ގުޅިފަޅު އާބާދުކުރުން މަޑުޖައްސާލުމަށް އަންގައިފި

ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ، ސަރުކާރުން ވަކި ގޮތެއް އަންގަންދެން ގުޅިފަޅުގައި މީހުން އާބާދުކުރުމާ ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑު (ޖީއައިއެލް) އިން ބުނެފި އެވެ.

ޖީއައިއެލް އިން ބުނީ، ގުޅިފަޅުގައި މީހުން އާބާދުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ސަރުކާރުގެ ފަރާތުން ނިންމާފައި ނުވާއިރު، އެތަން ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ގްލޯބަލް ޕްރޮޖެކްޓްސް ލިމިޓެޑް (ޖީޕީޑީ) އިން އެތަނުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން އެކަންކަން އިތުރަށް ބެލުމަށްފަހު އަރުވާފައިވާ ލަފާގެ މަތިން އެ މަޝްރޫއު މަޑު ޖައްސައިލުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

"ގުޅިފަޅުގައި ބަޔަކު އާބާދުކުރުމަށް ޖީޕީޑީ އިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ލިބިފައިވާތީވެ، އެކަން އިތުރަށް ބެލި ބެލުމުން، ގުޅިފަޅުގައި ހަދާފައިވާ އިމާރާތްތައް ހެދުމަށް ހުއްދަ ނުނަންގަވާ ކަމާއި، ގުޅިފަޅަކީ ސިއްހީގޮތުންނާއި ޖިއޮލޮޖިކަލް ގޮތުން ބާލާއިރު މީހުން ދިރިއުޅުމަށް އެންމެ ކަމުދާ ތަނެއް ނޫންކަމަށް އީވައިސީއަށް ލަފާލިބިފައިވާތީވެ، ގުޅިފަޅުގައި އިމާރާތް ކުރުމުގެ ކަންތައް އަދި އާބާދުކުރުމުގެ މަސައްކަތް ކުރަމުންދަނީ، ނަގަންޖެހޭ ހުއްދަ ނަގައިގެން ނޫންކަމަށް ވަނީނަމަ، ސަރުކާރުން ވަކިގޮތެއް ނިންމަވަންދެން، ގުޅިފަޅުގައި މީހުން އާބާދުކުރުމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ." ޖީއައިއެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މަސައްކަތް ޖީޕީޑީއާ ހަވާލުކޮށްފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ މާޗު މަހު، ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑާ އެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ނެވެ. އަދި 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ އެއްބަސް ވުމަށް ބަދަލުގެނެސް ގުޅިފަޅުގައި 2500 ހައުސިން ޔުނިޓު އެޅުމާއި އެތަންތަން ވިއްކުމުގެ މަސައްކަތް ވެސް ވަނީ ޖީޕީޑީއާ ހަވާލުކޮށްފަ އެވެ.

ޖީއައިއެލް އިން ބުނީ، މި މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުން އެންގި އެންގުމާ ގުޅިގެން ގުޅިފަޅުގެ ހާލަތު ރަނގަޅު ކުރުމަށާއި، އެތަނުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކާ ދޭތެރޭގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

" ގުޅިފަޅުގެ ހާލަތު ރަނގަޅު ކުރުމަށާއި، ގުޅިފަޅުން ފްލެޓްތައް ބައްލަވައިގަނެފައިވާ ފަރާތްތަކާ ދޭތެރޭގައި ގޮތެއް ނިންމުމުގެ މަސައްކަތް ކުރެވެމުންދާތީވެ، މިކަން ގުޅިފަޅުން ފްލެޓްތައް ބައްލަވައިގަނެފައިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، ކުރުމުއްދަތެއްގެ ތެރޭގައި މިކަމަށް ހައްލެއް ގެނެވޭނެ ވާހަކަ ތިޔަ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ." ޖީއައިއެލްގެ ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު