ވެލެންސިއާ އަތުން އެއްވަރުވެ މާޒިޔާއަށް ލީގު ހޯދުމަށް ހުރަސްތަކެއް

ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ ކޮޅަށް މެޗުގެ ފަހު ވަގުތުގައި ލަނޑެއް ޖަހައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 2-2 އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އެ އެ ނަތީޖާގެ ސަބަބުން މާޒިޔާއަށް ލީގު ކާމިޔާބުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ނަތީޖާއާއެކު، އެއްމެޗު މަދުން ކުޅެގެން 45 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތްއިރު މާޒިޔާ އޮތީ 44 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. މާޒިޔާއަށް ބާކީ ދެ މެޗު އޮތް އިރު، އެޓީމު ކުޅޭ ފަހު މެޗުގައި އަދި ދިވެހި ލީގުގެ ވެސް ފަހު މެޗުގައި ނޮވެމްބަރު ނުވަ ވަނަ ދުވަހު އެޓީމު ނުކުންނަން ޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ 20 މިނިޓްތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފްގެ 41 ވަނަ މިނިޓްގައި ވެލެންސިޔާގެ އަބްދުލް ރަޝީދު މާހިރު (އަބޫ) ދިން ބޯޅައެއް މާޒިޔާގެ ގޯލްތެރެއަށް ފޮނުވާލައިގެން އަހްމަދު ނިޝާން (ކާނޫ) ވަނީ ފުރަތަމަ ހާފު ނިމުގެ ކުރިން ވެލެންސިއާއަށް މެޗުގެ ކުރި ހޯދައިދީފައެވެ.

މާޒިޔާއިން ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ، މެޗުގެ 66 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ކޯނަރަކުން ސަމްދޫހު މުޙައްމަދު ވެލެންސިއާ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެން މެސެޑޯނިއާ ފޯވަޑް ރިސްޓޭ ނައުމޯވް އެވެ.

ފަހު ހާފުގެ އިތުރު ވަގުތުގައި ވެލެންސިޔާއިން ވަނީ ދެވަނަ ފަހަރަށް މާޒިޔާ ސިއްސުވާލައި މެޗުގެ ކުރި ހޯދައިފައެވެ. ވެލެންސިއާއަށް އެ ލަނޑު ޖަހައިދިނީ އަހުމަދު ރިލްވާން (ރިލޭ) އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އަހްމަދެވެ.

ވެލެންސިއާ އަތްދަށުން މާޒިޔާ ސަލާމަތްކޮށްދިން ލަނޑު މެޗްގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅު ތެރޭގައި މާޒިޔާއަށް ކާމިޔާބުކޮށްދީ، އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.

ދިވެހި ލީގުގައި މާދަމާރޭ 9:00ގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ، ތާވަލުގެ އެއްވަނައިގައި އެޓީމަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު