ގުރައިދޫގައި އޯ ލެވެލް ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި ގެއްލިއްޖެ

ކ. ގުރައިދޫގައި އޯލެވެލް ޓެސްޓް ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި އާއި އެ ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅުދަނޑި ގެއްލިއްޖެ އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މިރޭ "ސަން"އަށް ވިދާޅުވީ އޯލެވެލް އިމްތިހާންގެ ޕޭޕަރުތައް ބަހައްޓާފައި ހުންނަނީ ސެކިއުރިޓީ ވަރުގަދަކޮށް ސްކޫލްގައި ހަދާފައި ހުންނަ ކޮޓަރިއެއްގެ ތިޖޫރީގައި ކަމަށެވެ. އަދި އެ ކޮޓަރީގައި ތިން ތަޅު ހުންނާނެ ކަމަށާއި އެއިން ކޮންމެ ތަޅަކަށް ބޭނުން ކުރަނީ ވަކި ތަޅުދަނޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތިން ތަޅުގެ ތިން ތަޅުދަނޑީގެ ތެރެއިން ދެ ތަޅުދަނޑި އޮންނަނީ ސްކޫލްގައި ކަމަށާއި އަނެއް ތަޅުދަނޑި ހަވާލުކޮށްފައި ވަނީ ރަށު ޕޮލިސް ސްޓޭޝަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ގެއްލިފައި ވަނީ ސްކޫލާ ހަވާލުކޮށްފައިވާ ތަޅުދަނޑިއެކެވެ. އެ ތަޅުދަނޑިއާއެކު ކޮޓަރީގެ ތެރޭގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި ވެސް ވަނީ ގެއްލިފަ އެވެ.

"އެ ކޮޓަރިއަކީ ކޮންކްރިޓް ބޮލޮކް ގަލުން ވަރަށް ވަރުގަދަ އަށް ހަދާފައި ހުންނަ ކޮޓަރިއެއް. އެތަނުގެ ދޮރު ވެސް ހުންނަނީ ދަނގަޑުން ހަދާފައި. ދޮރުގެ ދެ ތަޅުދަނޑި އާއި ތިޖޫރީގެ ތަޅުދަނޑި ގެއްލިގެން ފުލުހުންނާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގުރާދޫގައި އޯ ލެވެލް ޓެސްޓް ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި އާއި އެ ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅުދަނޑި ގެއްލުނުއިރު، މާދަމާ ހެނދުނު 9:00ގައި އޯ ލެވެލް އިނގިރޭސީ އިމްތިހާނު އޮންނާނެ އެވެ.

ޓެސްޓު ޕޭޕަރުތައް ބަހައްޓާފައި ހުރި ތަނުގެ ތަޅުދަނޑި ގެއްލުނުކަން އެނގުނީ މިއަދު ހަވީރު ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަޅުދަނޑި ގެއްލުނީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މިއަދު މާލެ ދާންވެގެން އެ ސްކޫލްގެ އިސްލާމް ޓީޗަރު އަތަށް ތަޅުދަނޑި ހަވާލުކޮށްފައި ވަނިކޮށް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު "ސަން"އަށް މިރޭ ވިދާޅުވީ އޯލެވެލްގެ ޕޭޕަރުތައް ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅުދަނޑި ގެއްލިގެން އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި މާދަމާ އިންތިހާން ބާއްވަންވާ އިރަށް ތަޅު ދަނޑި ނުފެނު ކަމުގައި ވިޔަސް އިމްތިހާން ބޭއްވޭނެ ގޮތެއް ހަމަޖައްސާދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ރަށުގައި ވެސް މާދަމާ ހެނދުނު 9:00 ޖަހާއިރު އިނގިރޭސި މާއްދާގެ އިމްތިހާނު ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު