ފުލުހުން ކޯޓު އަމުރު ތަންފީޒުކޮށްނުދިނުމުން ހުޅުޖެހި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި

ފުލުހުންނަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއެއްގޮތަށް ހަތަރު މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދީފައިނުވާތީ، ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ޝަރީއަތް މިއަދު ކެންސަލްކޮށްފިއެވެ.

ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގދ. ތިނަދޫ ނޫރާނީގޭ މުހައްމަދު އަބްދުﷲ އާއި އެރަށު ތެދުއުއި އަހްމަދު ސާދިގު އާއި އެރަށު ވެސްޓްޕޯލްއިރު އަހްމަދު ސަލީމްގެ އިތުރުން އެރަށު ސްކޫނަރ މުހައްމަދު ވާސިފް ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. ނަމަވެސް އެއަމުރާ އެއްގޮތަށް ފުލުހުން އަމަލުކޮށްފައިނުވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ވަނީ ކެންސަލްކުރަންޖެހިފައެވެ.

އެ ހަތަރު މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރެފައި ވަނީ ކްރިމިނަލް ކޯޓުން ކުރި މަސައްކަތުން އެމީހުން ޝަރީއަތަށް ހާޒިރުކުރެވޭގޮތް ނުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން ނެރުނު އަމުރާއެއްގޮތަށް އެ ހަތަރު މީހުން ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުން މިއަދު އެ ކޯޓަށް އަންގާފައިވާ ކަމަށެވެ.

ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ހަތަރު މީހުންގެ ތެރެއިން ބައެއް މީހުން އެރަށުގައި އެބައުޅޭ ކަމަށާއި އެމީހުން ހައްޔަރުކުރުމަށް އެރަށުގައި އުޅޭ ފުލުހުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

"އަހްމަދު ސާދިގު އަކީ މިރަށު މިސްކިތެއްގެ މުދިމެއް. މުހައްމަދު އަބްދުﷲ އަކީ ތިނަދޫ ކޯޓުން ގޭބަންދަށް ބަދަލުކޮށްފައިވާ މީހެއް. މި ދެ މީހުން މިހާރުވެސް މިރަށުގައި އެބައުޅޭ. މިއީ ފިލައިގެން އުޅޭ ދެ މީހުނެއް ނޫން. އެހެންނަމެސް ފުލުހުން މި ދެ މީހުން ހައްޔަރުކުރަން އެއްވެސް މަސައްކަތެއް ނުކުރޭ،" ތިނަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު