ބްރިޖް ސާވޭގެ މަސައްކަތް ޝެޑިއުލަށްވުރެއް އަވަހަށް ނިންމޭނެ: މިނިސްޓަރު

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ޝެޑިއުލް ކޮށްފައިވާ ތާރީހަށްވުރެއް އަވަހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖް ސާވޭ ޓީމުން މިހާރު ކުރިއަށްގެންދާ ސާވޭ އާއި ފީސިބިލިޓީ ސްޓޭޖާއި ޑިޒައިން ސްޓޭޖް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެ ޔަގީންކަން ޗައިނާ އެމްބަސީ އިން ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ދާންވާއިރަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް. ފީސިބިލީޓީ ރިޕޯޓް ތައްޔާރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިންމާފައި ޓީމަށް ދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ސާވޭ ހެދުމަށް ޗައިނާއިން ރާއްޖެ ފޮނުވި ޓީމު އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ޓީމުގައި އަށް އެކްސްޕާޓުން ހިމެނޭއިރު، ބްރިޖްގެ ސާވޭތަކުގެ މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ލިއޫ ގިއާން ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖުގެ ކޮންސަލްޓަންޓް ޓީމުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މެޓް އޮފީހާއި ކޯސްޓްގާޑުގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުންހުރި މިނިސްޓްރީތަކާއި މުއައްސަސާތަކާއި ބައްދަލުކޮށް، އެ ޓީމުން ބޭނުންވާ ގިނަ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ބްރިޖްގެ ދެކޮޅު ގުޅޭނެ ސަރަހައްދު ޓީމުގެ ފަރާތުން ބަލައި، މާލެ އާއި ހުޅުލެއާ ދެމެދުގެ ކަނޑުގެ ސަރަހައްދު ކޯސްޓް ގާޑުގެ ލޯންޗު ތަކުގައި، މިހުރިހާ ކަމެއްވެސް ވަނީ ކޮންމެވެސް ވަރަކަށް ކުރެވިފައި. އަދި ހުޅުލެއާއި މާލެއާ ދޭތެރޭގެ ފުން މިނާއި އޮއިވަރާ ބެހޭ މައުލޫމާތު މެޓްއޮފީހާއި ކޯސްޓްގާޑުން އެ ޓީމަށް އަރުވައިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް އެޅުމުގެ މަޝްރޫއު ކުރިއަށްގެންދަން ޗައިނާ ސަރުކާރުން ނިންމާފައިވަނީ ފަސް މަރުހަލާއަކަށް ބަހާލައިގެންނެވެ. އަދި އެ ބްރިޖަށް ޗައިނާގެ ސަރުކާރުން ފައިނޭންސް ކުރާނީ ސާވޭތައް އެއްކޮށް ނިމުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު