ލޭނާރު ވެސް އެ މީހުންނަށް

މާރުކޭޓް ސަރަހައްދަށް ދިޔައީމެވެ. މަހުގެ އަގު އަހާލުމުން ޖަވާބު ލިބުނީ ބީރައްޓެހި ރާގަކަށެވެ. އެހެން މީހެއްގެ ކައިރިވެސް މަހުގެ އަގު އަހާލީމެވެ. ހަމަޖަވާބު ލިބުނީ އެރާގަށެވެ. ޖުމުލަ ފަސް މީހުން ކައިރި މަހުގެ އަގު އަހާލުމުން ވެސް ޖަވާބު ލިބުނީ އެއް ރާގަކަށެވެ. އެރާގަކީ އަލަށް ދިވެހި ބަހަށް އިތުރުވަމުން އަންނަ ބަހުުރުވައެއް ކަމުގައިވާ ބިދޭސީ ބަހުރުވަ އެވެ. އާއެކެވެ. ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިންގެ ގޮތުގައި ވެސް ބިދޭސީން އިންތިހާއަށް ހަރަކާތްތެރިވަނީ އެވެ. ހަމައެކަނި މަސް ވިއްކާކަށް ނޫނެވެ. މަސް ބޭނުމުގައި ވެސް އެ މީހުން ދަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެ ބޮޑު ނަފާއެއް ހޯދަމުންނެވެ.

އަބްދުއް ސަމަދު އަކީ36 ، އަކީ ބަނގުލަދޭސް ރައްޔިތެކެވެ. އޭނާ އަކީ ޓޫރިސްޓުން ވިސާގައި ރާއްޖެ އައިސް އާންމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ ފުރަތަމަ އުޅުނީ މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށެވެ. އޭރު އޭނާގެ މުސާރައަކީ 150 ޑޮލަރު ނުވަތަ 2313 ރުފިޔާ އެވެ. މާ ގިނަ ދުވަހު އެ މަސައްކަތެއް ކުރާކަށް ސަމަދު ނުވިސްނި އެވެ. އެ މުސާރަ އާ މެދު ހިތްހަމަނުޖެހޭތީ އެވެެ. ގިނަ ފައިސާ ލިބޭނެ މަސައްކަތެއް ކުރުމަށް އޭނާ ބޭނުންވި އެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ސަމަދު އިހުތިޔާރު ކުރީ ބިދޭސީން ކުރަން މުޅިން މަނާ މަސައްކަތެއް ކަމަށްވާ މަސްވެރިކަމެވެ.

"ބައިވަރު ލާރި ބޭނުންވަނީމާ އަހަރެން މަހަށް ދާން އަންނަނީ، މި މަސައްކަތް މާ ރަނގަޅު ކޮންމެ ވީކެއްގައި ސެލެރީ ލިބެނީ،" ލިބޭ އާމްދަނީއާ މެދު ހިންހަމަޖެހިފައި ހުރި ސަމަދު ހީލާފައި ބުންޏެވެ.

ސަމަދު ބުނި ގޮތުގައި މިހާރު އޭނާ އަށް މަހެެއްގެ މައްޗަށް ބައެއް ބައެއް ފަހަރު 20،000 ރުފިޔާ ނުވަތަ 1،000 އަށް ވުރެ ގިނަ ޑޮލަރާ ގާތް ކުރާ އަދަދަކަށް އާމްދަނީ ލިބެ އެވެ. އޭނާ އޭގެ ބޮޑު ބައެއް ކޮންމެ މަހަކު ވެސް ރަށަށް ފޮނުވާ ކަމަށް ބުންޏެވެ. އެގޮތުން އާންމު ގޮތެއްގައި 900 ޑޮލަރު އޭނާ ގައުމަށް ފޮނުވާކަމަށް ސަމަދު ބުންޏެވެ.

ދިވެހި ކާބަފައިންގެ ޒަމާނުންސުރެ ކުރަމުން އަންނަ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަން ރަހީނުކޮށްފައިވާކަން ސާބިތުކުރާކަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެ އެވެ. މަސް މާރުކޭޓް ސަރަހައްދާއި މަސްވެރި އުޅަނދުފަހަރު އަޅާފައި ހުންނަ ސަރަހައްދަށް ގޮސް ގަޑިއިރެއްހާ އިރު ހޭދަކޮށްލުމުން ވެސް ދިވެއްސަކަށްވީތީ ހިތްދަތިވާ ފަދަ މަންޒަރުތައް ފެނިގެންދާނެ އެވެ.

މާލޭގައި މަސްވެރިން ހަރަކާތްތެރިވާ ސަރަހައްދުގެ ހާލަތައް ބަލަމާތޯ އެވެ. މަސް ގަންނަން ގޮސް މިއީ ކޮންވައްތަރެއްގެ މަހެއް ތޯ އަހާލައިފި ނަމަ މަސް ވިއްކަން އިންނަ މީހާއަށް ޖަވާބު ދޭކަށް ނޭންގެ އެވެ. ސަބަބަކީ މަސް ވިއްކަން އިންނަމީހާ އަކީ މަސްވެރި ގައުމަކަށް ނިސްބަތްނުވާ ބިދޭސީއަކަށް ވުމުންނެވެ. މަސްވެރި އުޅަނދު ފަހަރު އަޅާފައި ހުންނަ ސަރަހައްދަށް ގޮސް ބަލާލާއިރު ބުރަ މަސައްކަތުގައި ފޯރިއާއެކު ހަރަކާތްތެރިވާތަން ފެންނާނީ އެއްކަހަލަ ބިދޭސީ މަސްވެރިޔާ އެވެ. ދިވެހިން ވާހަކަ ދައްކާ އަޑަށް ވުރެ ބިދޭސީ ބަހަކުން ބިދޭސީއިންގެ ވާހަކަތަކާއި ފޯން ކޯލްތަކުގެ އަޑު އެ ދޯނި ފަހަރުގައި މަޑެއް ނޫނެވެ. އެބައި މީހުން ވެސް އުޅޭތަނެއްގައި އެ މީހުން އަޑު ހުންނާނެތާ އެވެ.

"މަސްވެރިކަމުގައި ބިދޭސީން އުޅޭތާ ހައެއްކަ އަހަރުވެއްޖެ، އޭރުން މިކަން ފެށި ވަރަށް މަޑުމަޑުން، އެކަމަކު މިހާރު މިވަނީ ހައްދުން ނައްޓާފައި، 100 ދޯނީގެ ތެރެއިން އެއް ދޯނީގައި ވެސް ބިދޭސީ އިން ނޫޅެނުދާނެ، އޭގެ ތެރެއިން ބައެއް ދޯނިތަކުގައި އެބައުޅޭ ތިން މީހުން ހަތަރު މީހުން ވެސް،" މަސްވެރިއެއް ކަމަށްވާ މުހައްމަދު އަލްސަން ބުންޏެވެ.

ބެލިބެލުމުން އެނގުނު ގޮތުގައި ކަންނެލި ދޯނި ފަހަރުގައި އާންމު ގޮތެއްގައި ބިދޭސީން މަހަށް ގެންދާ މައިގަނޑު ސަބަބަކީ ދޯނީގައި ކެއްކުމަށެވެ. އެކަމަކު މަސްވެރިކަން ކުރުމަށް ވެސް ބިދޭސީން ގެންގުޅެ އެވެ. ކަންނެލި މަސްވެރިކަމުގެ އިތުރުން މާލޭ ސަރަހައްދުގައި ކުރަމުންދާ ފަރުމަހުގެ މަސްވެރިކަމާއި މުށިމަހުގެ މަސްވެރިކަމުގައި ވެސް ގިނަ އަދެދެއްގެ ބިދޭސީިން ހަރަކާތްތެރިވާކަން އެއީ ކަށަވަރުވާ ކަމެކެވެ. މާލޭ މަސްމާރުކޭޓްގައި ގިނަ އަދަދެއްގެ ބިދޭސީން މަސް ވިއްކުމުގައި ހަރަކާތްތެރިވާކަން ވެސް އެތަނަށް މަސްގަންނަން ދާ ކޮންމެ މީހަކަށް ޔަގީން ކުރެވޭނެ އެވެ.

ބިދޭސީ ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން އެ މީހުން މަހަށް ދާ ބައެއް އެހެން ސަބަބުތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބޮޑު އާމްދަނީއެއް ލިބުމާ އެކު ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވުމެވެ. ހަމައެހެންމެ ވިސާ ނެތި އުޅޭ ބިދޭސީއިންނަށް ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރުމުން ފިލައިގެން އުޅެން ވެސް ފަސޭހަ ކަމަށް އެމީހުންނާއި ވާހަކަ ދައްކާލުމުން އެނގެ އެވެ.

"ދޯނީގައި މަހަށް ދަނީމާ ދޯނިން ކައްކާފައި ކާން ލިބެނީ، ނިދަން ގެސްޓް ހައުސް ހިފަން ވެސް ނުޖެހެނީ. އެހެންވީމާ ބައިވަރު ސޭވް ވަނީނު،" ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން ކުރާ ބިދޭސީއަކު ބުންޏެވެ.

ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީން މަސްވެރިކަމުގެ ދާއިރާގައި ގެންގުޅެނީ ކީއްވެގެންބާ އެވެ؟

"ހަގީގަތުގައި ވާގޮތަކީ ބިދޭސީން ހަދާނެ ބުނާހާ ގޮތެއް، ކައްކާށޭ ބުނިއްޔާ ކައްކާނެ، ބުނިހާ ގަޑިޔަކު މޫދަށް އެރެން ވެސް އެ މީހުން ރެޑީވޭ، އަނެއް ކޮޅުން ކެޔޮޅުމެން ގޭގެއަށް ގޮސް މަސް ކަޑައިދީ ބުނިހާ ގޮތެއް ހަދާނެ ބިދޭސީން، އެކަމަކު ދިވެހިން ނޫޅޭނެ ދޯ އަޅުންނަށް ވެގެނެއް، އެހެންމެ ކެޔޮޅުންނަށް ބިދޭސީން ކަމުދަނީ،" ގއ. ރަށަކަށް ނިސްބަތްވާ މަސް ދޯންޔަކުން ކަންނެއްޔަށް ދާ އިބްރާހިމް އިހުސާން ބުންޏެވެ.

މަސްވެރިކަމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ބިދޭސީން ހަރަކާތްތެރިވެ އެ ދާއިރާ އިން ބޮޑު ނަފާއެއް ހޯދަމުންދާއިރު އެކަމަކީ ކަޅާއި ހުދުން ލިޔެ މަނާކޮށްފައިވާ ކަމެކެވެ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާ ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ދިވެހިންގެ ލޭނާރަށް ބިދޭސީންގެ އަތްގަދަ ކޮށްފައިވާ އިރު ދިވެހިންގެ އިގްތިސާދުގެ ގިނަ ދާއިރާތަކަށް "ބިދޭސީ ބަލިމަޑުކަމެއް" އައިސްފައިވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަޒީފާއެއް ނެތި 38،493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓެވެ. އިމިގުރޭޝަންގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދެއެވެ.

މަސްވެރިކަމުގައި އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅޭތޯ ސުވާލުކުރުމުން އިމިގުރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ބިދޭސީން މަސްވެރިކަމުގައި ހަރަކާތްތެރިވާނީ މާރުކޭޓުގެ ސަރަހައްދު ބަލައި ރެއިޑް ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ ބައެއް ބިދޭސީން ބެލުމުގެ ދަށަށް ގެނެސް ރާއްޖޭން ބޭރަށް ފޮނުވާލާފައިވާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"ދޯނިން މަސް ހިފައިގެން މާރުކޭޓަށް ގެންދަނިކޮށް ހުންނާނެ އަތުލައިގަނެފައި،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީ މަސްވެރިންގެ މައްސަލަ އިމިގުރޭޝަނަށް ރިޕޯޓް ކުރީމުން އެ އިދާރާ އިން އެ ކަމެއް ބަލާނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް މާރުކޭޓް ސަރަހައްދު ރަނގަޅަށް ބަލަހައްޓަމުން ގެންދާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ބިދޭސީންގެ ވާހަކަތައް އަހަރެންގެ ރިޕޯޓުތަކުގައި ލިޔެވޭލެއް ވަރަށް އިތުރެވެ. ސަބަބުތަކެއް ނެތީއެއް ނޫނެވެ. މިއީ މިއަދު މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ފަހަރަކު ދާއިރާއެއް ފަހަރަކު ދާއިރާއަކަށް އަތް ގަދަކުރަމުން ގޮސް މުޅި އިގްތިސާދު މި ވަނީ ބިދޭސީއިންގެ އަތް ދަށަށް ލައިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އެކަމަކައި ދޭތެރޭ ފަހުރުވެރިވުން ހައްގު މަސްވެރިކަން، ނުވަތަ ދިވެހިންގެ ލޭނާރު ވެސް މިވަނީ ރަހީން ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް