އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމަށް އެމްޑީޕީން ގޮވާލައިފި

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ގޮވާލައިފި އެވެ.

އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ބުރާސްފަތި ދުވަހު ނެރުއްވި ރިޕޯޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދީބާ ގުޅޭ 77.1 މިލިޔަން ރުފިޔާއާއި އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ކޮރަޕްޝަން މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް އުފުއްލެވުމަށް ޕީޖީއަށް ގޮވާލާ ކަމަށެވެ.

އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމަށް އެމްޑީޕީން ގޮވާލާފައިވާއިރު ޕީޖީ މުހުތާޒު މުހުސިން 'ސަން' އަށް ވިދާޅުވީ، އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެމްޑީޕީން ބުނީ، އަދީބާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް އާންމު ކުރެއްވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ގާނޫނު އަސާސީއާ ހިލާފަށް އެމަގާމުން 'ނެތިކޮށްލާ'ފައިވާ މައްސަލަ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

"ގާނޫނު އަސާސީއާ ހިލާފަށް އޮޑިޓް ގާނޫނުގެ އަކުރަކަށް ސަރުކާރުން ގެނައި ބަދަލަކުން އޮޑިޓާ ޖެނެރަލްގެ މަގާމުގެ މުއްދަތު ހަމަ ނުވަނީސް އޮޑިޓާ ޖެނެރަލްގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުން 'ހައްޔަރުކޮށް' އަދި ޤާނޫނު އަސާސީން އުފައްދާފައިވާ ދައުލަތުގެ މިނިވަން މުސްތަގިއްލު މަގާމެއް ނެތިކޮށްލާފައިވާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޤާނޫނު އަސާސީއާ ހިލާފަށް އޮޑިޓާ ޖެނެރަލްގެ މަގާމު ނެތިކޮށްލުމަށްޓަކައި އަވަސް އަރުވާލައްވައި 24 ގަޑިއިރު ހަމަނުވަނީސް ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރައްވާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ސަރުކާރުގެ ވަޒީރެއްގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ބެއްލެވުމުން އެމައްސަލައެއް ބެއްލެވި ޤާނޫނީ މުއައްސަސާ ނެތިކޮށްލުމަކީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި އެއީ މި ސަރުކާރު ފަސާދަވެފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެއްކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ، ސަރުކާރުން ކުރިއަށްގެންދާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކާއި 'ޗެކްސް އެންޑް ބެލެންސެސް'ގެ ނިޒާމު ނެތިކޮށްލައި ގާނޫނު އަސާސީގެ ބާރު ފާޅުގައި ކަނޑުވާލަމުން ގެންދާތަން ފެންނަމުންދާ ކަމަށެވެ.

"ގާނޫނު އަސާސީއާ ހިލާފަށް އިލެކްޝަންސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި އަދި މިނޫން ވެސް މުސްތަގިއްލު ކޮމިޝަންތަކުގެ ގާނޫނީ ބާރުވެރިކަން ނައްތާލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ މުސްތަގިއްލު އަދި މިނިވަން ކޮމިޝަންތަކުގެ ބާރުވެރިކަން ކަނޑުވާލަން މަސައްކަތްކުރާނަމަ ރާއްޖެއާމެދު މުޅި ދުނިޔޭގެ އިތުބާރު ގެއްލި ރާއްޖޭގެ އަގުވެއްޓިދާނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުން ހުއްޓި ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުންދާނޭ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ނޫސްވެރިންނާ ބައްދަލުކުރައްވައި އަދީބު މިރޭ ވިދާޅުވީ، ސަރުކާރަށް ގެއްލުންވާގޮތަށް އެފަދަ އެއްވެސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން އޭނާގެ ބަހެއް ހޯދުމަށް އޮޑިޓް އޮފީހުން އެދިފައިނުވާ ކަމަށާއި އެއީ ފުރިހަމަނުކޮށް ނެރެފައިވާ ބޭއިންސާފު އޮޑިޓް ރިޕޯޓެއް ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު