އެކަން ހާމަވެގެން ގޮސްފައިވެ އެވެ. ޝޯގައި ބައިވެރިވި ބައެއް ފަންނާނުންނަށް ސަޕޯޓް ކުރާ އިންޑިއާގެ ރައްޔިތުން ޝޯ ބެލުމަށްޓަކާ ޖަމާވި އެވެ. ދުވަހަކު ވެސް ރާއްޖޭގެ މިއުޒިކް އަޑު ނާހާ އެތަށް އިންޑިއާ ރައްޔިތުންނަށް ދިވެހި ފަންނާނުންގެ ރާގުގެ މަސްތުގައި ޖެހުނެވެ. ޝޯގެ ބެކްރައުންޑުން ރާއްޖޭގެ ނަލަ މަންޒަރުތައް ދައްކާލުމުން ރާއްޖެއަށްދާން ބޭނުންވި އެތަށް އިންޑިއާ ރައްޔިތުންނެއް އެ ޝޯގައި އުޅުނެވެ.

ސައުންޑްސް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަނީ އާ ފަންނާނުން ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމެވެ. ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރިކަން އިތުރުކުރުމަށް އިތުރު ގައުމުތަކުގައި ޝޯތައް ބޭއްވުމެވެ. ޅަފަތުގައި އޮތް އެސްއޯއެމަށް ހިނގައިގަންނަން އެހީތެރިކަން އެބަ ބޭނުންވެ އެވެ. އެއްބާރުލިން ދީ އެއީ ގައުމީ މަސައްކަތެއް ކަމަށް ބަލައިގަތުން މުހިއްމެވެ.

"އަޅުނގަޑުމެން ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ރާއްޖެ ޕްރޮމޯޓްކުރަނީ ރާއްޖޭގެ ފަންނާނުންގެ ހުރި ހުނަރުން. ގިނަ މީހުން އެ ހުނަރުތައް ބަލައިގަނޭ. ރާއްޖޭގެ ފަންނާނުންގެ ތެރެއިން ބައެއް ފަންނާނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުށަހަޅައިދޭ ކަމީ އެކަމުގެ ހެއްކެއް،" ސައުންޑްސް އޮފް މޯލްޑިވްސްގެ މޭސްތިރިއާ އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސް ކުރިއަށްގެން ދިއުމަށް ފައިސާ ބޭނުންވާ ކަމަށާއި އެކަމުގައި ޔޫތު މިނިސްޓްރީ އާއި ނެޝަނަލް ސެންޓާ ފޯ އާޓްސް އާއި ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސައުންޑްސް އޮފް މޯލްޑިވްސްއަށް އެހީވެދޭ ބައެއް ބޭބޭފުޅުންނާއި ފަރާތްތަކަށް ސައުންޑްސް އޮފް މޯލްޑިވްސްގެ ފަރާތުން ޝުކުރު އަދާ ކުރައްވާ ކަމަށް އިއްސެ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް