މިނިސްޓަރު އަދީބުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޮޑިޓާ ޖެނަރަލް ފެންމަތި ކުރައްވައިފި

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ގަތުމަށް ހިންގި މުއާމަލާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަކި ބަޔަކަށް މަންފާ ހޯއްދެވުމަށް އަމަލު ކުރައްވާފައިވާ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މިނިސްޓަރު އަދީބުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާ މުއަމަލާތް ހިންގާފައިވާ ގޮތާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގަ އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ގަތުމު އެމްއެމްޕީއާރްސީން ހިންގި މުއާމަލާތުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފަސް މިލިއަން ޑޮލަރު ގަތުމަށް އެމްޕީއެލުން އެމްއެމްޕީއާރްސީއަށް ހަވާލު ކުރި 77.1 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ޑޮލަރަށްވާ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެއް މިލިއަން ޑޮލަރު ލޯނެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓަރު އަދީބުގެ އާއިލީ މަންފާ އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ވިއްކުމަށާއި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނު ނަގަން އެމްއެމްޕީއާރްސީން ނިންމާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައަކާ ނުލައި ކަމަށެވެ. އަދި އެ ކުންފުނިން ޑޮލަރު ވިއްކުމަށާއި ލޯނު ނެގުމުގެ މުއާމަލާތުގައި ހަރަކާތްތެރިވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ކަމަށް ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތް ހިންގުމަށް މިނިސްޓަރު އަދީބު ބާރު އަޅުއްވާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެއް މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައި ވަނީ އަދީބުގެ އާއިލީ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓަށް ކަމަށް ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގައި މިނިސްޓަރު އަދީބުގެ ބައްޕާފުޅުގެ 35 ޕަސެންޓް ހިއްސާ އޮވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ދ. މާގައު ތަރައްގީ ކުރުމަށް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރައީސް އޮފީހުން ހަވާލުކޮށްފައިވާ ދ. މާގައުގެ ހެޑް ލީސް ރެންޓުގެ ގޮތުގައި 2.25 މިލިއަން ޑޮލަރު މިނިސްޓަރު އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް އިޓަލީގެ ރައްޔިތަކު ދީފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު