ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ ފަންނާނުން

އިންޑިއާގެ ބެންގަލޫރުން: މުޙައްމަދު ސިމާއު

ދިވެހި ފަންނާނުންގެ ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ދިވެހި ފަންނާނުން މެދުވެރިިކޮށް ރާއްޖެ އިސްތިހާރު ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް"ގެ ކޮންމެ ޝޯއެއްގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރިންނާއި ބޭންޑުތައް އަންނަނީ ބައިވެރިވަމުންނެވެ.

ސައުންޑްސް އޮފް މޯލްޑިވްސް މިއަހަރު އިންތިޒާމްކުރާ "ދިވެހި ރިކޯޑްސް" އިން ބުނީ، ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރު ޝޯ އިންޑިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ، ބެންގަލުރޫގެ ޔޫބީ ސިޓޯ މޯލުގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ ޝޯގައި ވެސް ރާއްޖޭގައި ނަގާ ކިޔާ ފަންނާނުންނާއި ތަފާތު ގެނުވާނެ ބޭންޑުތަކެއް ބައިވެރިވާ ކަމަށެވެ.

އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖެފައިވާ ފަސް ވަނަ ސައުންޑް އޮފް މޯލްޑިވްސް ޝޯގައި ބައިވެރިވާ ބައެއް ފަންނާނުންގެ މައުލޫމާތު ކޮޅެއް ހިއްސާކޮށްލާނަމެވެ.

* ފަސީ

ރާއްޖޭގެ މޮޅެތި ގިޓަރިސްޓުންގެ ވާހަކަ ދައްކާނަމަަ ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ ލިބޭނެ އެއް ފަންނާނަކީ އަހުމަދު ފަސީހު (ފަސީ) އެވެ. ސްކޫލް ދައުރުން ފެށިގެން ގިޓާ ކުޅުމާއި މިއުޒިކްގެ ތެރޭގައި އުޅުނު ފަސީ އަކީ ސައުންޑްސް އޮފް މޯލްޑިވްސް މިއަހަރު އިންތިޒާމުކުރާ ދިވެހި ރިކޯޑްސްގެ ސީއީއޯ އެވެ.
އަހުމަދު ފަސީހު (ފަސީ)---

އުމުރުން އެންމެ 17 އަހަރުގައި ދިވެހިންގެ ތެރެއަށް ފަސީ މަޝްހޫރުވެގެން އައީ 1990 ވަނަ އަހަރު ނެރުނު އިނގިރޭސި ވީޑިއޯ ލަވަ "ރިދަމް އޮފް ވޭވްސް" އިންނެވެ. އެއަށްފަހު ރާއްޖޭގެ ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެއް ކަމަށްވާ ސަމީއު އާއެކު ފަސީ، އޭނާގެ ފުރަތަމަ އަލްބަމް "ފަރި ޕަރީ" ރިލީޒް ކުރި އެވެ.
އަހުމަދު ފަސީހު (ފަސީ)---

ފަސީލައިވްގެ ނަމުގައި ބޭންޑެއް އުފައްދައި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ގިނަ ޝޯތަކެއް ހުށަހަޅައިދީ މަޝްހޫރުކަން ހޯދާފައިވާ ފަސީއަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު 2006 ވަނަ އަހަރު ލިބިފައިވާ ފަންނާނެކެވެ.

* ނޮތުނެގަލް

ސައުންޑް އޮފް މޯލްޑިވްސްއަށް މިއަހަރު ތަފާތެއް ގެނުވާނެ އެއް ބޭންޑަކީ ރާއްޖޭގެ ރޮކް އަދި ހެވީ މެޓަލް ބޭންޑް، ނޮތުނެގަލް އެވެ. ރާއްޖޭގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ސަރުކާރުންދޭ ޒުވާނުންގެ އެވޯޑް މިއުޒިކީ ދާއިރާއިން 2012 ވަނަ އަހަރު ހޯދާފައިވާ ނޮތުނެގަލް އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން ބޭންޑެކެވެ.
ރާއްޖޭގެ ރޮކް އަދި ހެވީ މެޓަލް ބޭންޑް، ނޮތުނެގަލް އިނާމަކާ ހަވާލުވަނީ---

އެގޮތުން ޔޫރަޕާއި އޭޝިއާގެ އިތުރުން މެދު އިރުމަތީގެ ގައުމުތަކުގައި ބޭއްވި ބައިނަލްއަގްވާމީ އެތަށް ޝޯތަކެއްގައި ނޮތުނެގަލް ބައިވެރިވެފައިވާއިރު، އެމެރިކާގެ ހެވީ މެޓަލް ވެބްސައިޓެއް ކަމަށްވާ މެޓަލްއަންޑަގްރައުންޑް.ކޮމް އިން 2012 ވަނަ އަހަރު ނެގި ވޯޓަކުން ނޮތުނެގަލްއަށް ވަނީ "ބެސްޓް ނިއުކަމާ" ގެ އެވޯޑުވެސް ލިބިފައެވެ.
ނޮތުނެގަލް---

ނޮތުނެގަލްގެ އަށް އަހަރުވީ ތާރީހުގައި އެ ބޭންޑުންވަނީ ދެ އަލްބަމެއް ނެރެފައިވެ އެވެ. ފުރަތަމަ އަލްބަމް "ޑިކެޑެންސް" 2012 ވަނަ އަހަރު ޔޫރަޕް އަދި އެމެރިކާގައި ރިލީޒް ކުރިއިރު، އެ ބޭންޑުގެ އެންމެ ކާމިޔާބު އަލްބަމް "ނޮތުނެގަލް އީޕީ" މުޅި ދުނިޔެއަށް ރިލީޒް ކުރީ މިދިޔަ އަހަރުއެވެ. އަދި އެ އަލްބަމް ވަނީ ގޫގުލް މިއުޒިކްގެ ރޮކް އަލްބަމްތަކުގެ 16 ވަނައި ގައި ހިމެނިފަ އެވެ.

* ދަ ކޭ އޮޕްސް

މިފަހަރު އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ ފަސް ވަނަ ޝޯގައި އަލަށް ފެނިގެންދާ އަނެއްބޭންޑަކީ ސިފައިންގެ މިއުޒިކް ގްރޫޕުގެ ގޮތުގައި އުފެދިގެން އައި، ދަ ކޮޕްސް ބޭންޑެވެ.
ދަ ކޮޕްސް ބޭންޑް---

ސިފައިންގެ އޮފިސަރުންތަކެއްގެ މައްޗަށް އެކުލެވޭ، އެމްއެންޑީއެފްގެ ރަސްމީ ބޭންޑުގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކޮޕްސް ބޭންޑަކީ ރާއްޖޭގައި ފާހަގަކުރާ ރަސްމީ ގިނަ ހަފްލާތަކެއްގައި ހުށަހަޅައިދޭ ހުނަރުވެރި ބޭންޑެކެވެ.

* މޫޝަން (މުއްމު)

އުމުރުން އެންމެ 16 އަހަރުގައި، ރައްޓެހިންގެ ފަރާތުން މިއުޒިކް ތެރެއަށް ނުކުތް މޫޝަން މުބާރިކް (މުއްމު) އަކީ ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ލިސްޓުން ޖާގަ ހޯދަމުން އަންނަ ހުނަރުވެރި ސޯލޯ އާޓިސްޓެކެވެ. އާއްމުންނަށް މުއްމު އަކީ އާ މޫނަކަށްވި ނަމަވެސް އޭނާއަކީ ރިސޯޓް މިއުޒިކަށް ނުވަތަ ރިސޯޓްތަކަށް ބީރައްޓެހި މީހެއް ނޫނެވެ.
މޫޝަން މުބާރިކް (މުއްމު)---

ފްރާންސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ލުއިސް ވިޓަންގެ ޝެވަލް ބްލޯން ރަންދެލި ރިސޯޓުގައާއި ސީޝެލްސްގެ މަޝްހޫރު ކޮންސްޓެންސްގެ ކޮންސްޓެންސް ހަލަވެލި ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޯލޯ މިއުޒިކް ކުޅެދެމުންދާ މުއްމު އާއްމުންގެ ތެރެއަށް ފުރަތަމަ ފެނިގެންދިޔައީ ހައިރައިޒްގެ ޝޯތަކުންނެވެ.
މޫޝަން މުބާރިކް (މުއްމު)---

މަޝްހޫރު ދިވެހި ލަވަ "ރަންނަމާރި" ގެ އަޑުގެ ވެރިޔާ މުއްމުގެ މިއުޒިކީ ހަޔާތުގައި އެންމެ އުފާވި އެއް ދުވަހަކީ ތިންވަނަ އޭބީޔޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމެވެ. އޭނާ ދެކޭގޮތުގައި އެއީ އޭނާގެ މިއުޒިކީ ހަޔާތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.


* އިސްމާއިލް ނިޝާމް (ޑީޖޭ ޕައިޑޭ)

ރާއްޖެއާއި ބައިނަލްއަގްވާމީ ގިނަ ޕްލެޓްފޯމްތަކެއްގައި ޑީޖޭގެ ހުނަރު ދައްކާލާފައިވާ ރާއްޖޭގެ މަދު ފަންނާނުންގެ ތެރެއިން އިސްމާއިލް ނިޝާމް ނުވަތަ މަޝްހޫރު ނަމުންނަމަ ޑީޖޭ ޕައިޑޭ އަކީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ހުނަރުވެރި އެކެވެ.
ޑީޖޭ ޕައިޑޭ---

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަންނާނަކު ބައިނަލްއަގްވާމީ މަޝްހޫރު ބްރޭންޑަކުން ސްޕޮންސާކުރި ކަމުގެ ޝަރަފް ލިބިފައިވާ ނިޝާމަކީީ ފިލިޕްސް ބްރޭންޑް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް އެސްޓީއޯގެ ފަރާތުން ފިލިޕްސް މިއުޒިކްގެ އެމްބެސެޑަރުކަމަށް ކަނޑައަޅާފައިވާ ފަންނާނެވެ.
ޑީޖޭ ޕައިޑޭ---

ޑީޖޭގެ އިތުރުން، ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންދާ އިވެންޓް މެނޭޖަރެއް ކަމަށްވާ "ސައުންޑްސް އެންޑް ލައިޓްސް"ގެ ކޯ ފައުންޑަރު ނިޝާމް އަކީ ލައިޓިންގެ ޑިރެކްޓަރެއްގެ އިތުރުން ލައިޓިންގެ އެކްސްޕާޓެކެވެ.

* އިބްރާހިމް ނިޝާމް (ޕައިޑޭ)

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ މެޒޯ މުހައްމަދުގެ، "މެޒޯ" ބޭންޑުން 1996 ވަނަ އަހަރު މިއުޒިކީ ދާއިރާއަށް ނުކުތް އިބްރާހިމް ނިޝާމް (ޕައިޑޭ) އަކީ ސައުންޑް އިންޖިނިއަރިންގެ ފަންނުވެރި އެކެވެ.
އިބްރާހިމް ނިޝާމް (ޕައިޑޭ)---

ދިވެހިންގެ ތެރެއަށް މަޝްހޫރުވެގެންދިޔަ އަދި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ޗެނަލަކުން ދިވެހި ބޭންޑެއްގެ ލަވައެއް އެއާކުރި، "ވިސްނާ ވިސްނާ" ލަވަކިޔާފައިވާ އެއް ލަވަކިޔުންތެރިޔާ ޕައިޑޭ އަކީ، ސައުޑްސް އޮފް މޯލްޑިވްސް މިއަހަރު އިންތިޒާމް ކުރާ 'ދިވެހި ރިކޯޑްސް" ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އެވެ. އަދި އޭނާ އަކީ، ޑީޖޭ ޕައިޑޭގެ ބޭބެ އެވެ.


* ފާތުމަތު ނައުޝީން އިބްރާހިމް ޒުބައިރު (ފައްތު)

ޓީވީއެމްއިން 2008 ވަނަ އަހަރުގެ ރޯދަ މަހު ގެނެސްދިން "މިޔުޒިކް ޔާޑް" ޕްރޮގްރާމުން އާންމުންނަށް ފެނިގެންދިޔަ ފާތުމަތު ނައުޝީން އިބްރާހިމް ޒުބައިރު (ފައްތު) މިއުޒިކްގެ ތެރެއަށް ނުކުތީ އުމުރުން އެންމެ 17 އަހަރުގަ އެވެ. ކެފޭ ތަކުގައި ބައެއް ފަންނާނުންދޭ ހުށަހެޅުންތަކުގައި ބައިވެރިވެ ލަވަ ހުށަހަޅައިދިނުމުގެ ތެރެއިން މިއުޒިކުގެ ތެރެއަށް ނުކުތް ފައްތު އަކީ ގިޓާ ކުޅުމުގެ ހުނަރުވެސް ލިބިފައިވާ ފަންނުވެރި ޒުވާނެކެވެ.
ފާތުމަތު ނައުޝީން އިބްރާހިމް ޒުބައިރު (ފައްތު)---

ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް ހިތްގައިމު ލަވަތަކެއް ހުށަހަޅައިދެމުންދާ ފައްތު އާއްމުކޮށް ކުޅެ އުޅެނީ މަޑުމައިތިރި (އެކޯސްޓިކް) އަދި ޖޭޒް ސްޓައިލްގެ ލަވަތަކެވެ. ތަފާތު ވައްތަރުގެ ރާގު ކުޅޭ ހިތްވާ ފައްތު ބުނާ ގޮތުން މިއުޒިކުގެ އާ ރާގެއް ދަސްވުމަކީ މިއުޒިކީ ދާއިރާގައި އޭނާއަށް ލިބޭ އުފަލެކެވެ.
ފާތުމަތު ނައުޝީން އިބްރާހިމް ޒުބައިރު (ފައްތު)---

ލިބުނު އުފާ ތަކުގެ ތެރެއިން 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ސާކް ސައުޓް އޭޝިއަން ބޭންޑްސް ފެސްޓިވަލްގައި ކުޅެލަން ލިބުނު ފުރުސަތާއި ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ ޝޯގައި ހުށަހަޅައިދޭން ލިބުނު ފުރުސަތު ފައްތު ފާހަގަކުރެ އެވެ.

* އަހުމަދު ދާނިޝް (ދާއީ)

އަހުމަދު ދާނިޝް (ދާއީ) އޭ ބުނުމުން ނުދަންނަ މީހަކު ރާއްޖޭގެ މިޔުޒިކީ ދާއިރާގައި މަދުވާނެ އެވެ. އުމުރުން ހަތް އަހަރުގައި ސްނެއާ ޑްރަމަރެއްގެ ގޮތުގައި ޑްރަމް ކުޅެންފެށި ދާއީ ސްކޫލު ނިންމީ ވެސް ޑްރަމަރެއްގެ ގޮތުގައެވެ. އަދި އޭނާއަކީ މިވަގުތު ރާއްޖޭގައި ތިބި ޑްރަމަރުންގެ ތެރެއިން ނަގާ ކިޔާ އެއް ޑްރަމަރެވެ.
އަހުމަދު ދާނިޝް (ދާއީ)---

ސްކޫލް ދުވަސްވަރު އެކުގައި އުޅުނު ރައްޓެހިންނާއެކު އުފެއްދި ތްރޭޝް މެޓަލް ބޭންޑް އަދި 2010 ވަނަ އަހަރުގެ ބްރޭކްއައުޓް ފެސްޓިވަލް ކާމިޔާބުކުރި "ޓޯމެންޓޯ"އިން މަޝްހޫރުވެގެންދިޔަ ދާއީ އަކީ ރާއްޖޭގައި ކުރިން ބާއްވާ ރޮކް ޝޯއެއް ކަމަށްވާ "ރޮކްސްޓޯމް" އިން އެންމެ މޮޅު ޑްރަމަރުގެ އެވޯޑް ހޯދާފައިވާ ޑްރަމަރެވެ.
އަހުމަދު ދާނިޝް (ދާއީ)---

ރާއްޖޭގެ ފާހަގަކޮށްލެވޭ ބޭންޑްތަކުގެ ތެރެއިން ފަސީލައިވް، ނޮތްނެގަލް އަދި ވަން ނައިޓް ސްޓޭޑު ފަދަ ބޭންޑް ތަކުގެ ޝޯތަކަށް ފުރިހަމަކަން ގެނެސްދީފައިވާ ދާއީ އަކީ ރިސޯޓް މިއުޒިކް ކުޅޭ "ވައިޓް ސްމޯކް" އަދި "ވޫހޫސް" ބޭންޑުގެ ވެސް ޑްރަމަރުގެ މަގާމު އަދާކުރާ ހުނަރުވެރި ފަންނާނެކެވެ.

ބެރުޖެހުމުގެ ހުނަރު ކުޑަ ކުދިންނަށް ދަސްކޮށްދިނުމަށް ބޭނުންވާ ދާއީގެ އުއްމީދަކީ ކޮންމެ ދުވަހަކުވެސް އާކަންތައްތަކެއް ތަޖުރިބާކޮށް ގިނަ ފަންނުވެރިންނާއެކު ހުށަހެޅުންތައް ހުށަހަޅައިދިނުމެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު