ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯ ކާމިޔާބު ކަމާ އެކު ނިންމާލައިފި

ބެންގަލޫރުން: މުހައްމަދު ސިމާއު

ދިވެހި ފަންނާނުން މެދުވެރިިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ފަސް ވަނަ ޝޯ އިންޑިއާގައި ބާއްވައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އިންޑިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ބެންގަލުރޫގެ ޔޫބީ ސިޓީގައި ރޭ ބޭއްވި އެ ޝޯ އަށް ގިނަ ބައެއްގެ ތަރުހީިބު ލިބިގެންދިޔަ އިރު، ޝޯ ބަލަން ދިޔަ ބައެއް ދިވެހިން ބުނި ގޮތުގައި ދިވެހިންގެ ޝޯއެއް އިންޑިއާގައި ބޭއްވުމަކީ އެމީހުންނަށް ލިބުނު ފަހުރެކެވެ.
ބެންގަލުރޫގެ ޔޫބީ ސިޓީގައި ރޭ ބޭއްވި ޝޯގައި މުއްމު ލަވަ ހުށަހަޅައިދެނީ --- ސަން ފޮޓޯ

"އިންޑިއާގައި އަސްލު ވަރަށް މަދު ދިވެހިންގެ ފަންނާނުންގެ ޝޯތައް. އެހެންވެގެން ދިވެހިން ފަންނާނުންތަކެއް އިންޑިއާ އަށް އައިސް ޝޯއެއް ދިނީމާ ވަރަށް އުފާވޭ. ޝޯ އިން ވަރަށް އާ ފަންނާނުންތަކެއް ވެސް ފެނި، ހުރިހާ ވައްތަރެއްގެ މިއުޒިކް އިވިގެންދިޔައީމާ ވަރަށް ސަޅި،" ބެންގަލޫރުގެ ކްރިސްޓް ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު ބުންޏެވެ.

ޝޯއާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ބުނީ، ރާއްޖޭގެ މިއުޒިކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ދިވެހި ފަންނާނުންގެ އިތުރު ޝޯތަކެއް އިންޑިއާގައި ބާއްވަން އެދޭ ކަމަށް ޝޯ ބަލަން ދިޔަ ބައެއް އިންޑިއާ ރައްޔިތުން ބުންޏެވެ.

"ރާއްޖޭގެ މިއުޒިކް އަޑު މި އެހީ އަލަށް. ޝޯގެ ހުށަހެޅުންތައް ވަރަށް ސަޅި. ޝޯގެ ބެކްރައުންޑުން ދެއްކި ރާއްޖޭގެ ރީތި މަންޒަރުތަކުން ރާއްޖެއަށްދާން ބޭނުންވެއްޖެ،" ޝޯ ބަލަން އައި އިންޑިއާގެ ޒުވާނުންތަކެއް ބުންޏެވެ.

މި އަހަރުގެ ޝޯ އިންތިޒާމްކުރި ދިވެހި ރިކޯޑްސްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިސްލާމައިލް ނިޝާމް (ޕައިޑޭ) ވިދާޅުވީ، އިންޑިއާގައި ނިމިގެން ދިޔަ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯއަކީ ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ކާމިޔާބު ޝޯއެއް ކަމަށެވެ.

"މި އަހަރުގެ ޝޯއަކީ ވެސް ކާމިޔާބު ޝޯއެއް. އިތުރު އެކްސްޕީރިއަންސްތަކެއް. މި ފުރުސަތުގައި އިވެންޓުގެ ހުރިހާ ޕާޓްނަރުންނާއި ހުށަހަޅައިދީ ހުނަރުވެރި ފަންނާނުންނަށް ޝުކުރުއަދާކުރަން. އަދި ވޭތުވެ ދިޔަ ފަސް އަހަރު ކުރެވުނު ތަޖުރިބާ އަށް ބަލާފައި އަންނަ އަހަރުގެ ޝޯ އަކީ ކާމިޔާބު ޝޯ އަކަށް ވެގެންދާނެ،" ޕައިޑޭ ވިދާޅުވި އެވެ.
ބެންގަލުރޫގެ ޔޫބީ ސިޓީގައި ރޭ ބޭއްވި ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯގައި މަޝްހޫރު ގިޓަރިސްޓް ފަސީ ލަވަ ހުށަހަޅައިދެނީ --- ސަން ފޮޓޯ

ސައުންޑް އޮފް މޯލްޑިވްސްގެ ފަސް ޝޯއެއް މިހާތަނަށް ބާއްވާފައިވާ އިރު، މިއީ އެ ޝޯ ރާއްޖޭން ބޭރުގައި ބޭއްވި ތިން ވަނަ ފަހަރެވެ. އިންޑިއާގެ އިތުރުން ސައުންޑް އޮފް މޯލްޑިވްސްގެ ޝޯއެއް ސްރީލަންކާގެ ވެރިރަށް ކޮޅުބުގަ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ވެސް ބާއްވާފައިވެ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ މި އަހަރުގެ ޝޯގައި ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް އަހުމަދު ފަސީހު (ފަސީ)، މަޝްހޫރު ޑްރަމަރު އަހުމަދު ދާނިޝް (ދާއީ)، ޑީޖޭ އަށް މަޝްހޫރު އިސްމާއިލް ނިޝާމް (ޑީޖޭ ޕައިޑޭ) އާއި އިބްރާހިމް ނިޝާމް (ޕައިޑޭ)ގެ އިތުރުން، ސޯލޯ ދެ އާޓިސްޓުން ކަމަށްވާ، މޫޝަން މުބާރިކް (މުއްމު) އާއި ފާތުމަތު ނައުޝީން އިބްރާހިމް ޒުބައިރު (ފައްތު) އަދި ރާއްޖޭގެ ހެވީ މެޓަލް ބޭންޑް، ނޮތްނެގަލް އާއި ސިފައިންގެ ބޭންޑް ދަ ކޮޕްސް ހުށަހަޅައިދީފައިވެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު