ލ. އަތޮޅު މުބާރާތް: ތިން މެޗުން މޮޅުވެ މާބައިދޫ ސެމީއަށް

ލ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ ކުޅުނު ތިންވަނަ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަތުން 1-2 އިން މޮޅުވެ ގްރޫޕް 'އޭ'އިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާބައިދޫ ޒުވާނުންގެ ޖަމިއްޔާއިން މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، ފަސް ޕޮއިންޓާއެކު ދެވަނައިގައި އޮތީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަދި ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އިސްދޫ އަމާޒު ޖަމިއްުޔާއެވެ.

އިއްޔެ ކުޅުން މެޗުގެ ފުރަތަމަ ގޯލު މާބައިދޫ ޓީމުން ޖަހާފައިވަނީ ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި އަބްދުﷲ ފަރީޝް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ފަސް މިނިޓައް ވެފައިވަނިކޮށް މުންޑޫ އަބްދުލް ޝުކޫރު ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން 23 ވަނަ މިނެޓުގައި މާބައިދޫ ޓީމުގެ ހަސަން ނިޔާޒް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާބައިދޫ ޓީމުގެ އަބްދުﷲ ފަރީޝް އެވެ.

މި ގްރޫޕްގައި މާބައިދޫ ކުޅޭ ފަހު މެޗުގައި ވާދަކުރާނީ، އިސްދޫ އަމާޒު ޖަމިއްޔާއާ އެވެ. އެ މެޗު ކުޅޭނީ، މާދަމާ ހަވީރު، 4:00ގައި މާބައިދޫ ފުޓްބޯޅަ ދަނޑުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު