ދެ ކުޅުންތެރިއަކާއި ކޯޗެއް އަދި އޮފިޝަލެއް އެފްއޭއެމުން ސަސްޕެންޑުކޮށްފި


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ދެ ކުޅުންތެރިއަކާއި ކޯޗަކާއި އޮފިޝަލެއް ސަސްޕެންޑުކޮށްފި އެވެ.

އެފްއޭއެމް އިން ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި ހިމެނެނީ ޔުނައިޓެޑް ވިކްޓުރީގެ ކޯޗް މުހައްމަދު ސައްޖާހު އާއި ސޮސައިޓީ ފޯ ތުނޑީ އެޑްވާންސް އެންޑް ރެކްރީއޭޝަން ކްލަބްގެ ހުސައިން މޫސާ އާއި އެ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ އައްބާސް އިބްރާހީމްގެ އިތުރުން އެ ކްލަބްގެ އޮފިޝަލެއް ކަމުގައިވާ އިސްމާއީލް ޒަކީއެވެ.

އެ މީހުންގެ ތެރެއިން ޔުނައިޓެޑް ވިކްޓުރީގެ ކޯޗް ސައްޖާހު ހަތަރު މެޗަށް ސަސްޕެންޑުކޮށް 4000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭނާ ޖޫރިމަނާކޮށްފައި ވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓަށާއި އަދި ރެފްރީގެ ރިޕޯޓުގެ ބަޔާނުގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ ބައެއް މާއްދާތަކުގެ ދަށުންނެވެ.

އެފްއޭއެމް އިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކުޅުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީ އާއި ހުރަވީ ބައްދަލުކުރި މެޗްގެ ފަހު ހާފުގައި ހުރަވީގެ ކުޅުންތެރިޔަކާއި ޔުނައިޓެޑް ވިކްޓުރީގެ ކުޅުންތެރިޔަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ޔުނައިޓެޑް ވިކްޓުރީގެ ކުޅުންތެރިޔަކު މާ ބޮޑަށް ރުޅިގަދަވެގެން ހަމަނުޖެހުން ހިނގައިފާނެތީ އެކަން ހަމަޖެއްސުމަށްޓަކައި ޔުނައިޓެޑް ވިކްޓްރީގެ ކޯޗް ސައްޖާހު އެތަނަށް ދިޔަވަގުތު ހުރަވީގެ ކުޅުންތެރިއެއް އޭނައާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ ދިމާކޮށް ހެދުމުން، ސައްޖާހު ކުޅިވަރުގެ ރޫހާ ހިލާފުވެފައިވާ ކަމަށެވެ.

ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން ކްލަބްގެ ކުޅުންތެރިއެއް ކަމަށްވާ އައްބާސް އިބްރާހިމް މެޗްގެ ރެފްރީއަށް ހަމަލާދީފައި ވަތީ އޭނާ ވަނީ 18 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި 6000 ރުފިޔާ އިން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ހަމަ އެ ކްލަބުގެ ކުޅުންތެރިއެއް ކަމަށްވާ ހުސައިން މޫސާ ހަތަރު މެޗަށް ސަސްޕެންޑް ކުރުމާއިއެކު 4000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން ކްލަބްގެ އޮފިޝަލެއް ކަމުގައިވާ އިސްމާއިލް ޒަކީ ވެސް ހަތަރު މެޗަށް ސަސްޕެންޑް ކުރުމާއެކު 4000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެފްއޭއެމް އިން ބުނީ އެ ކްލަބުގެ ކުޅުންތެރިއެއް ކަމުގައިވާ އަޙުމަދު ހަލީމްގެ މައްސަލަ އިތުރަށް ބަލަމުންދާތީ، އެ އެސޯސިއޭޝަނުން ވަކި ގޮތަކަށް އަންގަންދެން ކުރިއަށް ހުރި އެއްވެސް މެޗެއްގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު