ރާއްޖޭގެ ޖުމްހޫރީ ދުވަސް މެލޭޝިއާގައި ކުލަގަދަކޮށް ފާހަގަ ކުރަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެގައުމުގައި މިފަހަރު ރާއްޖޭގެ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިއްޔެ ބުނެފައިވަނީ، މިފަހަރު ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ހައި ކޮމިޝަނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހީން ގުޅިގެން ވަނީ ފުޓްސަލް ކާނިވަލްއެއް ބާއްވަން ނިންމާފައި ކަމަށެވެ. އަދި މިކާނިވަލަށް ވަނުމަށް އެއްވެސް އަގެއް ނުނަގާނެކަމަށާއި، ކޮންމެ މީހަކަށްވެސް މި ކާނިވަލަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

މި ކާނިވާ ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހު، މެލޭޝިއާގެ ސަންވޭ އެކްސްޓްރީމް ޕާކުގައެވެ.

ހައިކޮމިޝަނުން ބުނީ، ފުޓްސަލް ކާނިވަލުގައި މެލޭޝިއާ އާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އަންހެން އަދި ފިރެހެން ޓީމުތަކަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މީގެއިތުރުން އެކިއެކި ސްޓޯލްތަކާއި، ސަގާފީ ހަރަކާތްތަކާއި، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއްވެސް މި ކާނިވަލުގެތެރޭގައި ހިމެނޭނެކަމަށް ހަބަރު ލިބިފައި ވެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފައިވާގޮތުގައި، މި ކާނިވަލުގެ މަގްސަދަކީ ވީހާވެސް ކުލަގަދަ ގޮތެއްގައި ޖުމްހޫރީ ދުވަސް ފާހަގަކުރުން ކަމަށާއި، ހަމައެހެންމެ މެލޭޝިއާގައި ދިރިއުޅޭ ދިވެހީންގެ އެއްބައިވަންތަކަން އިތުރުކުރުން ކަމަށްށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު