ފެން ހިންދާ ދެ ޕަމްޕް އެމްޓީސީސީން އެމްއެންޑީއެފަށް ހަދިޔާކޮށްފި

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އެހީވުމުގެ ގޮތުން ޔަންމާ ޑީސަލް ދެ ޕަމްޕު އެމްޓީސީސީން އެމްއެންޑީއެފަށް ހަދިޔާ ކޮށްފި އެވެ.

އެމްޓީސީސީ ސޯ މިލްގައި މިރޭ އޮތް ރަސްމިއްޔާތެއްގައި އެމްއެންޑީއެފާ ޕަމްޕްތައް ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބުދުލްރައްޒާގް ހަލީމެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ޕަމްޕުތަކާ ހަވާލުވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

މިރޭގެ ރަސްމިޔާތުގައި އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ އެމްއެންޑީއެފާ ހަވާލު ކުރި ދެ ޕަމްޕަކީ އެ ކުންފުނީގެ ހިއްސާދާރުންނާއި ބޯޑު މެމްބަރުންގެ އެހީތެރިކަމާއެކު ހަދިޔާކުރި ދެ ޕަމްޕް ކަމަށެވެ. އަދި އެކަމަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާޢީ އެމްއެންޑީއެފުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމްޓީސީސީން ހަދިޔާކުރި ދެ ޕަމްޕު ކަމަށް ވެސް ރައްޒާގު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް ވަރަށް އުނދަގޫވާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މާލެ އާއި ރާއްޖެތެރެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ކުރިއަށް އޮތް ތަނުގައި ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްޓީސީސީން އިސްނަގައިގެން މިފަދަ ކަންކަން ކުރައްވާކަމީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުންފުނިތަކުގެ ތެރެއިން ހަމަ ލާމަސީލު މިސާލެއްގެ ގޮތުގައި ކުރައްވަމުންގެންދަވާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ މިރޭ އެމްއެންޑީއެފްއާ ހަވާލުކުރި 75،125ރ. ގެ ދެ ޕަމްޕަކީ ހަތަރު އިންޗީގެ އެއް ޕަމްޕާއި ދެ އިންޗީގެ ޕަމްޕެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު