ފެންފޯއް ރުއްތައް ކެނޑުމުގައި ފުލުހުންގެ އަތެއްވާ ކަމަށް ދައްކާ ވާހަކަތައް ދޮގުކޮށްފި

މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ކެނޑުމުގައި ފުލުހުންގެ އަތެއްވާ ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ރުއްތައް ކެނޑީ ފުލުހުންނަށް އެނގިގެން ނޫން ކަމަށާއި އަދި އެކަމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި ރުއްތައް ކެނޑި ކަމަށް ބުނެ ފުލުހުންގެ ބޮލުގައި އަޅުވާ ތުހުމަތަކީ ފުލުހުންގެ ތަސައްވުރު ނުބައި ކުރުމަށް ދައްކާ ވާހަކަ ތަކެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނާ ދޭތެރޭ ރައްޔިތުން ކުރާ އިތުރުބާރު ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށެވެ.

ފުލުހުން ކުރަމުންދަނީ ގާނޫނީ މުހިންމު މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ރައްކާތެރި ކަމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލުމަށްފަހު މަސައްކަތެއް ނެތިގެން ރުއްގަސް ކަނޑަންދާންޖެހޭ ހިސާބަށް އަދި ފުލުހުން ނުދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރުދުށް ބައެއް މީހުން ބުނީ ފެންފޯއްރުއްތައް ކަނޑާލާފައި ވަނީ ކަތިވަޅި ބޭނުންކޮށްގެން ކަމަށާއި އެކަން ކޮށްފައި ވަނީ މޫނުނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ.

އިއްޔެ ރެ އާއި މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ބަޔަކު ވަނީ މަޖީދީމަގުގައި ހުރި ބައެއް ފެންފޯއް ރުއްތަކެއް ކަނޑާލާފައެ ވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި އެއްލައްކަ ފެންފޯއްރުއް މަޖީދީމަގުގައި އިންދާފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ނެވެ. މީގެކުރިން ސިޔާސީ ހަލަބޮލިވުންތަކުގައި ބައެއް ފެންފޯއްރުއްތައް އުފުރާލާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު