މިރޭ 12:00 ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުވާނެ

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތައް ބޭނުން ކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) މިރޭ ދަންވަރު 12:00 އިން ފެށިގެން 12 ޕަސެންޓަށް ބޮޑުވާނެ އެވެ.

މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އަދި 2012 އަހަރުގެ ޖެނުއަރީ ފެށިގެން، އެ އަހަރު ޑިސެމްބަރާ ހަމައަަށް ނަގަމުން ދިޔައީ ހަ ޕަސެންޓުގެ ޓީޖީއެސްޓީ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އަށް ޕަސެންޓަށް ޓީޖީއެސްޓީ ބޮޑު ކުރި އެވެ.

މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކި މަރުހަލާތަކުގައި ނަގަމުން ދިޔައި ޓީޖީއެސްޓީ، 12 ޕަސެންޓަށް ބޮޑު ކުރުމަށް މަޖިލީހުން ފާސް ކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވީ މިއަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން ފަތުރުވެރިނަށް ދެމުން ގެންދާ ހިދުމަތްތަކުން ނަގަމުން އަންނަ އަށް ޕަސެންޓުގެ ޓީޖީއެސްޓީ ނޮވެމްބަރު 1، 2014 އިން ފެށިގެން 12:00 އަށް ބޮޑުވާނެއެވެ.

އެހެން ކަމުން މިރޭ ދަންވަރު 12:00 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޖީއެސްޓީ 12 ޕަސެންޓަށް ބޮޑުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު