ޑިފެންސްތައް ފޫއަޅުވާލުމުގެ ހުނަރު މެސީގެ ކިބައިން ފަނޑުވަނީބާ؟

ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ވަނީ މިއަހަރު ބޭއްވި ވޯލްޑް ކަޕްގައި އޭނާގެ ޓިީމް، އާޖެންޓީނާ، ފައިނަލާ ހަމައަށް ގެންގޮސްދީ، އެ މުބާރާތުގެ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ 'ގޯލްޑެން ބޯލް' ހާސިލް ކޮށްފައެވެ. ނަމަވެސް އޭނާގެ ފޯމާއި ފިޓްނަސްއާ ބެހޭގޮތުން ގިނަ ބަޔަކު ވަނީ މިއަހަރުތެރޭގައި ސުވާލު އުފައްދާފައެވެ.

ފީފާ ބެލޮންޑޯ އެވޯޑް ކަމަށްވާ ބެލޮންޑޯ ހަތަރުފަހަރުމަތިން ހާސިލްކޮށްފައިވާ މެސީ ފުޓްބޯޅައަށް ޖެހިފައިވާ ލޯބި ދަށްވަމުން ދާކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަނީ 27 އަހަރުގެ މި ކުޅުން ތެރިޔާގެ ކުޅުން ދަށްވެފައިވަނީ އޭނާއަށް ލިބިފައިވާ 'އިންޖަރީ'ތަކުގެ ސަބަބުން ކަމަށެވެ.

އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ތަރިއެއްކަމަށްވާ ޖޯޖް ވަލްޑާނޯ 'ރޭޑިއޯ މާސާ'އަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީި، މެސީގެ ކުރީގެ ކުޅުން އޭނާއަށް މިހާރު ނުކުޅެވޭކަމަށާއި، ޑިފެންސްތައް ފޫއަޅުވާލުމުގެ ހުނަރު އޭނާގެ ކިބައިން ގެއްލިފައިވާކަމަށެވެ.

ވަލްޑާނޯ ބުނިގޮތުގައި ލަލީގާގައި ބާސާ އެންމެ ފަހުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ މޮޅު ކުޅުން ފެނިފައިނުވަނީ ދަނޑުމަތީގައި އޭނާގެ މަގާމު ބަދަަލުކޮށްފައި ވުމުގެ ސަބަބުންނެވެ. އޭނާ ބުނީ އެ މެޗުގައި މެސީގެ ފޯމް ރަނގަޅުނޫން ކަމަށާއި، އިދިކޮޅު ޓީމުގެ ޑިފެންސް ހާރުވާލުމުގެ ހުނަރު މެސީގެ ކިބައިން ގެއްލިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

"މިފަހަރުގެ ބްރެޒިލް ވޯލްޑް ކަޕްގައި މެސީއަށް ބަދަލެއް އައިސްފައި ހުރިކަން ފާހަގަވި. ދަނޑުމަތީގައި އޭނާ އުޅުނީ ވަރަށް މަޑުމަޑުން. ފިޒިކަލީ ގޮތުން އޭނާ އެހާ ރަނގަޅެއް ނޫން. ދަނޑުމަތީ އެހާ ފަހަތުގެ މަގާމަކަށް އޭނާ މިހާރު ކުޅޭ ސަބަބަކީ އެއީކަމަށްވެސް ވެދާނެ،"ޖޯޖް ވަލްޑާނޯ ބުންޏެވެ.

މިއަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕް ގައި މެސީވަނީ އާޖެންޓީނާ ކުޅުނު އެންމެ ފުރަތަމަ ތިން މެޗުގައި އެޓީމަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް ނޮކްއައުޓް ސްޓޭޖްގައި އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވި، މެސީގެ ހަރަކާތްތަށް ދަށްވެފައި ވުމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

މިދިޔަ ހަފްތާގައި ރެއާލްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި، ލަނޑެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުންވެސް މެސީއަށް ވަނީ އިތުރު ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު