މަސްޖިދުލްއަގްސާއާ ދެކޮޅަށް އިސްރާއީލު ހިންގާ ހަރުކަށި އަމަލުތައް ކުށްވެރިކޮށްފި

ރާމަﷲ (އޮކްޓޯބަރ 31) : އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދްސުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައި މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙުރުމަތް ކެނޑޭގޮތަށް އިސްރާއީލު ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ފަލަސްތީނުން ކުށްވެރިކޮށްފި އެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެއްވެސް ހައްގަކާނުލައި މަރަމުން ގެންދިޔުމާއި މާތްވެގެންވާ މަސްޖިދުލްއަގްސާ ބަންދުކުރުމާއި އެތަނުގެ ޙުރުމަތް ކެނޑޭގޮތަށް އިސްރާއީލު ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަކީ ހަނގުރާމަ އިޢްލާންކުރުން ކަމަށާއި މިކަންކަމުގެ ސަބަބުން އިސްރާއީލަށް އަމަން އަމާންކަން ނުލިބޭނެ ކަމުގަ އެވެ. އައްބާސް ވިދާޅުވީ އިސްރާއީލުން ހަރުކަށި ޔަހޫދީންގެ އެހީގައި މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙުރުމަތް ކަނޑަމުން ގެންދާ ކަމަށާ އަދި ގުދްސުގެ މައްސަލައަކީ ދީނީ މައްސަލައެއް ކަމަށް ހެދުމަށް އިސްރާއީލު މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. ނަމަވެސް ގުދްސަކީ ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ރަށެއްކަމަށާ މިކަން އޮޅުވާލުމަށް ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ވަނީ މަސްޖިދުލްއަގްސާގެ ދިފާއުގައި ތެދުވާ ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިސްރާއީލުން ބަޑިޖަހައި އެމީހުން މަރަމުން ގެންދާ ކަމަށާއި މިއީ ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުވެފައިވާ އެއްބަސްވުމާ ޚިލާފް ކަމެއްކަމަށް ބުނެފަ އެވެ. އިސްރާއީލުގެ ސިފައިން އިއްޔެ ވަނީ މަސްޖިދުލްއަގްސާގެ ޙަރަމްފުޅަށް ގޯނާކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ހައްދުފަހަނަޅާފައިވާ ޔަހޫދީ އެކްޓިވިސްޓަކު މަރާލުމަށް މަސައްކަތްކުރި ކަމަށް ބުނެ ފަލަސްތީނުގެ ބައްތިރީސް އަހަރުގެ މީހެއްގެ ގަޔަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލާފަ އެވެ. މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ނުވަދެވޭ ގޮތަށް މަސްޖިދުލްއަގްސާގެ ޙަރަމްފުޅު އެތަށް ގަޑީއިރަކަށް އިސްރާއީލުން ބަންދުކޮށްފައިވެސް ވެއެވެ. ނަމަވެސް އިސްރާއީލުން ރޭގެ ވަގުތެއްގައި މަސްޖިދުލްއަގްސާގެ ޙަރަމްފުޅު އަލުން ހުޅުވާފައިވާ ކަމަށް ޚަބަރުލިބެ އެވެ.

މަސްޖިދުލްއަގްސާގެ ޙަރަމްފުޅަށް ގޯނާކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ހައްދުފަހަނަޅާފައިވާ ޔަހޫދީ އެކްޓިވިސް ވެސް ވަނީ ފަލަސްތީނުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލާފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު