ފަސް މިނިޓްތެރޭގައި މުޅި މާލެ އަޑިއަށް!

ފަތިހު ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑަށެވެ. ދެވަނަ ގުގުރީގެ އަޑާއެކު ގެއިން ކަރަންޓު ކެނޑިއްޖެ އެވެ. ކަނު އަނދިރީގައި ތަންމަތީގައި އޮވެވޭ ގޮތެއްވެސް ނުވި އެވެ. ކުޑަދޮރު ހުޅުވައި ބަލާލިއިރު އިންތިހާއަށް ބޯކޮށް ވާރޭ ވެހެނީ އެވެ. ފުރަތަމަވެސް ހިތައް އެރީ "މިއަދު އޮފީހަށް ދާންޖެހޭނީ ފަތާފަ"ބާވައޭ އެވެ. އެ މާޔޫސްކަމުގައި ނިދޭގޮތެއްނުވި އެވެ. މީހުން މަގުމަތީގައި އުޅޭ ހާލު ބަލައިލުމަށް ބެލްކަންޏަށް ނުކުމެލީމެވެ.

ގަޑިން 6:30 ވުމާއެކު މަގުތައް ހަލަބޮލިވާން ފެށިއެވެ. އަހަރެންވެސް މަގުމައްޗަށް ނުކުތީ މީހުން އުޅޭ ހާލު ބަލާލުމުގެ ބޭނުމުގައެވެ. އަހަރެން ހުރީ ބުރުޒު މަގުގެ މެދެއްހާ ހިސާބުގައި މަޑުކޮށްލައިގެނެވެ. މުޅި މަގުގައި އޮތީ ފޫޓަކަށްވުރެ މައްޗަށް ފެން ހެދިފައެވެ. އެ ވަގުތަކީ ގިނަ އަދަދެއްގެ ކުދިން ސުކޫލުތަކަށް ދާ ވަގުތު ކަމުން ގިނަ ބަޔަކު މަގުތައް މަތީ ހަރަކާތްތެރިވީ "ފަތާފައި" ކަހަލަ ގޮތަކަށެވެ. އާނއެވެ. އެއީ ހިތާމަވެރި މަންޒަރެކެވެ.

ބައެއް ބެލެނިވެރިންގެ މޫނުތަކުން ފެންނަމުން ދިޔައީ މާޔޫސީ މަންޒަރު ތަކެކެވެ. ބޮޑެތި ކުދިން އުރައިގެން އެއްބައި ބެލެނިވެރިން އެކުދިން ސުކޫލުތަކަށް ގެންދިޔައިރު ގިނަ ކުދިން ދިޔައީ ސުކޫލް ބޫޓާއެކު ފެންގަނޑުގައި ތެމި ފޯވެގެންނެވެ. ކުދިންތައް ތިބީ ފޮތް ދަބަހާއި އެކު ތެމި ފޯވެފައެވެ. ވިއްސާރަވުމުން ސުކޫލަށް ނުދެވިފައިވެސް އެތައް ކުދިންނެއް ތިބޭނެ އެވެ.

"ދެން މިއީ ކިހާ ދެރަކަމެއް، ތައުލީމް ހާސިލް ކުރުމަކީ އަސާސީ ހައްގެއް، އެކަމަކު މިޖެހެނީ އެތައް ހާލެއްގައި އުޅެފައި ސުކޫލާ ހަމައަށް ކުދިން ގެންދަން. މިނޫން ގޮތަކަށް މަގުތައް ހަދަން ވެއްޖެ ދޯ؟ އަހަރެމެން އެމީހުން ބުނި ވަރަަކަށް މިދަނީ ޓެކްސް ދައްކަމުންވިއްޔާ،" އިމާދުއްދީން ސްކޫލަށް ކުއްޖަކު ގޮވައިގެންދިޔަ ބެލެނިވެރިޔަކު ބުންޏެވެ.

އާދައިގެ މަތިން ވާރޭ ފޮދެއް ވެހިލާ އިރަށް މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކެކޭ އެހެނިހެން މަގުތަކެކޭ މިއަދު ތަފާތެއް ނެތެވެ. އެންމެ ތިލަކޮށް ފެންގަނޑު ބޮޑުވި ހިސާބުތަކުގައި ވެސް ފައިގެ ތަނބިކައްޓަށް ވުރެ މައްޗަށް ފެންގަނޑު އަރާފައިވާ އިރު އަނެއްބައި ހިސާބުތަކުގައި ކަކުލާ ހިސާބަށް ފެންގަނޑު ނާރާހުރީ ހަމަކިރިޔާ އެވެ.

އެހެން ހުއްޓާ ގަޑިން 8 ޖަހައިފި އެވެ. މީހުންތައް އޮފީހަށް ދިޔުމަށް ނުކުމެއްޖެ އެވެ. އޮފީހަށް ދިޔަ މީހުންވެސް އުޅުނީ "ދަތި ހާލެއްގަ" އެވެ. އަރައިގެން ހުރި ބޫޓް އަތަށް ލައިގެން ހިނގާފައި އެއްބަޔަކު ދިޔައިރު ސައިކަލްތަކުގައި ދިޔަ މީހުން ދިޔައީ ފެންގަނޑުގެ ތެރޭގައި ތެމި ފޯވެގެންނެވެ. ރީއްޗަށް ނަލަ ހެދިލައިގެން ތިބި އަންހެން ވެރިންގެ ރީތި ތާޒާކަން ހުރީ މަގުތަކުގެ ސަބަބުން ގެއްލިފައެވެ. ސައިކަލްތަކުގައި ދަތުރުކުރަމުން ދިޔަ އެތައް ބަޔަކުވެސް ދިޔައީ ތެމި ފޯވެގެންނެވެ.

"މަށަށް ހިޔެއް ނުވޭ ސައިކަލް ފުރޮޅު ފެނުގައި ޖެހޭހެނެއްވެސް. ބައެއްފަހަރު ހިތައްއަރާ މިއުޅެވެނީ ޖެޓްސްކީގައި ބާވައޭ. ދެން އަހަރުން މިހާލުގައި އުޅުނަސް ވެރިން އޮފީހަށް ދުރުވާނީ ކާރު ކޮޅުގައި ދެއްތޯ،" ސައިކަލްގައި އޮފީހަށް ދިޔަ މީހަކާ ވާހަކަ ދައްކާލުމުން އޭނާ ބުންޏެވެ.

ރާއްޖޭގެ ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވިއްސާރަވުން މިވަނީ "ބޮޑު ވޭނަކަށް" ވެފަ އެވެ. ކިރިޔާ ވާރޭ ފޮދެއް ވެހިލާއިރަށް މީހުންގެ އަގު ބޮޑެތި އުޅަނދުތައް ފެންގަނޑުގެ އަޑިންދާއިރު އަނެއްބަޔަކު މި ތިބެނީ މަގުގައި ހިނގާ ނުލެވިފައެވެ. ވާރޭ ވެހޭއިރަށް ވުރެ ވާރޭ ހުއްޓައިލުމުން މަގުތަކުގައި ހަރަކާތްތެރިވާން އުނދަގުލެވެ. ކާރުތަކާއި ސައިކަލް ތަކަށް ވެސް މިކަމުގެ ސަބަބުން އެތައް މާލީ ގެއްލުމެއް ކުރިމަތިވެއެވެ. އަދި ހަމައެހެންމެ ބައެއް ގޭގެއަށްވެސް އެތައް ގެއްލުމެއް ވެއެވެ.

"ވާރޭ ފޮދެއް ވެހޭއިރަށް އަމީނީމަގު ކަހަލަ ބޮޑެތި މަގުތަކުގައި ދުއްވަން ހެޔޮނުވާނެ. ސަބަބަކީ އިންޖީނުގައި ފެންޖެހޭތީ. އެކަމުގެ ސަބަބުން ކާރަށް ގެއްލުންވެ ބޮޑު ހޭދައެއް އަތުން ކުރަންޖެހޭ،" 13 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ޓެކްސީ ކުރުމުގައި ހަރަކާތްތެރިވެފައިވާ އަލީ ހުސެއިން ބުންޏެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ މިހާރަކަށް އައިސް ދިމާވާ މައްސަލައެއް ނޫނެވެ. އެތައް ދުވަހެއް އެތައް އަހަރެއް ވެއްޖެ އެވެ. އެކަން ދިމާވި ފަހުން އެތައް ވެރިކަމެއް ނިމިގެން ވެސް ހިނގައްޖެ އެވެ. ކިރިޔާ ބޯކޮށް ވާރޭ ފޮދެއް ވެހޭއިރަށް އަމީނީމަގުގެ ބޮޑުބައެއްގައި ފެންބޮޑުވެ އެވެ. އަދި އޭގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި އިންތިހާއަށް ފެންބޮޑުވެ އެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލާއި ބުރުޒުމަގުގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭ ފެރީ ޓާމިނަލްއާއި ދިމާލުން ބޮޑުތަކުރުފާނު މަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު މާލޭ ސިޓީ ކައުންސިލުން، މިހާރު ވަނީ އެ މަސައްކަތް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔްއެސްސީ)އާ ހަވާލުކޮށްފަ އެވެ. މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވީ، އެ އެއްބަސްވުމަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހިއްކުމަށް ބަހައްޓާފައިވާ ޕަންޕުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ޕަންޕުތައް މަރާމާތުކުރުމުގެ ޕްރޮޖެކްޓް ކަމަށެވެ.

"ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިކަމުގެ ސަބަބުން ލިބިގެންދާނެ. ނަމަވެސް ފެންބޮޑުވުން އެއްކޮށް ނުހުއްޓުވޭނެ،" ޝިހާބް ވިދާޅުވި އެވެ.

ޝިހާބް ވިދާޅުވީ، މާލޭގައި ފެންބޮޑުވުން އެއްކޮށް ހައްލުކުރުމަށް މަސައްކަތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ވާނެ ދުވަހެއް ދަންނަވަން އަދި ނޭނގޭ ކަމަށެވެ.

މާލޭގެ މަގުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި މަގުތަށް އަލުން ހެދުމަށް ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ޓަކައި މަގުތައް ތަރައްގީކޮށް ޑިޒައިންކޮށް މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ.

މިއީ ވާހަކަ ދައްކާލައިގެން ނުވަތަ އެއްބަޔަކު އަނެއް ބަޔެއްގެ ބޮލަށް ޖަހައިގެން ތިބެވޭ ވަރުގެ މައްސަލައެއް ނޫނެވެ. ވެރިރަށުގައި ދިރިއުޅޭ އެތައް ރައްޔިތުންނަށް ދިމާވާ ގޮންޖެހުމެވެ.

ދޮޅުލައްކައާ ގާތްކުރާވަރުގެ ބޮޑު އާބާދީއެއް ދިރިއުޅޭ މި ކުޑަކުޑަ ވެރިރަށުގައި ތޮއްޖެހިފައިވާ މީހުންތައް، ވާރޭ ފޮދެއް ވެހިލާއިރަށް މިޖެހެނީ މަގުތަކުގައި "ބިކަތެޅޭ"ށެވެ. މަގުތަކުގައި ހެދޭ ބޮޑެތި ފެންގަނޑުތަކުން ހަމަ އެކަނި ތެމެނީކީ ނޫނެވެ. މިހުރިހާ ކުނިބުންޏަކާއެކު ތަޣައްޔަރުވެފައިވާ ފެންގަނޑު ތެރޭގައި ހިނގާފައި އުޅެން ޖެހުމުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވާނެ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ހޭލާނީ ކޮންދުވަހަކުން ބާއެވެ. މިކަމަށް ހައްލެއް އަންނާނީ ކޮން ދުވަހަކުން ބާއެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް