އެކްސިޑެންޓުވި ކާރުގެ ތެރޭގައި ފިލާ އޮތް މީހަކު ހައްޔަރުކޮށްފި

މިއަދު ހެނދުނު މަޖީދީމަގުގައި ހުރި ފަހަމާސް ފިހާރަތެރެއަށް ކޮންޓްރޯލް ނުކުރެވިގެން ވަން ކާރުގެ ތެރޭގައި ފިލާ އޮތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް އެމީހާ ފެނުނީ، އެކްސިޑެންޓުވި ކާރު ފިހާރައިގެ ތެރެއިން ނެރެން މަސައްކަތް ކުރަނިކޮށް ކަމަށެވެ.

"ފޯކްލިފްޓެއް ބޭނުންކޮށްގެން ފިހާރަތެރެއިން ކާރު ނެރެނިކޮށް ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި މީހަކު ނުކުންނަން އުޅުނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާފަންނު ޝާރިއު ވަރުދީ ގޯޅިން ބާރު ސްޕީޑުގައި ދުއްވާފައި މަޖީދީމަގަށް ނުކުތް ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް މަޖީދީމަގުގައިހުރި ފަހަމާސް ފިހާރަތެރެއަށް ވަދެ މިއަދު ހެނދުނު 6:44 ހާއިރު ހިނގި އެ އެކްސިޑެންޓާ ގުޅިގެން އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ އިތުރު ދެމީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެކްސިޑެންޓްވި ކާރުގެ އެއްބައި ފަހަމާސް ފިހާރަތެރޭގައި -- ފޮޓޯ: ސައިފް އަޒްހަރު

އެ އެކްސިޑެންޓުގައި އެ ސަރަޙައްދު ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއް ކާރާއެކު ފިހާރަތެރެއަށް ވަދެ އެ ތިން ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިރު ޒޯނުގައި ހުރި އިތުރު ތިން ސައިކަލަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އެކްސިޑެންޓާ ގުޅިގެން ފަހަމާސް ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފިހާރަ ތެރޭގައި ހުރި ގިނަ ބާވަތްތަކެއްގެ މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ފުލުހުން ބުނީ، މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު