މިހާރު އޮޑިޓާ ޖެނެރަލަކު ނުހުންނާނެ: ވައްޑޭ

އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރެއްވުމާއެކު މިހާރު އޮޑިޓާ ޖެނެރަލަކު ނުހުންނާނެ ކަމަށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވައްޑޭ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ އެ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ނޫންގޮތަކަށް އޮޑިޓާ ޖެނެރަލަކު އައްޔަން ނުކުރެވޭނެ ކަމަށެވެ.

ވައްޑޭ ވިދާޅުވީ ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާ ހަމައަށް އޮޑިޓާޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒު އިބްރާހީމަކީ ކުރީގެ ގާނޫނުގައިވާ ގޮތުގެމަތިން އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ކުރީގެ ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގާނޫނެއް ކަމަށާއި ރައީސް މިއަދު އެ ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރުގެ ގާނޫނު އަސާސީގެ ދަށުން އޮޑިޓް ގާނޫނަށް ބަދަލު އައީ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ދަށުން އޮޑިޓް ގާނޫނަށް އައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސް ނަންފުޅެއް ފޮނުވަންވާނެ ކަމަށާއި އެހެންކަމުން ނިޔާޒު ވެސް ދެން ޖެހިވަޑައިގަންނަވަނީ ރައީސް އޮފީހުން އިއުލާންކުރުމުން އެ މަގާމަށް ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިހާރު ހުންނެވި އޮޑިޓާ ޖެނެރަލްގެ ގާނޫނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ހުއްޓޭނެ. ދެން އޭނަ ވެސް ކުރިއަށްދާން ބޭނުންކަމަށްވަންޏާ އެހެންބޭފުޅުންނެކޭ އެއްފަދައިން އޭނަވެސް ޖެހޭނީ އެ އިއުލާނަށް އިޖާބަދީގެން އޭނަވެސް ނަން ހުށަހަޅައިގެން ކުރިއަށްދާން. ރައީސުލްޖުމްހޫރިއްޔާ އެ ފޮނުވާ ނަމަކާ އެކީގައި މަޖިލީސް އިން ފާސްވީމަ ދެން މި ގާނޫނު އަސާސީގައިވާ ގޮތުގެމަތިން އޮޑިޓާ ޖެނެރަލަކު ދެން އައްޔަން ކުރެވިގެންދާނީ،" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ އެގޮތަށް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވައްޑޭ ހުށަހެޅުއްވި ބިލަށް އެ އިސްލާހު ހުށަހެޅުއްވުމާއެކު އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައި ވަނީ އެއީ ގާނޫނު އަސާސީއާ ތައާރަޒުވާ އިސްލާހެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު