އަދީބާ ގުޅޭގޮތުން އޮޑިޓް ރިޕޯޓެއް ނެރުނީ ސަރުކާރު ބަދުނާމުކުރަން: ޕީޕީއެމް

ޓޫރިޒަމް މިނިސްޓަރު އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު އަދީބާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވާފައި އޮޑިޓް ރިޕޯޓަކީ އަދީބާއި ސަރުކާރު ބަދުނާމު ކުރުމުގެ ބޭނުމުގައި ނެރެފައިވާ އޮޑިޓް ރިޕޯޓެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި އޮޑިޓް ރިޕޯޓަކީ އޭނާ ބަދުނާމު ކުރުމަށް ނެރެފައިވާ "ސިޔާސީ ރިޕޯޓެއް" ކަމަށެވެ.

"އޮޑިޓާ ޖެނެރަލް ނިޔާޒު ނެރުއްވާފައިވާ ބަޔާނަކީ [އޮޑިޓް ރިޕޯޓަކީ] މިޕާޓީގެ ނާއިބްރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި މިޕާޓީއާ ސަރުކާރު ބަދުނާމު ކުރުމުގެ ބޭނުމުގައި އެމަނިކުފާނު ނެރުއްވާފައިވާ ސިޔާސީ ރިޕޯޓެއް ކަމުގައި މިޕާޓީން ދެކެމެވެ،" ޕީޕީއެމުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އޮޑިޓަ ޖެނެރަލް އިއްޔެ އޮޑިޓް ރިޕޯޓެއް ނެރެފައި ވަނީ އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްުޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅެއް ފޮނުވަންޖެހޭނެ ކަމަށް މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އަބްދުﷲ ޔާމީން އިއްޔެ ތަސްދީގުކުރައްވާފައި ވަނިކޮށެވެ.

އަދީބާ ގުޅޭގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން އިއްޔެ ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ގަތުމަށް މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި މުއާމަލާތުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރުގެ ލޯނެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓަރުގެ އާއިލީ މަންފާ އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށްވެސް އެ އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތް ހިންގުމަށް މިނިސްޓަރު އަދީބު ބާރު އަޅުއްވާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެއް މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައި ވަނީ އަދީބުގެ އާއިލީ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓަށް ކަމަށް ރިޕޯޓުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު