އޭވައިއެލުން ލަނޑު ގޯންޏެއް ޖަހައި ޔުނައިޓެޑް ވިކްޓްރީ ލަދު ގަންނަވާލައިފި

ދިރާގު ދިވެހި ލީގު ކޮލިފިކޭޝަންގެ ދެ ވަނަ މެޗުގައި އޯލް ޔޫތު ލިންކޭޖު (އޭވައިއެލް) އިން 13 ލަނޑު ޖަހައި ޔުނައިޓެޑް ވިކްޓްރީ ލަދު ގަންނަވާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭވައިއެލްގެ މިޑްފިލްޑަރު ބަހުޖަތު އަބްދުލް އަޒީޒް ވަނީ ފަސް ލަނޑު ޖަހާފަ އެވެ. އަދި އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފެން ލޯގާ ބޯގާ ވަނީ ހަތަރު ލަނޑު ޖެހާފަ އެވެ.

މެޗު ފެށިތާ 35 ވަނަ ސިކުންތުގެ ތެރޭގައި އޭވައިއެލްގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ އަހުމަދު ޖިނާހެވެ. އެއަށްފަހު މެޗުގެ 11 ވަނަ މިނެޓުގައި ބަހުޖާތު ފުރަތަމަ ގޯލު ވަނީ ޖަހާފަ އެވެ.

އެއަށްފަހު 17 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ޖެހިޖެހިގެން ސްޓެފެން ތިން ގޯލު ޖެހި އެވެ. އެއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 5-0 އިން ބޮޑު ތަފާތަކާއެކު އޭވައިއެލް ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނެޓުގައި ވިކްޓްރީގެ އަހުމަދު ޝުޖާއު އޭވައިއެލްގެ ބަހުޖަތު ފައުލް ކުރުމާއި ގުޅިގެން ލިބުން ޕެނަލްޓީއަކުން ސްޓެފެން ހަތަރުވަނަ ގޯލު ޖެހި އެވެ.

ބަހުޖަތުގެ ތިން ވަނަ ގޯލު ޖަހާފައި ވަނީ މެޗުގެ 81 ވަނަ މިނެޓުގައި ސިފާއު ފޮނުވައިދިން ބޯޅައަކާއެކު އެވެ. އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާވެސް ބަހުޖަތުގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ. އަދި މެޗުގައި އޭނާ ޖެހި ފަހު ލަނޑު ޖެހީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ.

މިއަދުގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ހަތް ވަނަ ގޯލު ޖަހާފައި ވަނީ ބަހުޖަތު ނަގައިދިން ހުރަހަކުން އޭވައިއެލްގެ މިޑްފީލްޑަރު އާދިލް އަބްދުލް ރަހުމާނެވެ. މެޗުގެ 79 މިނެޓުގައި އާދިލް ނަގައިދިން ބޯޅައަކާއެކު ޑިފެންޑަރު އަހުމަދު ސިފާއު ޓީމަށް ގޯލެއް ޖެހި އެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅު ހަސަން ނޫރިޝް އޭވައިއެލްގެ އާދިލް ފައުލް ކޮށްލުމާ ގުޅިގެން ލިބުން ޕެނަލްޓީގައި ޓީމަށް 13 ވަނަ ގޯލު ޖަހާފައި ވަނީ ގޯލު ކީޕަރު އަބްދުﷲ ޒިޔަޒަނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު