އުކާލާ ފުޅިން ތިނަދޫ ސްކޫލްގެ އަހަރީ ޖަލްސާ ޒީނަތްތެރިކޮށްފި

އެއީ ތަފާތު ޖަލްސާއެކެވެ. ޖަލްސާއަށް އެރުވި ދައުވަތު ކާޑުންވެސް ޖަލްސާގެ ތަފާތުކަން އެނގެއެވެ. ޖަލްސާ ބޭއްވި މާލަމުން ވެސް ފެނިގެންދިޔައީ އިތުރު ހައިރާންކަމެކެވެ. މުޅި މާލަމުން ފެނިގެންދިޔައީ ބުރަ މަސައްކަތާއި ހުނަރުވެރި ކަވި މަސައްކަތެވެ. ތަފާތު ހިޔާލެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެ ޖަލްސާގެ ތައްޔާރުކޮށްފައި ވަނީ ޕްލާސްޓިކް ހުސް ފުޅި ބޭނުންކޮށްގެންނެވެ.

އުކާލާ ހުސް ކުރި ފުޅި ބޭނުންކޮށްގެން ތަފާތު ކަމެއް ކުރުމުގެ ހިޔާލު ގދ. ތިނަދޫ ސްކޫލުގެ އެސިސްޓަންޓް ޕްރިންސިޕަލް މުހައްމަދު އަޖީބުގެ ހިޔާލަށް އައީ ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެ ހިޔާލާއެކު ޕްރައިމަރީ އަށް ކިޔަވައިދޭ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޒީނަތްތެރިކުރީ އުކާލާ ޕްލާސްޓިކް ހުސްފުޅި ބޭނުންކޮށްގެންނެވެ.

"ފުޅި އެއްކުރަން ފެށީ ރޯދަ މަހު. ތިނަދޫގެ ހުރިހާ މިސްކިތްތަކުގައި ޑަސްބިން ބަހައްޓާ ކެފޭ ރެސްޓޯރެންޓްތަކުން ފުޅި ނަގާ. ބެލެނިވެރިންގެ ސްކޫލަށް ފުޅި ހަދިޔާކުރި. އަދި ސްކޫލުގެ ދަރިވަރުން ރަށުގެ ގޮނޑުދޮށުން ހުސްފުޅި ހޮވި،" ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އަޖީބު އިސްނެގުމަސް ތިނަދޫ ސްކޫލުގައި ބޭއްވި އެ ޖަލްސާގައި ގާތްގަނޑަކަށް 50،000 ވުރެ ގިނަ ފުޅި ބޭނުންކޮށްފައިވެ އެވެ.

ހުސްފުޅި ބޭނުންކޮށްގެން ތިނަދޫ ސްކޫލުގެ ޖަލްސާ ތައްޔާރުކުރިއިރު، ޖަލްސާއަށް ވަޑައިގަތުމަށް އެރުވި ދައުވަތު ކާޑާއި ޖަލްސާއަށް ވަންނަ ގޭޓުން ފެށިގެން ޖަލްސާކުރާ މާލަމުގައި ހަރުކޮށްފައި ހުރި ޗާންދަލިޔާތަކާ ސްޓޭޖްމަތީ ހުރި ފޯޑިއަމް ވެސް ހަދާފައި ހުރީ ހުސް ފުޅިންނެވެ.

ފުޅިއާއެކު ހަދާފައިހުރި އެ އެއްޗެހިތަކެއް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެކިކުލަ ކުލައިން ދިއްލާފައި ހުރުމުންނެވެ. އަދި ޖަލްސާއަށް ވަޑައިގަންނަވާ މެހެމާނުންގެ މޭމަތީގައި ޖަހާ މާ ދަތި ވެސް ތައްޔާރުކޮށްފައި ހުރީ ޕްލާސްޓިކް ކުދި ހޮޅި ބޭނުންކޮށްގެންނެނެވެ. އޭގެ 600 މާ ހެދި ކަމަށް އެ ސްކޫލުން ބުންޏެވެ.

އަޖީބު ވިދާޅުވީ، އެ ޖަލްސާއަށް އެންމެ ފުޅިއެއްވެސް ގަނެފައިނުވާއިރު، އެކަމުން ސްކޫލުގެ ދަރިވަރުންނަށް ވެސް އެކިކަހަލަ ހުނަރު ދަސްވުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ތިނަދޫ ސްކޫލުގެ އެ ޖަލްސާއިން ކުރިއާލާ ރާވައިގެން ކަންކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާ ފެނިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު