ކާރެއް ކޮންޓްރޯލު ނުކުރެވިގެން ފިހާރައެއްގެ ތެރެއަށް ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާފަންނު ޝާރިއު ވަރުދީ ގޯޅިން ބާރު ސްޕީޑުގައި ދުއްވާފައި މަޖީދީމަގަށް ނުކުތް ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް މަޖީދީމަގުގައިހުރި ފަހަމާސް ފިހާރަތެރެއަށް ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކާރު ދުއްވަން ތިބިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ހެނދުނު 6:44 ހާއިރު ފުލުހުންނަށް މިމަޢުލޫމާތު ލިބުމާއެކު ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްދަށް އެސަރަަޙައްދުގައިތިބި އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.
އެކްސިޑެންޓްވި ކާރު ފަހަމާސް ފިހާރަތެރޭގައި -- ފޮޓޯ: ސައިފް އަޒްހަރު

ފުލުހުން ބުނީ، މީގެ ތެރެއިން 21 އަހަރުގެ މީހާއަކީ ތޫނު ހަތިޔާރު ބޭނުން ކުރުމާއި މަސްތުވާ އެއްޗެތީގެ މައްސަލަ ތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި 18 އަަހަރުގެ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި މި ދެ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި، އެ ސަރަޙައްދު ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއް ކާރާއެކު ފިހާރަތެރެއަށް ވަދެ އެ ތިން ސައިކަލުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން ޒޯނުގައި ހުރި އިތުރު ތިން ސައިކަލަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އެކްސިޑެންޓާ ގުޅިގެން ފަހަމާސް ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފިހާރަ ތެރޭގައި ހުރި ގިނަ ބާވަތްތަކެއްގެ މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު