ހިދުމަތަށް ދިމާވި ބޮޑު މައްސަލަ ވަނީ ހައްލުކޮށްފައި: ދިރާގު

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށް ހޮނު އެޅުމުގެ ސަބަބުން ދިރާގުގެ ހިދުމަތްތަކަށް ދިމާވި "ބޮޑު މައްސަލަ" ހައްލުކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ ކަސްޓަމަރުނަށް ފޯނު ކުރުމުގައްޔާއި ފޯނު މެދުވެރިކޮށް އިންޓަނެޓަށް ވަނުމުގެ އިތުރުން އެސްއެމްއެސް ކުރުމުގައި މިއަދު ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ. އެ މައްސަލަ ދިމާވީ ރޭ ފަތިހުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި ވިދުވަރާއެކުއެވެ.

އެކަމާ ގުޅިގެން މިއަދު ހަވީރު ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ، ދިރާގުގެ ހިދުމަތަށް ދިމާވި މޭޖާ މައްސަލަ މިހާތަނަށް ވަނީ ހައްލުކުރެވިފައި ކަމަށާއި ނަމަވެސް މޭޖާ މައްސަލަ ހައްލުވިޔަސް، ބައެއް ހާލަތްތަކުގައި ހިދުމަތް ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ކުރިން ހުރި ސިސްޓަމްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން، އެހެން ކަމުން ބައެއް ފަހަރު ބައެއް ހިދުމަތްތަކުގައި މައްސަލަ ޖެހުން އެކަށީގެންވޭ." މައުމޫން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދަނޑިވަޅުގައި އާންމުގޮތެއްގައި މައްސަލަތަކާއި ކުރިމަތިވާނީ އާ ކަނެކްޝަނެއް ބޭނުން ކުރުމަށާއި އާ ހިދުމަތްތައް ނެންގެވުމުގައި ކަމަށެވެ. ދިރާގުގެ ހިދުމަތަށް ދިމާވި ބައެއް މައްސަލަ އަދިވެސް ހައްލުނުކުރެވޭ ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ ތެރޭގައި ހިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

ކިހާތާކު މުޅި މައްސަލަ ހައްލުވާނެތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ މުޅި މައްސަލަ ފަހަރެއްގައި މިއަދުވެސް ހައްލުވެދާނެ ކަމަށާއި ދިރާގުގެ ޓެކްނީޝަނުން އެމަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، އެވިދުވަރުގެ ސަބަބުން މައްސަލަ ދިމާވެފައިވަނީ ދިރާގުގެ މޯބައިލް ހިދުމަތްތައް ކަމުގައިވާ ފޯން ކުރުމާއި އެސްއެމްއެސް ކުރުމުގެ އިތުރުން ޑޭޓާ ބޭނުން ކުރުމަށް ކަމަށެވެ. އަދި އެކަންކަން ވަރަށް އަވަހަށް ހައްލުކޮށްފައިވާ ކަމަށާއި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދިނީ އަވަހަށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު