ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އަގުބޮޑު އިނާމުތަކެއް!

މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ހައިރައިޒް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ ބޮޑު ފެއާއެކެވެ.

މިފަހަރުގެ ފެއާގައި ބައިވެރިވާ ބައެއް ފަރާތްތަކުން ވަނީ މުޅި އެކްސްޕޯ އިން ނަގާ ލަކީޑްރޯ އަކަށް އަގުބޮޑު އިނާމުތަކެއް ހުށައަޅާފަ އެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ސްލިޕް ކޮޅެއް ފުރާލައިގެން އެ އަގުބޮޑު އިނާމުތަކުގެ މިލްކުވެރިއަކަށް ވެވިދާނެ އެވެ.

އެގޮތުން ސޮނީ ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެއް ކަމަށްވާ ރީފްސައިޑުން ހުށައަޅާފައިވާ ޓީވީ އަކީ މިފަހަރުގެ ފެއާގައި ލަކީޑްރޯ އިން ހާސިލްކުރެވިދާނެ އިނާމެކެވެ. ގޭތެރޭގައި ބަހައްޓާލަން ހިތްގައިމު، 50 އިންޗީގެ އެ ޓީވީއަކީ ފުލްއެޗްޑީ އިންޓަނެޓް ޓީވީ އެކެވެ. އިންޓަނެޓް ހޯދުމަށް ގެއަށް ގެނެސްފައިވާ ކޭބަލް އެ ޓީވީއަށް ގުޅައިގެން ވެސް އިންޓަނެޓް ބޭނުންކޮށްލެވިދާނެ އެވެ.

ޖުމްލަ 45 ސްޓޯލާއެކު އިއްޔެ ދަރުބާރުގޭގައި އެ އެކްސްޕޯ ފަށާފައިވާ އިރު މިފަހަރުގެ ފެއާގައި، ހޯމް ފައިނޭންސް އާއި ގެދޮރު ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ސްޓޯލްތަކުގެ އިތުރުން ސޯލާ ޕެނަލް އާއި ޒަމާނީ ޓެކްނޮލޮޖީގެ ސެކިއުރިޓީ ސިސްޓަމްތައް އަދި އައިޓީ ސާމާނު ވިއްކާ ފަރާތްތައް ފާހަގަކޮށްލެވެ އެވެ.

ދިވެހިންގެ ތެރޭގައި މަގުބޫލު އެއްގަމު އުޅަނދެއް ކަމަށްވާ ސައިކަލު ވިއްކުމުގައި މަޝްހޫރު ޝީޝާ ކުންފުނިން އެކްސްޕޯއަށް ހުޅަހަޅާފައިވާ "ހޮންޑާ ކްލިކް 125 އައި" ސައިކަލަކީ އެ އެކްސްޕޯގެ ހާއްސަ އިނާމެކެވެ. އޮޓޯ ގިއަރު ހަރުކޮށްފައިވާ އެ ސައިކަލަކީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ، ދުއްވާލަން ފަސޭހަ ސައިކަލެކެވެ.

މިފަދަ ފެއާއަކަށް ޒިޔާރަތްކޮށްލައިގެން ދުބާއީ ފަދަ ގައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. އެ ފުރުސަތު ލިވިން އެކްސްޕޯ އިން ލިބެން އެބައޮތެވެ. ކުރިން ބުނި ސްލިޕްކޮޅު ފުރާލައިގެން އިނާ މޯލްޑިވްސް އިން ހުށަހަޅާފައިވާ ފްލައި ޑުބާއީގެ ޑުބާއީ ދެކޮޅު ޓިކެޓް ދެ މީހަކަށް އަދި ސްރީލަންކަން އެއާލައިންސް އިން ހުށަހަޅާފައިވާ ލަންކާ ދެކޮޅު ޓިކެޓް ދެ މީހަކަށް ލިބެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ ފެއާއަށް ޒިޔާރަތް ކުރާ ކަސްޓަމަރުންނަށް ވެސް ހެޔޮ އަގުގައި ގިނަ މުދާތަކެއް ގަތުމުގެ ފުރުސަތު ފެއާގެ ސްޓޯލްތަކުން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އައިޓީ ސާމާނު ވިއްކާ ސްޓޯލްތަކުން 20 ޕަސެންޓާއި 30 ޕަސެންޓަށް ޑިސްކައުންޓް ލިބޭއިރު އަނެއްބައި ސްޓޯލްތަކުން 30 ޕަސެންޓާއި 40 ޕަސެންޓަށް ވަނީ ޑިސްކައުންޓް ހުޅުވާލާފަ އެވެ.

ދަރުބާރުގޭގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު