ދިއްފުށީގައިވެސް ބޭސް ފިހާރައެއް ހުޅުވައިފި

ދިއްފުށިން އަހުމަދު ސާއިލް އަލީ

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކ. ދިއްފުށީގައި ވެސް އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން މިއަދު ދިއްފުށީގައި ހުޅުވި ބޭސް ފިހާރަ ހުޅުއްވައިދެއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ އާދަމް އާޒިމްއެވެ.

އާސަންދައިގެ ހިދުމަތް ލިބޭ އެ ބޭސް ފިހާރަ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެސްޓީއޯ އާއި ހަވާލުކޮށްފައިވާ ޒިންމާއަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އަދި މީގެ ފަހުން ދިއްފުށީގެ ރައްޔިތުން އެއްވެސް ބޭހެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ފިހާރާގައި ބޭސް ނެތިއްޖެނަމަ މި ފާމަސީގައި ބޭސް ސިޓީ ބޭއްވުމުން އެންމެ އަވަހަށް މާލެއިން އަންނަ ދޯންޏަކުން ބޭސް ގެނެސް ދޭނަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިއަށްއޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ދިއްފުށީ ސިއްހީ މަރުކަޒަށް ބޭނުންވާ ސާމާނު ވެސް އެސްޓީއޯއިން ފޯރުކޮށްދޭނެ ކަމަށެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޭސް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫން ކަމަށާއި އެހިދުމަތް ރައްޔިތުންނަށް ދެއްވާތީ އެސްޓީއޯއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.

ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު