އައްސަދުﷲގެ ހަތަރު ލަނޑާއެކު މާޒިޔާއަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މިއަދު މަހިބަދޫ ސްޕޯޓްސް ކްލަބާ ބައްދަލު ކުރި މެޗުން އަބްދުﷲ އައްސަދުﷲގެ ހަތަރު ގޯލުން 6-1 ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުއިން ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.

މިއަދުގެ މޮޅާއެކު މާޒިޔާ ވަނީ ވަގުތީކޮށް ދިވެހި ލީގުގެ ތާވަލުގެ އެއް ވަނައަށް އަރާފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު މާޒިޔާއިން ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ދެ ވަނަ މިނެޓުގައި ޓީމުގެ ފޯވާޑު އައްސަދު އަލީ (އަޑުބަރޭ) މަހިބަދޫ ޓީމުގެ މުހައްމަދު ޖަޒުލާންކޮށްލި ފައުލްއާކާއެކު ލިބުން ޕެނަލްޓީއަކުންނެވެ.

މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ޓީމުގެ ގޯލު ކީޕަރު މުހައްމަދު ސަމްދޫހް ފޮނުވާލި ބޯޅައިން ޓީމަށް ދެ ވަނަ ގޯލެއް ކާމިޔާބުވީ މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ޔެނިކް ޓެހީ ބޮލުން ޖެހި ބައި ކޮޅަށް ބޯޅަ ވަނުމުންނެވެ. މާޒިޔާއަށް ދެ ގޯލުގެ ލީޑު ލިބިފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓު ވެފައިވަނިކޮށް ޓެހީ، އަޑުބަރޭ ފައުލު ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކާއެކު އައްސަދުﷲ ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުނީ 3-0 ލަނޑާއެކު މާޒިޔާއިން ތިން ލަނޑުގެ ލީޑު ނަގައިނެވެ.

ދެ ވަނަ ހާފު ފެށުމުން މަހިބަދޫއިން ކުޅުން ރަނގަޅުކޮށް މެޗުގެ 51 ވަނަ މިނެޓުގައި ގޯލެއް ޖަހާފަ އެވެ. މި ގޯލު ޖަހާފައި ވަނީ މަހިބަދޫގެ ޑިފެންޑަރު އިސްމާއިލް ނަޒީރެވެ.

ނަމަވެސް އެ ގޯލު ޖެހުމުގެ މާ ގިނައިރު ތަކެއް ނުވެ އައްސަދުﷲގެ ދެ ވަނަ ގޯލު ވަނީ ޖަހާފަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި އައްސަދުﷲ މި ގޯލު ޖަހާފައި ވަނީ އަޑުބަރޭ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ސާޖެސް ޕެޓްރިކް ވަނީ އައްސަދުﷲ ފައުލް ކޮށްލާފަ އެވެ. އެއާއެކު ޕެޓްރިކް އަށް ރަތް ކާޑެއް ލިބިފައިވާއިރު މާޒިޔާއަށް ލިބުން ޕެނަލްޓީއަކާއެކު އައްސަދުﷲ ވަނީ ގޯލު ޖަހާ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ހަތަރު ލަނޑަށް އިތުރުކޮށްފަ އެވެ.

މެޗުގެ އެންމެ ފަހު މިނެޓު ސަމްދޫހު ނެގި ހުރަހަކާއެކު އައްސަދުﷲ ވަނީ އޭނާގެ ހަތަރު ވަނަ ގޯލު ޖަހާފަ އެވެ. މެޗު ނިމުނީ 6-1 އިން މާޒިޔާ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ދިވެހި ލީގުގައި މިރޭ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލު ކުރާނީ ވެލެންސިއާ އާއި އީގަލްސެވެ. މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު