އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓާމެދު ސުވާލު އުފެދޭ: ޕީޖީ

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑުވާ ގޮތަށް އޮތް އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓާމެދު ސުވާލު އުފެދޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން މިއަދު ވިދާޅުވެއްޖެ އެވެ.

ތިރީސް ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަންޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރައްވާފައި ވަނިކޮށް، އޮޑިޓާ ޖެނަރަލް އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ކުރައްވާފަ އެވެ. މިނިސްޓަރު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތި ކުރީ އެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގަ އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ޕީޖީ މުހުތާޒު "ސަން"އަށް މިއަދު ވިދާޅުވީ، އޮޑިޓާ ޖެނަރަލް އިއްޔެ ނެރުއްވި ރިޕޯޓާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު ދެންނެވީ މި ހާލަތުގައި އެ ރިޕޯޓު ނެރުއްވުމުން، އެ ރިޕޯޓާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދާނެއޭ. އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތާމެދު އަޅުގަނޑު ސުވާލެއް ނުއުފައްދާނަން،" މުހުތާޒު ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، ރައީސް ޔާމިން އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އަލުން އައްޔަން ކުރުމަށް މަޖިލީހަށް ނަމެއް ފޮނުވަންޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އައްޔަން ނުކުރާނަމަ މިހާރުގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމަށް އެ މަގާމު ގެއްލޭނެ ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އޮޑިޓް ގާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވަވާ ނަންފުޅުތަކުގެ ތެރޭގައި ނިޔާޒުގެ ނަންފުޅު ނުހިމެނިއްޖެނަމަ އެމަނިކުފާނުގެ މަގާމު ގެއްލޭނެ އެވެ. އަދި އެ މަނިކުފާނުގެ ނަންފުޅު މަޖިލީހަށް ހުށަހަޅައި ފާސްނުވެއްޖެނަމަ ނިޔާޒުގެ މަގާމު ގެއްލުނީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު