ފެންފޯއް ރުއްތައް ކަނޑާލީ ދުރާލާ ރާވައިގެން: މޭޔަރު

މާލޭ ފެހިކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން މަޖީދީމަގުގައި އިންދާފައިހުރި ފެންފޯއްރުއްތައް ކަނޑާލީ ދުރާލާ ރާވައިގެން، އެ ގަސްތައް ނަގަންވެގެން ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޝިހާބް ވިދާޅުވީ، ފެންފޯއްރުތައް ކަނޑާލުމުން، އެ ރުއްތަކުގެ ބުޑުތައް ނަގަން ހައުސިން މިނިސްޓްރީން "އަވަސް އަރުވާލައިގެން" އުޅުނު ކަމަށެވެ.

ރުއްތަކުގެ ބުޑުތައް ނެގުމުގައި މާލޭ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް އެ ބުޑުތައް ނަގަން އުޅޭތީ، އެކަމުން ރުއްތައް ކަނޑާލީ އެހެން ބޭނުމެއް އޮވެގެން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ރުއްތައް ކަނޑާލި ދުވަހުނޫން އަނެއް ދުވަހު ކަނޑާލި ރުއްތަކުގެ ބުޑުތައް ނަގަން ހައުސިން މިނިސްޓަރު އެދިވަޑައިގަތް. އޭގެ އަނެއް ދުވަހު ހައުސިން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ގަސްތައް އިންދުމަށް އެނގި. އޭގެފަހުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު މާލޭ ސިޓީ ކައުންސިލުގެ ޑިރެކްޓަރަކަށް ގުޅުއްވާ ރުއްތަކުގެ ބުޑުތައް ނެގުމަށް އެންގި. އަދި މިހާރު އެ ބުޑުތައް ރޯޑް ޑިވެލޮޕްމަންޓާ ހަވާލުކޮށްގެން ނަގަންވަނީ ނިންމާފައި،" ރުއްތައް ކަނޑާލުމުގައި ހައުސިން މިނިސްޓްރީއަށް ތުހުމަތުކުރެވޭ ގޮތަކަށް ވާހަކަފުޅުދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.

ހައުންސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލުން ކާނުތަކުގައި ގަސް އިންދުމުގެ ސަބަބުން ކާނުތައް ބެދޭގޮތްވާ ކަމަށެވެ.

މީގެ އިތުރުން، މަގުހެދުމުގެ މަސައްކަތާއި މާލޭ ރީ ޑިވެލޮޕް ކުރުމުގެ މަސައްކަތްކުރިއަށްގެންދާތީ،
ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާކޮށް އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން މާލެ ފެހިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ކަނޑާލި ރުއްތަކުގެ ބަދަލުގައި އާ ރުއްތަކެއް އިންދުމަށް އަތޮޅުތެރޭގެ ބައެއް ރަށްތަކުން އެ ކައުންސިލަށް ރުކާއި ރުއް އިންދާނެ މީހުންވެސް ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ.

ހައުސިން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަންތައް ކުރުމަށް އެންގި ނަމަވެސް، ގާނޫނުގެ ތެރެއިން ރައްޔިތުން އެދޭ ގޮތަށް މާލެ ފެހިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް މޭޔަރު ޝިހާބު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު