އައިއެސް އިން އިރާގުގެ ސުންނީ ގަބީލާއެއްގެ 30 މީހަކަށް މަރުގެ އަދަބު ދީފި

ހީތު (އޮކްޓޯބަރު 30): އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުން އިރާގުގެ ސުންނީ ގަބީލާއަކަށް ނިސްބަތްވާ 30 މީހަކަށް މަރުގެ އަދަބު ދީފި އެވެ.

އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ ހުޅަނގުގެ އަލްއަންބާރު ގަވަރނޭޓްގެ ހީތް ސިޓީގެ އާންމުން ބުނާގޮތުން އައިއެސް ޖަމާއަތުން މި 30 މީހުންނަށް މަރުގެ އަދަބު ދީފައިވަނީ އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ އިރާގު ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭކަމުގެ ތުހުމަތުގަ އެވެ.

އައިއެސްއާ ދެކޮޅަށް އިރާގު ކުރަމުން ގެންދާ ހަނގުރާމައިގާ އިރާގުގެ ސުންނީ ގަބީލާތަކުން އެ ގައުމުގެ ސަރުކާރު ސިފައިންނަށް އެއްބާރުލުން ދެމުން ގެންދެ އެވެ.

މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މި 30 މީހުން ހީތު ސިޓީގެ މައިދާނަކަށް ބަނދެގެން ނެރުމަށްފަހު އެމީހުންގެ ބޮލަށް ބަޑިޖަހައިގެން ކަމަށްވެ އެވެ. މިގޮތަށް މަރުގެ އަދަބު ތަންފީޒުކުރީ ހީތު ސިޓީގެ އާންމުންނަށް ފެންނަގޮތަށް އިއްޔެގެ ވަގުތެއްގައި ކަމަށްވެސް މަންޒަރުދުށް އެރަށުގެ އާންމުން ބުނެ އެވެ.

އައިއެސް ޖަމާއަތުން މަރުގެ އަދަބު ތަންފީޒުކުރި 30 މީހުން ނިސްބަތްވަނީ އިރާގުގެ އަލްއަންބާރު ސަރަހައްދުގެ ބޫނިމްރު ގަބީލާއަށް ކަމަށްވެ އެވެ.

ދާދިފަހުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ރައިޙާނާ އަބްދުﷲ ނަމަކަށްކިޔާ ކުރުދީ ދަރިކޮޅުގެ އަންހެން ހަނގުރާމަ ވެރިއެއް އަސީރެއްގެ ގޮތުގައި ހައްޔަރު ކުރުމަށްފަހު އޭނާގެ ބޯކަނޑާލައިގެން މަރުގެ އަދަބު ދީފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު