ތިޖޫރި ހުޅުވޭނެގޮތެއް ނުވުމުން ގުރައިދޫއަށް އޯލެވެލް ޕޭޕަރުތައް އަލުން ފޮނުވައިފި

ކ. ގުރައިދޫގައި އޯލެވެލް ޓެސްޓް ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި އާއި އެ ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅުދަނޑި ގެއްލިފައިވާތީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އެރަށް ޓެސްޓް ޕޭޕަރުތައް ފޮނުވައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސައިން ހަބީބު ވިދާޅުވީ މިއަދު އޯލެވެލް އިމްތިހާނު ފެށެންވާއިރަށް ޑީޕީއީ އިން އެރަށް ޓެސްޓްޕޭރުތައް އަލުން ފޮނުވާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ނުޖެހި މިއަދު އިމްތިހާން ކުރިއަށް ގެންދެވުނު ކަމަށެވެ.

ޖީސީއީއޯލެވެލް އިމްތިހާނުގައި މިއަދު އޮތީ އިންގްލިޝް އޭސް ސެކަންޑް ލެންގްއޭޖާއި އިކޮނޮމިކްސް އެވެ.

އޭނާ ވިދާޅުވީ ޓެސްޓުޕޭޕަރުތައް ރައްކާކޮށްފައި ހުރި ތަނުގެ ތަޅުދަނޑި އަދިވެސް ނުފެންނަ ކަމަށާއި އެތަން ހުޅުވުމާމެދު އަމަލުކުރާނެ ގޮތަކާ މެދު އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި ދެން ޓެސްޓު އޮންނަ ދުވަހަކަށް އެ މަޝްވަރާތައް ނިމި އެތަން ހުޅުވޭނެ ގޮތްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ޓެސްޓު އޮތީ ހަތަރު ދުވަސް ފަހުން. އިރާދަކުރެއްވިއްޔާ މި މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރެވި މިކަން ކާމިޔާބުވާނެ،" ހަބީބު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު