އައްޑޫގައި ހުޅުޖަހައި އަންދާލި ޕޮލިސް ޓްރޭނިގް ސްކޫލް އެޅުމަށް ބިމެއް ދީފި

8 ފެބްރުއަރީ 2012 ވަނަ ދުވަހު އައްޑޫ ސިޓީގައި ހުރި ފުލުހުންގެ ވެހިކަލްތަކެއްގައި ރޯކޯށްލާފައި --- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ޖެހިގެންއައި ދުވަހު އައްޑޫ ސިޓީ ޕޮލިސް ޓްރެއިނިން ސްކޫލްގައި ހުޅުޖަހައި ބަޔަކު މީހުން އަންދާލާފައިވާތީ، އެތަން އަލުން އިމާރާތްކުރަން އައްޑޫ ސިޓީ ކައުންސިލުން ފުލުހުންނަށް ބިމެއް ހަމަޖައްސައިދީފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހިތަދޫ ބޮޑުމަގުގައި ހުރި ޕޮލިސް ޓޭރިންގް ސްކޫލްގައި ބަޔަކު މީހުން ހުޅުޖަހައި އަންދާލުމުން އެތަން ވަނީ ބޭނުންނުކުރެވެވަރަށް އަނދާފައެވެ.

ފުލުހުން ބުނީ ޕޮލިސް ޓްރެއިނިން ސްކޫލެއް އެޅުމަށް އައްޑޫސިޓީ ކައުންސިލުން ދީފައި ވަނީ ހިތަދޫއާ ގުޅިފައި އޮންނަ ފަޅުރަށްތައް އޮންނަ ސަރަހައްދުގެ ބިމެއް ކަމަށެވެ.

އެ ބިން ހަމަޖައްސައި ދީފައިވަނީ އައްޑޫ ސިޓީގައި ޕޮލިސް އެކަޑަމީ ގާއިމް ކުރުމަށް މަޝްވަރާ ކުރުމަށް ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ސޯދިގު އާއި އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ނަވާޒް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއެކު މިމަހުގެ 27 ވަނަ ދުވަހު ބޭއްވި ބައްދަލު ވުމަށްފަހު އެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ފުލުހުން ބޭއްވި އެ ބައްދަލުވުމުގައި އެސިޓީގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކައުންސިލާއި ގުޅިގެން ކުރެވެން ހުރި ކަންތައްތަކާބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ އެންމެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހުރި ކޯޓުތަކާއި ޕޮލިސްޓޭޝަންތައް ވަނީ އަންދާލާފައެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަބައެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް