އާންމު ދަތުރުފަތުރު ބޭނުންކުރާ މީހުންނަށް ރަން ހަދިޔާކުރަނީ!

ޑުބާއީގެ ރައްޔިތުން އެއްތަނުން އަނެއްތަނަށް ދިޔުމަށް، އާންމު ދަތުރުފަތުރުކުރުމަށް ހަމަޖައްސާފައިވާ ޓްރެއިން، ބަސް، މެޓްރޯ ފަދަ ނިޒާމުތައް ހިޔާރުކުރުމަށް ބާރުއެޅުވުމަށް އެގައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ދަތުރުފަތުރު ބޭނުންކުރާ މީހުންނަށް ރަން ހަދިޔާކުރަން ނިންމައިފި އެވެ.

ބީބީސީ އިން އިއްޔެ ބުނި ގޮތުގައި ޑުބާއީގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ދަތުރުފަތުރު ކުރާ މީހުންނަށް އިނާމެއްގެ ގޮތުގައި ހަތަރު ކިލޯގެ ރަން ހަދިޔާކުރަންް ނިންމީ އެ ގައުމުގައި ކޮންމެ ނޮވެމްބަރު މަހެއްގެ އެއްވަނަ ދުވަހު ފާހަގަކުރަމުން އަންނަ އާންމު ދަތުރުފަތުރު ކުރުމުގެ ދުވަހުގެ މުނާސަބަތުގަ އެވެ.

"މިއިވެންޓުގެ މައިގަނޑު އަމާޒަކީ ޑުބާއީގެ ރައްޔިތުން ޕްރައިވެޓް ވެހިކަލް ގެންގުޅުން ހުއްޓާލައި އާންމު ދަތުރުފަތުރު ބޭނުންކުރުމަށް ބާރުއެޅުން." ޑުބާއީގައި ހުންނަ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ޑރ. ޔޫސުފް އަލް އަލީ ބީބީސީ އަށް ބުންޏެވެ.

ޑުބާއީގެ އާންމު ދަތުރުފަތުރު ކުރުމުގެ ދުވަހާ ގުޅިގެން ޓިކެޓް ވިއްކައިގެން ނަސީބުވެރިންނަށް ރަނުގެ އިނާމު ދިނުމުގެ އިތުުރުން އެތައް ބައިވަރު ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ވެސް ބީބީސީ އިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ނަސީބުވެރިންނަށް އެއް މިލިއަން ދިރްހަމް (272000 ޑޮލަރު)ގެ އަގުހުރި އިނާމުތައް ހަދިޔާކުރުމުގެ އިތުރުން ސްޓްރީޓް ބޯލް މުބާރާތެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެމުބާރާތުގެ އެއް ވަނަ އިނާމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 10،000 ދިރުހަމް (2700 ޑޮލަރު) ކަމަށް ވެސް ބީބީސީ އިން ބުންޏެވެ. ނަމަވެސް އެ އިނާމުތަކަކީ ޑުބާއީގައި އާންމު ދަތުރުފަތުރު ކުރުމަށް "ޓްރެވަލް ކާޑް" ހައްދާފައިވާ މީހުންނަށް އެކަނި އޮތް ފުރުސަތެއް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

އަމިއްލަ ކާރު ގެންގުޅޭ މީހުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޑުބާއީގައި އެވަރެޖްކޮށް ބަލާ ނަމަ ކޮންމެ އާއިލާއަކަށް ދެ ކާރު އޮންނަ ކަމަށް ގަލްފް ނިއުސް އިން ސެޕްޓެމްބަރު މަހު ކުރި ސާވޭއަކާ ހަވާލާދީ ބީބީސީ އިން ބުނެފައިވެ އެވެ. އަދި އާންމު ދަތުރުފަތުރުގެ ތެރޭގައި ހިމެނޭ ޓްރެއިން، މެޓްރޯ، ކާރު އަދި ބަސް ފަދަ ދުއްވާ އެއްޗެހި ބޭނުންކޮށްފައި ވަނީ ހަމައެކަނި 13 ޕަސެންޓް މީހުން ކަމަށް އެ ސާވޭގައި ބުނެފައިވާ ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު