ރަފްހާންގެ ބޮޑުދައިތަ އާތިކާ ނިޔާވެ ކުދިންކޮޅު އެކަނިވެރިވީއެވެ. އާތިކާގެ ފިރިމީހާގެ ގެއެއް މާލޭގައި ހުއްޓަސް އެގެ އޮންނަނީ މީހުން ގިނަކަމުން ތޮއްޖެހިފައެވެ. ފިރިމީހާއަށް ވީ ބައި ކުއްޔަށް ދޫކޮށްފައި އެމީހުން ލަންކާގައި އުޅުނީ ދަތިވާވަރުން ތަންކޮޅެއް އަރާމުކޮށް ދިރިއުޅެންވެގެންނެވެ. އާތިކާ ނިޔާވުމުން ވެވުނުވަރަކުން ކޮއްކޮގެ އާއިލާއަށް އެހީތެރިވާން އަމީން ގަސްތުކުރިއެވެ.

އަމީންއާއެކު ރަފްހާންވެސް ލަންކާއަށް ދިޔައެވެ. އާތިކާ ގެ ޖަނާޒާގެ ކަންތައް ނިމުމަށްފަހު އެދެބަފައިން މާލެއައީ އާތިކާގެ ކުޑަ ދަރިފުޅު އިރާ ގޮވައިގެންނެވެ. އިރާގެ ބައްޕަ މާލެ އަންނަންދެން އަމީންމެން ގޭގައި އެކުއްޖާ ބެހެއްޓިދާނެއެވެ. އިރާ އަކީ ނިކަން ދޮންކޮށް ބުޅި އިސްތަށިކޮޅެއް ލާފައި ހުންނަ ހަތަރުވަރަކަށް އަހަރުގެ ކުއްޖެކެވެ. ހީވަނީ ބޭރުކުއްޖެއް ހެންނެވެ. އޭނަ ގެންގުޅޭ ބުދު ހިފައިގެން އިނގިލި ޖަހާލައިގެން ހުރެފައި ދޭތެރެއަކުން މަންމައަށް ގޮވަގޮވާފައި ރޮއިހަދައެވެ. އާވާ ސައިހަދަން ހުއްޓާ ރަފްހާން އެކުއްޖާ އަތުގާ ހިފައިގެން ގޮސް ދޮރުމައްޗަށް އެރިއެވެ. އެކުޑަކުއްޖާގެ ރީތިކަމުން އާވާ ހައިރާންވިއެވެ.

"މިއީ އިރޫ، އާވާ އެކަނިފިލާނެއްނު މިވަރުގެ ކުއްޖެއް ހުރީމަ...." ރަފްހާން އިރާ ގާތު އެއީ ދައްތައެކޭ ބުނެ އާވާ ތަޢާރަފުކޮށްދިނެވެ.
"ތިއީ ރަފްހާންގެ ނިޔާވި ބޮޑުދައިތަ ގެ ދަރިފުޅުތަ؟ " އާވާ ސުވާލުކުރިއެވެ.
"އާނ...." ރަފްހާން ހުރީ އާވާ ދޭނެ ޖަވާބެއް ނޭގިފައެވެ. އަންހެންކުއްޖަކަށްވީމަ ޔަގީނުންވެސް ފެންވެރުވުންފަދަ ކަންތައްތަކުގައި އާވާގެ އެހީ ބޭނުންވާނެއެވެ. މަންމަ މަރުވެ ޔަތީމުވެފައިވާ ކުއްޖަކަށް އާވާ ދެރަގޮތެއް ހަދާނެހެން ހިޔެއްނުވެއެވެ.
"ތީގެ މާނައަކީ އަހަރެން ތި ކުއްޖާ ބަލަންވީއޭތަ؟ " އާވާ ހިތާ ހިތުން އުފާވިނަމަވެސް އެކަން މޫނުމަތިން ނުދައްކާ ދެލޯ ބޮޑުކޮށްލިއެވެ.
"ނުވަންޏާ ދެން އަހަރެން ކޮންމެ ފަހަރަކު ޖޮބަށް ދާއިރު ގެންގޮސް އެތަނުގައި ބަހައްޓާނީ، އެނޫން ގޮތެއް ނެތެއްނު....." ރަފްހާން އިރާގެ އިސްތަށިގަނޑާއި މަޑުމަޑުން ކުޅެލިއެވެ. އެފެނުނު އާދައިގެ މަންޒަރުން އާވާގެ ޚިޔާލު ބަދަލުކުރުވިއެވެ. ކުރަން ހުރި މަސައްކަތް ނިންމާލާފައި އަވަހަށް އަތް ދޮވެލުމަށްފަހު އޭނަ އައިގޮތަށް އިރާގެ އަތުގައި ހިފާ ކާރިކޮށްލައިފިއެވެ. ބީރައްޓެހި މީހަކު ފެނުމުން އިރާ ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. ނަމަވެސް އާވާގެ މޫނަށް ބަލާލާފައި އިރާ ރުހޭގޮތެއް ހުރީކަން ނޭގެއެވެ. އޭނަ އާވާއާއި އެކުވެރިވާން މާގިނައިރެއް ނުނަގައެވެ. ރަފްހާން އިރާ އާވާއާއި ހަވާލުކުރުމަށްފަހު އެތަނުން ނުކުތުމާއިއެކު އާވާ އިރާ ގޮވައިގެން ކޮޓަރިއަށް ގޮސް ފެންވަރުވަން ގަސްތުކުރިއެވެ. އިރާ ފެން ފެނުނަސް ބިރުން އުޅޭހެން ހީވެއެވެ. ފެން ނުވަރާންވެގެން އޭނަ ގަދަހަދަން ފެށިއެވެ.

"ޖާމްސްތައް ހުންނާނެތީ މި ފެންވަރުވަނީ، އެހެންނޫނީ ކޮކްރޯޗް ދަތްއަޅާނެ، ތިއްތިވެގެން ޝަވަރ ނެގީމަ އެ ފިލާނެ އިނގޭ......." އާވާ އިރާއަށް ވިސްނާދޭން ވެގެން މަސައްކަތްކުރިއެވެ. އިރާ ޖެހިލުންވެފައިހުރެ މާގަނޑުދޮށުގައި ހުއްޓުނެވެ. ދެތިންފަހަރު ސައިބޯނިލާފައި ޝޭމްޕޫ ކޮށްލެވުމުން އާވާގެ ހިތްހަމަޖެހޭވަރުވިއެވެ. އެހެންނޫނަސް އޭނަ އެއްގޮތަކަށްވެސް ފިރިހެނަކާއެކު އިރާ އެކަނިވިޔަ ނުދޭނެއެވެ. ރަފްހާންއަށްވެސް އޭނަ އިތުބާރެއް ނުކުރެއެވެ. އޭނަގެ ބެލުމުގެ ދަށަށް އައުމަށްފަހު އޭނަ އިރާގެ ގައިގާ އެއްވެސް މީހަކަށް އަތްލިޔަ ނުދޭނެއެވެ. އިރާގެ މަންމަ ދުނިޔެ ދޫކުރީ އިރާގެ ނަސީބެއް ނެތީމައެވެ. ވީއިރު އޭނައަށް ވެވުނު މިންވަރަކުން އެހީތެރިވެދޭނެއެވެ.

އިރާ އާވާއާއިއެކު ހޭދަކުރި ދުވަސްކޮޅު ހިތްހަމަޖެހިގެން އުޅުނެވެ. އިރާ ރުޅިގަދަވަނީ ދެތިންފަހަރު އާވާ ފެންވަރުވާން ގެންދާތީއެވެ. ދަތް އުނގުޅުވާތީއެވެ. ޔާކިންއާއިއެކު ސައިކަލް ދުއްވަން ދާހިތްވިޔަސް އާވާގެ ހުއްދައެއް ނޯވެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާލާނެއެވެ. އާވާ ދާހިތް ނުވިޔަސް އިރާ ގޮވައިގެން ޕާކްފަދަ ތަންތަނަށް ގެންދިޔައެވެ. އާވާ އިރާއަށް ހިމާޔަތް ދޭވަރު އެންމެނަށް ފާހަގަކުރެވެން މާ ގިނަ ދުވަހެއް ނުނެގިއެވެ. އާވާ އެހާވަރުން އިރާ ޚާއްސަކޮށްގެން އުޅޭ ސަބަބެއް އެވަރުންވެސް އެހެން މީހަކަށް ވިސްނައެއް ނުގަނެވުނެވެ. އިރާ ގޮވައިގެން އާޓިފިޝަލް ބީޗަށް ގޮސްފައި އާވާ ގެއަށް އައިތަނާހެން މީހަކު ބެލްޖެހިއެވެ. އާވާ ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހިނިއައިސްފައި ހުރީ ތާނިޔާ ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އާވާ ދެލޯ ބޮޑުކޮށްގެން ބަލަން ހުރިގޮތުން ހީވީ އެތަނަށް ދެދަޅުލާފައި ހުރި ފުރޭތައެއް ތިރިކޮށްލިހެންނެވެ.

"އަވީ ރިލެކްސް، ބެސްޓްފްރެންޑް ފެނުނީމަ ފެއިންޓްވާން އުޅޭ ކުއްޖެއް ތިނޫނީ ދުނިޔެއަކު ނުހުންނާނެ، ޕާކުން ފެނުނީމަ ފަހަތު އަޅުވާލި ގޮތަށް މިއައީ، މިހާ ކުޑަތަނެއްގައި އަވީއަށް ފިލައިގެން ނޫޅެވޭނެ، ދެން ބުނެބަލަ، ބޭބީ ސިޓްކުރަނީތަ....." ތާނިޔާ ހަމަޖެހިލައިގެން އެތެރެއަށް ވަދެ ޓީވީ ރެކްމަތީގައި ހުރި ތަސްވީރުތަކަށް ބަލަންފެށިގޮތުން ހީވަނީ އަމިއްލަ ގެއަށް ވަދެވުނުހެންނެވެ. ހިސާބަށް ވުރެ ރީތިވީމަ މީހާ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވަނީކަން ނޭގެއެވެ. ތާނިޔާގެ ދޮންކަމާއި ރީތިކަމުން އޭނައަކީ މަޝްހޫރުކުއްޖެކެވެ. ކުޑަ ސްކާފަކުން އެ ބުޅި އިސްތަށިގަނޑު ފޮރުވާލާފައި ނުވާނަމަ އަދި އޭނަ ވަކިން ރީތިވާނެކަން ނޭގެއެވެ. މިހާރުވެސް ލާފައި ހުރި ރަތްކުލައިގެ ގަމީހާއި ނޫ ޖިންސް އަދި ކަޅާއި ނުލުގެ ސްކާފްގައި އޭނަ ހީވަނީ ޕަރީއެއްހެންނެވެ.

"ތާނި، އަހަންނަށް އެނގޭ ތާނި އަންނާނެކަން، ބަޓް މިގެއަށް އައުން އެހާ ސޭފެއް ނޫން...." އާވާ ކަންބޮޑުވިއެވެ. އޭނަ އާއި ރަފްހާންގެ އޮތް ގުޅުން އެނގިއްޖެއްޔާ ތާނިޔާ އަދި ކިޔާނެ އެއްޗެއް އެނގެނީއެއް ނޫނެވެ.
"އަވީއަށް ސޭފްތަނެއް ވެއްޖެއްޔާ އަހަންނަށް ވަކި ނުރައްކަލެއް އޮންނާނެތަ؟ ހިނގާ ސައި ބޯން، ކޯންޗެއް ހުރީ...." ތާނިޔާ އަސްލު ކުލަވަރު ދައްކާލިއެވެ. މިއީ އާވާގެ ތަނެއްނޫންކަމާއި ހިތަށް އެރިގޮތަކަށް އުޅެގެން ނުވާނެކަން ތާނިޔާ ނުވިސްނާނެއެވެ. އޭނަ ވިސްނާނީ އެކަނި އޭނަގެ އުފަލަށެވެ. އެހެންމީހުން ވިސްނާގޮތަކާއިމެދު ތާނިޔާ ހާހެއްނުވެއެވެ.

"ތާނި...." އާވާ އެއްޗެކޭ ބުނަން އުޅުނެވެ.
“ގެއަށް އަންނަ މެހުމާނަކަށް ސައިފޮދެއް ދިއްކޮށްލިޔަސް ފާފަވެރިއެއްނުވާނެ...." ތާނިޔާ އާވާ ދައުވަތު ނުދެނީސް އެތެރެއަށް ވަންނާން ހިނގައިގަތެވެ. އޭނަ އަމިއްލައަށް އެތަން މިތަނަށް ބޯ ބާނައިގެން ބަދިގެ ހޯދިއެވެ. އާވާ ކިތަންމެ ވަރަށް ރުޅިގަދަވިޔަސް ހުރި އެންމެ އެކުވެރިޔާއާއި ދިމާލަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެބުނާހެން ކާއެތިކޮޅެއް ދިއްކޮށްލިޔަސް މަދެއް ނުވާނެއެވެ. އާވާ ކުރާނެކަމެއް ނޭގިގެން ތާނިޔާއަށް ކޮފީ ހަދަން އުޅުމުން ގިނައިން ކިރު އަޅާށޭ ބުނެލިއެވެ. މައްސަލައަކީ ތާނިޔާގެ ޚަރަދު ބޮޑުކަމެވެ. ބީރައްޓެހި ގެއަކަށް ވިޔަސް އެކަމެއް ނުވިސްނާ އޭނަ ބޭނުންވާ ގޮތެއް ބުނެލާނެއެވެ. ދެތިންފަހަރު ވަދެއްޖެއްޔާ ހުލިވެދާނެތާއެވެ. ރައްޓެއްސެއް ލިބުނުއިރުވެސް އާވާއަށް ލިބިފައި މިހިރީ ވަރެއްގެ އެކުވެރިއެއްތާއެވެ.

"ތާނީ، މިގޭ މީހުން ވަރަށް ޚަރަދަށް ބަލާ، އެންމެ މީހަކު ޖޮބަށް ދަނީ، އޭނައަށް ލިބޭ އެއްޗަކުން ހުރިހާކަމެއް ކުރަން ޖެހެނީ. އަހަރެންގެ އަމިއްލަ ތަކެތި ނަމަ އޯކޭ އެކަމަކު މީހުންގެ އެއްޗެއްސަށް ވިސްނަންވާނެ........" އާވާ ތާނިޔާގެ ހިތުގައި ނުޖެހޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
"ހެހެ، އެހެންވެއްޖެއްޔާ ތިވީ ގޮތް މާރަގަޅު، މިހާ ދަހި ބަޔަކަށް ކުޑަކޮށް ޖެއްސުން ކޮށްލަން މަ ދޭތެރެއަކުން މިގެއަށް ވައްޓާލާނަން، މިގެއިން އަނބުގަސް ފެނުނީމަ އެންމެ ހިތްހަމަޖެހުނީ، އަނބު މޫސުން އައީމަ މިގެއަށް އަނބު ހަރުކުރަން ބަޑިޔާ އެލުވައިގެން އޮންނަން މަ އަންނާނަން، މަ ހީކުރީ ރިޗް ގެއެއް ކަމަށް އެކަމަކު އެތެރެއަށް ވަނީމަ ސިމްޕަލްވަރު އެނގިއްޖެ...." ތާނިޔާ މޭޒުމަތީގައިވާ ތަށިން ބޯކިބާކޮޅެއް ނެގިއެވެ. އާވާ ތުނިތުނިކޮށް ފިހެލާފައި އޮތް ބޯކިބާ މީރުކަމުން ތާނިޔާ ދެތިންފޮތި ކާލިއެވެ. އާވާ އިނީ ކިޔާނެ އެއްޗެއް ނޭގިފައެވެ. ސިކުނޑީގައި އެތައް ގިނަ ޚިޔާލުތަކެއް ހުއްޓާ އިތުރު އުދަގުލެއް ކުރިމަތިވީއެވެ.

ތާނިޔާގެ މިހާރު ލޯބިވެރިޔެއް ނުހުރެއެވެ. އޭނަ ހިތްހަމަޖެހޭވަރުގެ ފިރިހެނަކާ ދިމާނުވަނީއެވެ. އޭނަގެ ޚިޔާލުގައިވަނީ ރީތި ސްމާޓް ހަރުދަނާ މީހެކެވެ. އެތައް ދުވަހަކު އާވާ ގާތު އެފަދަ މީހަކު ނުފެނިގެން ތާނިޔާ އެ ވާހަކަ ދައްކައިފިއެވެ. މިހާރު ވިސްނާލުމުން ތާނިޔާ އެ ހޯދާފަދަ މީހަކަށް ރަފްހާން ވެދާނެކަމުގެ ބިރު އާވާގެ ހިތުގައި އުތުރިގެންފިއެވެ. މީހެއްގެ ފިރިޔަކު ޖަހައިގަންނަން ވެސް ތާނިޔާ ކުޅަދާނަވާނެއެވެ. އެހެންނޫނަސް ތާނިޔާފަދަ ރީތި ކުއްޖަކާ ބަލާއިރު އާވާގެ ހުރީ ކޮންކަމެއް ހެއްޔެވެ؟ ތާނިޔާ ހުރިހާގޮތަކުން ބަލާއިރު މާ ފުރިހަމައެވެ.

"ސްކިމްޑް މިލްކް އެބަހުރި ދޯ..." ތާނިޔާ ފްރިޖް ހުޅުވާލައިގެން ހާވަންފެށިއެވެ.
"އަމީން ބެ ބަލިވެއުޅޭތީ ގެނެސްފައި ހުންނަ އެއްޗެއް ތިއީ...." އާވާ އަވަސްއަވަހަށް ބުނެލައިފިއެވެ.
"އަހަރެމެން އެއްދުވަހު ބޯލިޔަސް އިޓްސް އޯލްރައިޓް، އަވީ މިއީ ހާދަ ހާސްވާކުއްޖެކޭ، ތިގޮތް ދޫކޮށްލާފައި ތަންކޮޅެއް ކެރިގެން އުޅެންވީ، އެހެންނޫނީ ކާމިޔާބެއްނުވާނެ....." ތާނިޔާ ފްރިޖް ލައްޕާލީ އޭނަގެ ބަނޑުގައި އިތުރަށް ކާނެ ޖާގައެއް ނެތުމުންނެވެ.
"ހިނގާ ދެން އަވީގެ ރޫމް ދައްކާލަން......" ތާނިޔާ އެދުނެވެ. އެއީ އާވާއަށް ރަގަޅު ޚިޔާލަކަށްވިއެވެ. ރަފްހާން އަންނަންވާއިރަށް ކޮންމެގޮތެއް ހަދާފައިވެސް އޭނަ ޖެހޭނީ ތާނިޔާ ފޮރުވާށެވެ. ޔާކިން ވެސް ހިތަށް އަރައިފިއްޔާ ކޮންމެ ގަޑިއެއްގައިވެސް ދައްކާލަފާނެއެވެ. އާވާ ތާނިޔާއާއި އެކު ކޮޓަރިއަށް ވަދެފައި ކަންބޮޑުވީ ތާނިޔާ ރީތިވާ މޭޒާއި ދިމާލަށް މިސްރާބު ޖެހުމުންނެވެ. އާވާ މެންގެ ކާވެނީގެ ރޭގައި ލިބުނު ހަދިޔާތަކުގެ ތެރޭގައި ފުދޭވަރަކަށް އަގުބޮޑު މޭކަޕް ސާމާނުހުއްޓެވެ. ތުންފަތުގައި ލާ ލިޕްގްލޮސްގެ ރަގަޅު ވައްތަރެއްވީމަ އާވާ ދޭތެރެއަކުން ބޭނުންކޮށްލައެވެ.

"ބިއުޓިފުލް ސްޓަފް، މަ ނުދަންނަން އަވީ މިކަހަލަ އެކްސްޕެންސިވް އެއްޗެއްހި ބޭނުން ކުރާކަން، ދެން މޭކަޕް ކުރަން އަންނާނީ މިގެއަށް....." ތާނިޔާ ހަމަޖެހިލައިގެން އިނދެ އާވާގެ ކްރީމް އެއްޗެހި ލާންފެށިއެވެ. އާވާއަށް އެންމެ ރަގަޅެވެ. އޭނަ ނުރުހުންވީ ލިޕްގްލޮސް ބޭނުންކުރުމުންނެވެ. އާވާ ރުޅިގަދަވިނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ނަސީބަކުން އެރެއަކު ރަފްހާން މެންނާއި ތާނިޔާ ދިމަލެއް ނުވިއެވެ. ތާނިޔާ ދިޔުމުން އާވާ އެންމެ ފުރަތަމަ ކުރިކަމަކީ ލިޕްގްލޮސް އެއްލާލުމެވެ. އެހެން މީހަކު ބޭނުންކޮށްފި އެއްޗެއް އޭނައަށް ނުގެންގުޅެވޭނެތީއެވެ. ތާނިޔާއަށް އޭނަ އެގޮތަށް ހެދިކަން އެނގިއްޖެއްޔާ ދެރަވާނެއެވެ. އެކަން އަންގާކަށް އާވާ ބޭނުމެއް ނޫނެވެ. އޭނަ އެކިގޮތްގޮތަށް ޚިޔާލުކުރަމުންގޮސް އެރޭ އެންމެފަހަރަކުވެސް ލޮލުފިޔަޖަހާނުލައެވެ.

ފަތިސްނަމާދު ކޮށްލައިގެން އާވާ ކާކޮޓަރިއަށް ދިޔައިރު ރަފްހާން ކޮފީ ބޯން ހުއްޓެވެ. ރަފްހާން އޭނަގެ ޚާއްސަ މަގަށް ކޮފީ ބޯންހުރިތަން ފެނިފައި ހީވީ މީހަކު މޭގައި ގޮށްމުށްކަވާފައި ޖެހިހެންނެވެ. ރަފްހާން ގަސްތުގައި އޭނައަށް ލަނޑެއްދޭންވެގެން އެ ކޮފީ މަގު ނެގީހެއްޔެވެ؟ ނޫނީ ރޭގައި އޭނަ ހަނދާން ނެތިގެން އެ މަގު އަލަމާރިއަށް ނުލެވުނީހެއްޔެވެ؟ ޔަގީން ނުވިޔަސް އާވާ ހުރީ ނުރުހިފައެވެ. ރަފްހާން ދިޔުމާއިއެކު އެތައްފަހަރު ސައިބޯނި ލައިގެން މަގު ދޮވެލިއެވެ.

"ހައު ޑެއަރ ހީ ޔޫޒް މައި ތިންގްސް؟ ފަކުރު ގަންނަވަރު އެނގޭނެނަމަ، ބުނަންވީކަން ނޭގޭ އަހަރެންގެ އެއްޗެހީގައި އަތްނުލާށޭ، އަހަރެންގެ ޖޯޑާއި، ސަމުސާ އަދި ތަށި ވަކިކޮށްފައި ހުންނާނީ ކޮންމެވެސް ކަމެއްވީމައެއްނު، އެވަރު ނުބުނަންޏާ ރަފްހާންއަށް ނޭގޭތަ؟ ބައެއްފަހަރު ރުޅިވެސް އާދޭ، މާ ޕާފެކްޓް ވީމަ ހީކުރަނީ އަހަންނަށް ކަމުދާނެކަމަށްތަ؟ ނުވާނެ ދުވަހަކުވެސް، އައި ހޭޓް ޔޫ..... " ކުދި ކިޔާލަން ހުރެ އާވާ ރޮށިފިހަން އުޅުނެވެ. ލޮނު މަޑުކޮށް އަމީންއަށް ވަކިން ރޮށި ފިހެންވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މުރަނގަފަތް ކަހަލަ އެއްޗެއް ލާފައި މަސްހުނި މޮޑެން ޖެހެއެވެ. ކޮންމެ ކަމެއްކުރިއިރު ވަކިވަކިން އަތް ދޮންނަމުންގޮސް އަތުގެ ހަން ތުނިވެ އުދަގޫވާންފެށިއެވެ.
"އަންގީ ގަންނަން ބުނަންވީކަން ނޭގޭ...." އާވާ މަސައްކަތް ނިންމާލާފައި މޭޒުމަތި ތައްޔާރު ކޮށްލާފައި ބޭރަށް ނުކުމެލިއެވެ. އިރުގެ ރަންއަވި ގަސްތަކުގެ ފަތްތައް ފުރާނާލާފައި ބިންމަތީގައި ބޮސްދޭތަން ފެނެއެވެ. ރީތި ދުވަހެކެވެ. އޭނަގެ ހަޔާތަށް އެޅިފައިވާ ބަނަ ހިޔަނިތައް އެއްފަރާތްވެ މިފަދަ އުފާވެރި ދުވަސްތަކެއް އަންނާނެނަމައެވެ. އާވާ އިރުކޮޅެއްވާންދެން ނިޔަފަތިތައް ހަފަން ގެއްލިފައި ހުއްޓެވެ.

އިރާގެ ބައްޕަ އޭނަ ބަލާ އައުމުން އާވާ ދެރަވިއެވެ. އެކުއްޖާއަށް ދޮންމަންމައަކު ލިބިއްޖެއްޔާ ވާނެ ގޮތަކާއިމެދު ޚިޔާލުކޮށް އާވާ ބިރުގަންނަ ހިސާބަށް ދިޔައެވެ. އޭނައަށް ލިބިފައިވާފަދަ އަނިޔާތައް އެހެން ކުއްޖަކަށް ލިބިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެނގިހުރެގެން އެފަދަ އަނދަވަޅަކަށް އެހާ ކުޑަކުއްޖެއް ވައްޓާލާކަށް ނުވާނެއެވެ. އޭނަ ގާތުގައި އިރާ ބަހައްޓާދޭން ރަފްހާން ގާތު ބުނާނީއެވެ. އޭރުން ޔަގީނުންވެސް އެ ތުއްތު އިރާއަށް ހިމާޔަތް ދެވޭނެއެވެ. އާވާ އިރާ އާއި ދައްކަންވީ ވާހަކަތައްވެސް އެބަހުއްޓެވެ. އެއްވެސް މީހަކު އަތްލެވުނަ ނުދޭށޭ އެކުއްޖާ ގާތު ބުނަން ބޭނުމެވެ. އެފަދަ ފުރުސަތެއް ނުލިބިގެން އުޅެނިކޮށް ކުއްޖާގެ ބައްޕަ އެ ގެންދިޔައީއެވެ.

އާވާ ކުނިކަހަން ހުއްޓާ ތާނިޔާ ގުޅަންފެށުމުން ހާސްވިވަރުން އޭނަ ހުރި ފޯނު ނުނަގާށެވެ. މައްސަލައަކީ ފަހުން ގުޅިއިރަކުން ދޮގުހަދަން ޖެހޭނެތީއެވެ. ފޯނު ނުނެގުނީތީ ބަހަނާތަކެއް ދެއްކިދާނެއެވެ. ދޮގުހެދުމަކީ އާވާ އެހާ ކުރާހިތްވާކަމެއް ނޫނެވެ. ދެތިންފަހަރު ގުޅާފައި އާވާގެ ޚަބަރެއް ނުވެގެން ތާނިޔާ މެސެޖެއްކޮށްލިއެވެ. އޭނައަށް ފާނަބަސަންދު ޖެހިގެން އުޅޭކަމަށާއި އެހެންވެ މާލެ ނުދެވުނީކަމަށް ލިޔެފައި އޮތެވެ. ތާނިޔާ ބަލިވީމަ އެކަމާ އުފާކުރަން ބޭނުން ނުވިޔަސް އެގެއަށް ނާދެވޭނެފަދަ ގޮތެއްވުމުން ހިތާހިތުން ޝުކުރުވެރިވެވުނެވެ.

"އާވާ ހާދަ ގޯހޭ، އެކުވެރިޔަކާއިމެދު ތިގޮތަށް ވިސްނާކަށް ނުވާނެ، ތާނީ އައިއްޔާ އާވާއަށް ވާނީ ކޮން ގެއްލުމެއްތަ؟ " އާވާ އަމިއްލަ ނަފުސަށް އެއްޗެހި ކިޔާލިއެވެ. ބައެއްފަހަރު އޭނައާއި ކުރިމަތިވާ އިމްތިހާނުތައް އުދަގޫކަމުން ތަގުދީރާއި ޝަކުވާކުރެވެއެވެ. އެއް ކަމަކަށްފަހު އަނެއްކަމެއް ދިމާވާއިރު އޭނަ މިހުންނަނީ ދާންވީ ކޮޅެއް ނޭގިފައެވެ.

"ވަރަށް ދެރަވޭ، ގެޓް ވެލް ސޫން ތާނީ..." އާވާ ލިޔުނެވެ.
"އަހަންނަށް ވިޒިޓްކޮށްލަންވާނެ، ނޫނީ އައި ވިލް ނެވަރ ފޮގިވް....." ތާނިޔާ ޖަވާބުދިނެވެ.
"ދާނަމޭ..." އާވާ ހިތާއި ދެކޮޅަށް ބުނެލިއެވެ.
އާވާ ހިތްހަމަޖެހޭވަރަށް ގެ ސާފުކޮށް ނިމުނުއިރު އޭނަގެ މޫނު ދަލުން ފެންވެރިފައި ވެއެވެ. ޔާކިން ހޭލައިގެން ނުކުތްވަގުތު ޑިޓޯލްގެ ވަސްގަދަކަމުން އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާކުރިއެވެ.

"މިއީ ހޮސްޕިޓަލެއްތަ؟ ނޭވާ ނުލެވޭ، މޮޕްކުރީ ކޯންޗެއް ލާފަތަ؟" ޔާކިން އުޅުނީ ނޭފަތުގައި އަތްއަޅައިގެންނެވެ. އޭނަ ހޭލިގޮތަށް އެކަނި ޕިޖާމާގައި ހުރިއިރު ކަސްރަތީ ހަށިގަނޑުވަނީ ހާމަޔަށެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ސަބަބުންނާއި ދެލޯ ރަގަޅަށް ހުޅުވާނުލެވޭތީ އަދިވެސް މޫނުމަތިން ނިދީގެ އަސަރުތައްފެނެއެވެ. ޔާކިން ކޮމްޕިއުޓަރ ހުޅުވާލައިގެން އިށީދެއްޖެއެވެ.
"ޔާކިން ބަލިތަކުން ސަލާމަތްވާން ބޭނުމެއް ނުވޭތަ؟ " އާވާއަށް ނުހުރެވިގެން ބުނެލައިފިއެވެ.
"މިގެއަށް ބަލިމީހަކު ނާދެއެއްނު، އަހަރެންގެ އިމިއުނިޓީ ވަރަށް ވަރުގަދަވާނެ، އާވާ މާ ވީކް ވީމަ ޕްރޮޓެކްޓްވާން ކުރާހާ ކަންތައް ހެންވެސް ހީވެއްޖެ، ތިހާވަރަށް ބަލައިގެން ދުނިޔޭގައި އުޅެވޭތަ؟ ދޮންބެއެކޭ އާވާއެކޭ އެއްވަރު، ބުނާނެ ކޯކް ނުބޯށޭ، މޭވާ ގިނައިން ކާށޭ، އަނގަޔަށް މީރު އެއްޗެހި ނުކައި އާވާގޮތަށް އަހަރެންވެސް ދެން ނިޔަފަތި ހަފަންވީކަން ނޭގޭ......." ޔާކިން ހޭންފެށިއެވެ. އާވާ ރުޅިގަދަވެފައި ތުން އޫކޮށްލައިގެން ހުރެ ކޮޓަރިއަށް ވަދެއްޖެއެވެ. ލެޕް ހުޅުވާލީ އެއްގޮތަކަށްވެސް ޑާކްނައިޓް އޮންލައިންގައި ހުންނާނެކަމަކަށް ނޫނެވެ. ޑާކްނައިޓްއާއި އާވާ މިފަހަކަށް އައިސް ވާހަކަދައްކަމުންގޮސް ފުދޭވަރަކަށް އެކުވެރިވެފައިވެއެވެ. އެވަރުންވެސް ޑާކްނައިޓާއި ބެހޭ މާގިނަ މައުލޫމާތެއް އޭނަ ނުދެއެވެ. އޭނައަކީ އެކަނި އާވާއަށް ހެޔޮއެދޭ މީހެކެވެ. އެވަރުން އާވާއަށް ފުދެންވާނެކަމަށް ޑާކްނައިޓްވަނީ ބުނެފައެވެ.

"ޕްރިންސަސް މެރީޑްތަ؟ " ޑާކްނައިޓް އަހާލައިފިއެވެ.
"ވަޓް؟ " އާވާ ހައިރާންވިއެވެ. އާވާ ހީކުރީ އޭނައާއި ބެހޭގޮތުން ވަރަށް ގިނަ ކަންތައް އެނގިފައިވާ ޒުވާނެއް ކަމަށެވެ. ޔާކިންކަމަށް އެއްއިރެއްގައި ހީކުރެވުނަސް މިހާރު ޝައްކެވެ.
"އަށާރަ އަހަރު ވީމަ އަދި އެހާ ބޮޑެއްނުވެއެއްނު ދޯ، އެކަމަކު ބައެއްކުދިން ތަންކޮޅެއް އަވަހަށް މެރީކުރޭ، ބުނެބަލަ ޕްރިންސެސް، އަހަރެން ގާތު ބުނެގެން އަދި އެހެން މީހަކަށް ނޭގޭނެ..." ޑާކްނައިޓް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"މެރީ ނުކުރަން..." އާވާ ވިސްނާލާފައި ޖަވާބުދިނީ މިއީ ކައިވެންޏަކަށް ނުވާނެކަމުގައި ވިސްނާފައެވެ.
"ރަގަޅު....." ޑާކްނައިޓް ފޮނުވާލީ "ވިންކް" އެކެވެ. އެ ފޮނުވާލީ ކޮން މަގުސަދެއްގައިކަމެއް އެއްގޮތަކަށްވެސް އާވާއަކަށް ނުވިސްނުނެވެ. ޑާކްނައިޓް އެކިވާހަކަތައް އަހަމުންގޮސް އެހާވަރުން މީހުންދެކެ ރުޅިއަންނަ ސަބަބު އޮޅުންފިލުވަން އުޅެގަތެވެ. އެންމެފަހުން އާވާ ބުނީ މިހުރިހާދުވަހު އޭނަ ފޮރުވައިގެން ހުރި ވާހަކައެކެވެ. އޭގެތެރެއިން ވެސް އޭނައަށް ލިބުނު ހުރިހާ އަނިޔާތަކެއް ކިޔާދޭކަށް ބޭނުމެއް ނުވިއެވެ. އެކިކަހަލަ އަނިޔާތައް ލިބި އެތައް ލަކުނުތަކެއް ހިތާއި ހަށިގަނޑުގައި ލާފައިވީއިރު އާވާ ފުރަތަމަ ބުނީ ދޮންމަންމަ އަނިޔާކުރި ވާހަކައެވެ. އިސްތިރި ޖެއްސި ވާހަކައާއި ވިއްސާރަ ރެއެއްގައި ގިފިލީގައި ގަހަކަށް ބަނދެލާފައި ބެހެއްޓި ވާހަކައެވެ. ދޮންމަންމަ އޭނަ އެތަނުން ނެރުނީ ބައްޕަ ގެއަށް އަންނަންވާ ގަޑިއަށެވެ. އާވާއަށް އެންގީ ބައްޕަ ކައިރީ ކިޔައިފިއްޔާ އާވާ މަރާލާނެ ކަމުގައެވެ. އާވާ އެ ވާހަކަތައް ކިޔާދޭން އިންއިރު އިރުއިރުކޮޅާ ވަށައިގެން ބަލާލެވެއެވެ. ހީވަނީ ދޮންމަންމަ އައިސް އޭނަގެ ގައިގާ ތަޅައިގެންފާނެހެންނެވެ.

"ބައްޕަ ކައިރީ ކިޔާދިންނަމަ، ދޮންމަންމަ އެކަނިތަ އެގޭގައި ހުންނަނީ...." ޑާކްނައިޓް އަހާލިއެވެ.
"ދޮންމަންމަގެ ފިރިހެންކުދިން ތިބޭ، ކޮއްކޮއެއްވެސް ހުރޭ، އަހަރެން ބޭނުމެއްނޫން އެމީހުންގެ ވާހަކަދައްކާކަށް، އެހެން ވާހަކައެއް ދައްކަބަލަ، ކީއްވެ އަހަރެންގެ ޕާސްޓްގެ ވާހަކަ އަހަން ތިއުޅެނީ، މާ ސިމްޕަތީ ވާންވެގެން އުޅޭނެ ކަމެއްނެތް، އެންމެ ބޭނުންވި ދުވަހު ސިމްޕަތީ ވާނެ މީހަކުނެތް، މިހާރު އެދުވަސްތައް މާޒީވެގެން ހިނގައްޖެ، ދޮންމަންމަވެސް ކުރިން އަހަރެންދެކެ ލޯބިވި، އަހަރެން މާގިނަ ވާހަކަދެއްކީމަ ދޮންމަންމަ ރުޅިއަންނާން ފެށީ..." އާވާ ޓައިޕްކުރިއެވެ.
"ދެޓްސް އިންޓެރެސްޓިން، ދޮންމަންމަ ރުޅިއައި ސަބަބު ކިޔާދީފާނަންތަ؟ " ޑާކްނައިޓް ސުވާލުކުރިއެވެ.
"ވީގޮތަކީ ވަރަށް ބޯކޮށް ވާރޭ ވެހުނު ރެއެއްގައި އަހަރެން ހޭލެވުނުއިރު އެނދުގައި އިށީނދެލައިގެން މީހަކު އިން، ކުޑަކޮށް އަނދިރިކޮށް އޮތަސް އެއީ ކާކުކަން އެނގުނު، ވަރަށް ބިރުގަތް........" އާވާ ކޮންމެވެސް ވަރަކަށް ކިޔާދޭން ގަސްތުކުރިއެވެ.
"ވަރެއްގެ މީހެއްނު، އޭރު ޕްރިންސެސްގެ އުމުރުން ކިހާވަރެއްތަ؟ އޭނަ ރަގަޅުކަމެއްގައި ނޫންކަން އެނގޭ އެގޮތަށް ރޭގަނޑު އަންހެންކުއްޖެއްގެ ކާރިއަށް ވަންނާނީ، އޭނަ ކީތްކުރީތަ؟ " ޑާކްނައިޓް ކަންބޮޑުވިފަދަ ގޮތަކަށް ސުވާލުކުރިއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު