ހުކުމް ތަންފީޒު ކުރާ މީހުންގެ އަދަބު ލުއިކޮށްދޭ މުއްދަތު އަވަސް ކުރަން ހުށަހަޅައިފި

ކުށެއް ކުރި ކަމަށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަބު ލުއި ކުރާ މުއްދަތު އަވަސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ތައްޔާރުކޮށްފައިވާ އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) އެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ތާރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުވެ ނިމުމުން ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސަށް ހުށަހަޅަން ޖެހޭނީ ހުކުމް ތަފީޒު ކުރާތާ ތިން ބައިކުޅަ އެއްބައި ތަންފީޒުވެ ނިމުމުންނެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ހުށަހެޅި ސަބަބާ ބެހޭ ގޮތުން ތާރިގު ސްޕޮންސާ ކުރައްވާފައިވާ ބިލުގައި ބުނެފައި ވަނީ ކުރިން އަމަލު ކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަދަބު ދީފައިވާ މީހުންނަށް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިދީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.

"މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނަކަށް ޑިސެންބަރު 31، 2011 ގައި އަމަލު ކުރަން ފަށާފައިވާއިރު، ކުރީގެ ގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް، 1 ގްރާމަށް ވުރެ، ގިނައިން އަތުގައި ހުރެގެން ހަމައެކަނި އެ ސަބަބަށްޓަކައި ސާބިތުވިނަމަވެސް، މިއަދު، އާ ގާނޫނުގެ ދަށުން އެ ކުށުގެ ރުކުންތަކާއި އުންސުރުތަކާއި އަތުގައި ހުންނަޖެހޭ މިންވަރުތައް ބަދަލުވެފައިވާތީ، ކުރީގެ ގާނޫނުގެ ދަށުން ހުކުން ތަންފީޒު ކުރަމުންދާ މީހުންނަކީ އާ ގާނޫނުގެ ދަށުން ކުށް ކުރި ބައެއްނަމަ ގިނަބަޔަކު އެކުށުގެ ތެރެެއަށް ފެތިގެން ނުދާނެ އެވެ،" ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު