ލ. އަތޮޅު މުބާރާތް: ތުނޑީ ސްޓާ ޖަމިއްޔާ ހިތްހަމަ ނުޖެހިފައި

ލ. އަތޮޅު ކައުންސިލާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ލ. އަތޮޅު ފުޓްބޯޅަ މުބާރާތް 2014"ގެ ގްރޫޕް 'އޭ'ގައި ވާދަކުރާ ލ. ގަމު ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ) ޖަމިއްޔާއަށް މި މުބާރާތުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ތުނޑީ ސްޓާ ޖަމިއްޔާގެ ނާއިބުރައީސް އަދި އެޖަމިއްޔާގެ ފުޓްބޯޅަ ކްލަބުގެ މެނޭޖަރު އިސްމާއީލް ޒަކީ 'ސަން'އަށް ވިދާޅުވީ، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެޓީމު ކުޅެން އޮތް މެޗަށް ހާޒިރުވުމަށް މުބާރާތް ކުރިއަށް ގެންދާ ލ. މާބައިދޫއަށް ޓީމު ދިޔައިރު ވެސް އެ މެޗު ކެންސަލް ވެފައިވާކަން އަންގާފައި ނުވާ ކަމަށެވެ. އަދި މެޗު ކެންސަލްކޮށްފައިވާކަން އެޓީމަށް އެނގުނީ ބޮޑެތި ހަރަދުތަކެއް ކޮށްގެން މާބައިދޫއަށް ގޮސް ދަނޑަށް ދިޔަފަހުން ކަމަށެވެ.

"އަޅުގަނޑުމެން 6000 ރުފިޔާ ދީގެން ދޯންޏެއް ކުއްޔަށް ހިފައިގެން މާބައިދުއަށް މިދިޔައީ. ދިޔަ އިރުވެސް އެފްއޭއެމުން ވެސް އަދި އަތޮޅު ކައުންސިލުންވެސް ނެތް އެ މެޗު ކެންސަލްކުރިކަން އަންގާފައެއް. އެހެން ކަމުން އަޅުގަނޑުމެންނަށް މާލީގޮތުން ވެސް މިވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައި،" ޒަކީ ވިދާޅުވި އެވެ.

ލ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 'އޭ'ގައި އިއްޔެ ހަވީރު މާބައިދޫ ފުޓްބޯޅަ ދަނޑުގައި ތުނޑީ ސްޓާއާ ގަމު މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ ކުޅެން ހަމަޖެހިފައިވާ މެޗަށް މަތިމަރަދޫ ޓީމު ހާޒިރު ނުވުމުގެ ސަބަބުން އެ މެޗު ވަނީ، ކެންސަލްކޮށްފައެވެ.

ސްޓާ ޖަމިއްޔާގެ ނައިބު ރައީސް ވިދާޅުވީ، އިދިކޮޅު ޓީމުން ދަނޑަށް ހާޒޒިރު ނުވުމުން އެ ކަމާގުޅޭ ގޮތުން އެފްއޭއެމަށް ގުޅާލުމުން މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ މުބާރާތުން ވަކިވެފައިވާ ކަމަށް އެފްއޭއެމުން ބުނި ކަމަށެވެ.

"މެޗު ކެންސަލްވި ވާހަކަ އަތޮޅު ކައުންސިލުން ވެސް އަދި އެފްއޭއެމުން ވެސް އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ. ދަނޑަށް ހާޒުރުވުމަށް ފަހު އެފްއޭއެމަށް އަޅުގަނޑުމެން ގުޅުމުން ބުނީ، މަތިމަރަދޫ ޓީމު މުބާރާތުން ވަކިވެފައިވާ ކަމަށް،" ޒަކީ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޓޯލް ފުޓްބޯލް އަހްމަދު މުޖްތަބާ (ފެސްކޯ) ވިދާޅުވީ، މެޗް ކެންސަލްވި ވާހަކަ ތުނޑީ ސްޓާ ޓީމަށް މެޗު ފަށަން އޮތް ގަޑީގެ ތިން ގަޑިއިރު ކުރިން އަންގާފައި ވާނޭ ކަމަށެވެ.

"އަޅުގަނޑު ވާނީ، އަތޮޅު ކައުންސިލަށް ވެސް އަދި ތުނޑީ ސްޓާ ޓީމަށް ވެސް އެ މެޗުގައި ވާދަކުރާ އެއްޓީމު މުބާރާތުން ވަކިވެފައި ވާތީ، މެޗު ކެންސަލްވީކަން އަންގާފައި. ބުރާސްފަތި ދުވަހުގެ 12:41ގައި އަޅުގަނޑު ވާނީ އެކަން އަންގައި އީމެއިލްއެއް ފޮނުވާފައި. އަދި މުބާރާތުގެ ގަވާއިދާ އެއްގޮތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް ވާނީ އަޅާފައި،" ފެސްކޯ ވިދާޅުވި އެވެ.

މިމަހުގެ 27 ވަނަ ދުވަހު، އިސްދޫ އަމާޒު ޖަމިއްޔާއާ ދެކޮޅަށް ސްޓާ ކުޅުނު މެޗުގެ ފަހު ވަގުތުގައި ހިންގި ހަމަ ނުޖެހުންތަކަކާ ގުޅިގެން މެޗު ނިންމާލި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވާކަމަށާއި އަދި މެޗުގެ ނަތީޖާވެސް އަންގާފައި ނުވާކަމަށް ތުނޑީ ސްޓާއިން ބުންޏެވެ.

އެހެން ނަމަވެސް އެފްއޭއެމުން ބުނީ، އަމާޒު ޖަމިއްޔާއާ ދެކޮޅަށް ތުނޑީ ސްޓާ ކުޅުނު މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު ވަގުތު ކޮޅުގައި ހަމަނުޖެހުން ހިނގުމާއެކު މެޗު ނިމުނު ކަމަށް ރެފްރީ ނިންމާފައި ވާ ކަމަށާއި އޭރު މެޗުގެ ވަގުތު ވެސް ހަމަވެފައިވާ ކަމަށެވެ. އެ ނަތީޖާއާ އެކު ކުޅުނު އެއް މެޗު އެއްވަރުވެ ދެމެޗުން ބަލިވެ އެއްމެޗު ކެންސަލްވުމުން ލިބުނު ޖުމުލަ ހަތަރު ޕޮއިންޓާއެކު ސްޓާ ޓީމު ވަނީ ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ލ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ހޮވިފައިވާ އިރު، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނުވަ ޕޮއިންޓާއެކު ސެމީން ޖާގަ ހޯދީ މާބައިދޫ އިސް ދަރިވަރުންގެ ޖަމިއްޔާ އެވެ. އަދި ފަސް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ، އިސްދޫ އަމާޒު ޖަމިއްޔާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު