ފެން ހިންދުމަށް ޖަންކްޝަންތަކުގެ މަތި ނުނެގުމަށް އިލްތިމާސްކޮށްފި

މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިންދުމަށް އާއްމުން އަމިއްލައަށް ޖަންކްޝަންތަކުގެ މަތި ނަގާ ނަމަ ވަޅުގަނޑުތައް ފުރި ނަޖިސް ބޭރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކުންފުނިން މަގުމަތީގައި ބަހައްޓާފައިވާ މޭންހޯލް (ޖަންކްޝަން ވަޅުގަނޑު)ތަކުގެ މަތި ނަގައިގެން ފެން ހިންދަން މަސައްކަތް ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"...މަގުމަތީގައި ބަހައްޓާފައިވާ މޭންހޯލްތަކުގެ މަތި ނަގައި ފެން ހިންދުމަށް ބައެއް އާއްމު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މިކަމުގެ ސަބަބުން ފެނާއި ނަޖިސް އެއްވެ، ގޭގޭގެ ފާހާނާތަކަކާއި ނަޖިސް ވަޅުގަނޑުތައް ފުރި ނަޖިސްފެން އެރުމަކީ އެކަށީގެންވާ ކަމެކެވެ،" އެމްޑަބްލިއުއެސްސީގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އަދި ބުނެފައި ވަނީ އެއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ފޯރައިފާނެ ކަމަކަށް ވާތީ މޭންހޯލްތަކުގެ މަތި ނުގުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެފަދަ ކަމެއް ފެނިއްޖެ ނަމަ އެ ކުންފުންޏަށް އެންގުމަށް ވެސް އެކުންފުނިން ވަނީ އެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު